ޕްރޮފައިލް ރިޕޯޓް

ރިޝްތާ: ބޮޑުބެރަށް މޮޅު، ބިޔަ ރާޅުތަކުގެ ތެރޭގައި އުދުހެން އަދި މާ މޮޅު!

އަލީ ޔާމިން

4

އަންހެނަކަށް ވީތީ ބައެއް ކަހަލަ މަސައްކަތްތައް ނުވަތަ ބައެއް ކަހަލަ ކުޅިވަރުތައް ނުކުޅެވޭނެއޭ ބުނާތީ އަޑުއަހަމެވެ. ނަމަވެސް ރ. ރަސްމާދޫއަށް އުފަން އުމުރުން 22 އަހަރުގެ ރިޝްތާ ސުޖާއުގެ ނަޒަރުގައި އަންހެނަކަށް ވުމަކީ ކުރަން ބޭނުންވާ އެއްވެސް ކަމެއް ކުރުމަށް އޮތް ހުރަހެއް ނޫނެވެ. އެކަން އޭނާ އަންނަނީ ކޮންމެ ދުވަހަކުމެ ސާބިތުކޮށްދެމުންނެވެ. އެންމެ ކުޑައިރުއްސުރެވެސް ރިޝްތާގެ ވިސްނުމުގައި ހުރީ ގިނަ ކަންކަން ކުރަން އެނގޭ، ކޮންމެ ކަމެއް ކުރަން ޖެހުނަސް އެކަމެއް ކޮށްލަން އެނގޭ މީހަކަށް ވުމަށެވެ. އެ އަޒުމުގައި ރިޝްތާގެ ދުވަސްތައް ކަޑައްތުކުރަމުން އައިސް އުމުރުން 22 އަހަރު ފުރުނު އިރު، މިއަދު ރިޝްތާއަކީ ގިނަ ބަޔަކަށް ދެކިފަރިތަ މޫނެކެވެ. ތަފާތު ކުޅިވަރުތައް ކުޅޭ ޒުވާނެކެވެ.

މެޕްސް ކޮލެޖުގައި މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ރިޝްތާއަކީ ކުޅަދާނަ ބެރުވެރިއެއްގެ އިތުރުން އެތައް ބައެއްގެ ލޯބި ހޯދައިފައިވާ ނެށުންތެރިއެކެވެ. ރިޝްތާއަކީ މާސިންގާ ބިޔަރާޅުތަކުގެ މަތީގައި ބިރަކާ ނުލައި އުނދުހިލާ ރާޅާއެޅުންތެރިއެކެވެ. އެއާއެކު މާޝަލް އާޓްސްގައިވެސް ރިޝްތާއަކީ ފާހަގަކޮށްލެވޭ ޒުވާނެކެވެ.

ބޮޑުބެރުގެ ތެރެޔަށް ލޯ ހުޅުވުނު ގޮތް "ވަން"އަށް ކިޔައިދެމުން ރިޝްތާ ބުނީ، ބޮޑުބެރަށް ހިތުގައި ހާއްސަ ލޯތްބެއް ޖެހުނީ އެންމެ ކުޑައިރުއްސުރެ ބޮޑުބެރުގެ މާހައުލުގައި އުޅެން ޖެހުމުން ކަމަށެވެ. އާއިލާގެ ތެރެއިން ރިޝްތާއަށް ބޮޑުބެރުގެ ދުނިޔެއަށް ލޯހުޅުވުނުއިރު، ބޮޑުބެރުގައި ރިޝްތާއަށް ކުރިއަށްދާން ލިބުނު އެންމެ ބޮޑު ފުރުސަތަކީ ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އަންހެން ބޮޑުބެރު ގްރޫޕް "ފަތްމިނި" ބޮޑުބެރު ގްރޫޕުގައި މަސައްކަތް ކުރަމުގެ ފުރުސަތު ލިބުމެވެ. ރިޝްތާގެ އާއިލީ ބައެއް މެންބަރުންވެސް ހިމެނޭ ފަތްމިނި ގްރޫޕުގައި ރިޝްތާ އަންނަނީ ބެރުވެރިއެއްގެ އިތުރުން ނެށުންތެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުންނެވެ.

"ފަތްމިނި ބޮޑުބެރު ގްރޫޕް" އުފެދުނު ދުވަސްވަރު، އެގްރޫޕުގައި އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުސަތު ރިޝްތާއަކަށް ނުލިބުނެވެ. އެއީ އެ ދުވަސްވަރު ރިޝްތާ ދިރިއުޅެމުން އައީ އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ކަމަށް ވުމުންނެވެ. ނަމަވެސް އެއިރުވެސް ރިޝްތާ ދިޔައީ ސަޕޯޓަރެއްގެ ރޯލު ފުރިހަމައަށް އަދާކުރަމުންނެވެ. ޗުއްޓީތަކުގައި ރާއްޖެއަށް އައިސް ފަތްމިނި ގްރޫޕާއެކު ރިޝްތާ މަސައްކަތް ކުރިއެވެ.

