ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ހާއްސަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި "ކާމް ރޫމް" އެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހުޅުވައިފިއެވެ.

"ބޮލި" ގެ ނަމުގައި ތައާރަފުކުރި މި ޕްރޮގްރާމުގެ ދަށުން ހުޅުވި ކާމް ރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. މި ހަފުލާގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، އޯޓިޒަމް ކެއާ މޯލްޑިވްސް އަދި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

7 ޖޫން 2026، ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ހާއްސަކޮށްގެން ވީއައިއޭގެ ޓާމިނަލް 1 ގައި "ކާމް ރޫމް" އެއް ހުޅުވުމަށް ބޭއްވި ހަފްލާގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްއޭސީއެލް

އެމްއޭސީއެލުން ބުނީ މި ކާމް ރޫމަކީ އޯޓިޒަމް ސެންސަރީ ސެންސިޓިވިޓީސް އެންޒައިޓީ ފަދަ ކަންކަން ހުންނަ ފަސިންޖަރުންނަށް އެއާޕޯޓުގެ ބުރަ މާހައުލުގެ ސަބަބުން އުފެދޭ ނުތަނަވަސްކަން ކުޑަކުރުމަށް ފަރުމާކޮށްފައިވާ ތަނެއް ކަމަށެވެ. މި ތަނުގައި ތަފާތު ސެންސަރީ އައިޓަމްތަކާއި އެކްޓިވިޓީތަކުގެ އިންތިޒާމު ހަމަޖެހިފައި ހުންނަ އިރު، ފަސިންޖަރާ އެކު އަންނަ ބެލެނެވެރިއަކަށް ވެސް މަޑުކޮށްލެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ހިދުމަތަށް އެދޭ ފަސިންޖަރުންނަށް ޓާމިނަލް 1 ގެ އިންފޮމޭޝަން ކައުންޓަރުން ހާއްސަ ލެންޔާޑަކާއި ކާޑެއް ލިބޭނެ ކަމަށާއި އެ ލެންޔާޑުގެ ސަބަބުން ހާއްސަ އެހީތެރިކަން ބޭނުންވާ ފަސިންޖަރެއްކަން ދެނެގަތުމަށް ފަސޭހަވެ އަވަސް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން އިތުރަށް ބުނީ ދުނިޔޭގެ އެކި އެއާޕޯޓުތަކުގައި ހިންގާ މިފަދަ ޕްރޮގްރާމުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ބޮލި ޕްރޮގްރާމުގެ ދަށުން ކާމް ރޫމް ހުޅުވުމަކީ ފުރަތަމަ ފިޔަވަޅު ކަމަށާއި ހުރިހާ ފަސިންޖަރުންނަށް ވެސް ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.