ލަންކާގައި ސާނަވީ ތައުލީމު ނިންމައި، ރިޝްތާ މާލެއަށް ބަަދަލުވުމަށް ފަހު ފަތްމިނި ބޮޑުބެރު ގްރޫޕުގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާން ފެށިއެވެ. ހިތާނީ ޝޯތަކާއި އީދު ޝޯތަކުގައި ފަތްމިނި ގްރޫޕުގައި ރިޝްތާ ވަނީ އޭނާގެ ހުނަރު އެތައް ބަޔަކަށް ދައްކައިދީފައެވެ. ބެރުޖެހުމާ އެއްވަރަށް ނެށުމަކީވެސް ރިޝްތާ ވަރަށް ޝައުގުވެރިވާ ކަމެކެވެ. ރިޝްތާ ބުނި ގޮތުގައި، މިހާތަނަށް އޭނާއަށް 100އަށް ވުރެ ގިނަ ޝޯގައި ޕާފޯމް ކުރެވިފައި ވާނެއެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގައި ބޭއްވި ދެ އިވެންޓެއްވެސް ހިމެނެއެވެ. އެއީ ރިޝްތާ ދެކޭ ގޮތުގައި ބޮޑުބެރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ބިޔަރާޅުތަކުގެ ތެރޭގައި ރިޝްތާ، އުންމީދަކީ ރާއްޖޭގައި ހުރި އެންމެ މޮޅު އަންހެން ރާޅާއެޅުންތެރިޔާއަށް ވުން!

ރާޅާއެޅުމަށް ރިޝްތާގެ ޝައުގުވެރިކަން އުފެދުނީ އޭނާގެ ބައްޕަ ރާޅާއަޅާ މަންޒަރު ފެންނާތީއެވެ. ރިޝްތާގެ ބައްޕައަކީ ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ނައިބު ރައީސް ހުސައިން ސުޖާއު (ފަބިއޯ)އެވެ. ހާޓް އެޓޭކެއް ޖެހިގެން 2015 ވަނަ އަހަރު ފަބިއޯ ނިޔާވިއިރު އޭނާއަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުޅަދާނަ ރާޅާއެޅުންތެރިއެކެވެ. ބައްޕައާއެކު ރާޅާއެޅުމަށް ރިޝްތާ ކުރިން ޕްލޭން ކުރިނަމަވެސް ބައްޕަ ނިޔާވުމާއެކު ރިޝްތާއަށް އެ ނަސީބު ގެއްލުނެވެ. ނަމަވެސް ރިޝްތާ ނިންމީ ބައްޕަގެ ހަނދާނުގައި ބައްޕަ އެންމެ ކުރާ ހިތްވާ ކަންތައް ކަމަށްވާ ރާޅާއެޅުމުގައި ފާހަކޮށްލެވޭ މީހަކަށް ވުމަށެވެ. އެ އަޒުމުގައި ރަށްޓެއްސެއްގެ ބޫގީ ބޯޑު ބޭނުންކޮށްގެން އެންމެ 16 އަހަރުގައި ރިޝްތާ ވަނީ ރާޅާ އަޅަން ދަސްކޮށް ބިޔަ ރާޅުތަކުގެ ތެރޭގައި އުނދުހެން ފަށައިފައެވެ. ރައްޓެއްސެއްގެ އެހީގައި ރާޅާއަޅަން ދަސްކުރި ނަމަވެސް އެކަނިމާއެކަނި ބިޔަރާޅުތަކުގެ ތެރޭގައި އުޅެން ރިޝްތާ މިހާރު ފަރިތައެވެ. ރިޝްތާ ބުނީ އަދިވެސް އޭނާ އަންނަނީ ރާޅާއަޅަން އިތުރަށް ދަސްކުރަމުން ކަމަށާއި އިތުރަށް ދަސްކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ.

ރާޅާއެޅުމަކީ އާންމުގޮތެއްގައި އަންހެނުން ކޮށް އުޅޭ ކަމަކަށް ނުވި ނަމަވެސް ރިޝްތާ ދެކޭ ގޮތުގައި ރާޅާ އެޅުމަކީ އަންހެނުންނަށްވެސް ފުރުސަތުތަކެއް ހުރި ދާއިރާއެކެވެ. ރާޅާއެޅުމަށް ހިތުގައި އޮންނަ ލޯތްބެއްގެ ސަބަބުން ބައެއް ދުވަސްދުވަހު އެކަނި މާއެކަނިވެސް ރިޝްތާ މޫދަށް ގޮސް އުޅެއެވެ. އެހެން އުޅުމުގެ ތެރޭގައި ތަފާތު އަނިޔާތައް ވެފައިވާކަމަށްވެސް ރިޝްތާ ބުންޏެވެ.

"ރާޅާއެޅުމަކީ ފަސޭހަ ކަމެއް ނޫން. ބައެއް ފަހަރު ހުންނާނެ ވަރަށް އަނިޔާވެފައި. އެންމެ ބިރުގަތް ދުވަހަކީ ރާޅާއެޅުމުގެ ތެރޭގައި އުޅެނިކޮށް ބިޔަ ރާޅެއްގެ ދަށުވި ދުވަސް. އެ ދުވަހު ލޮނުވެސް ބޮވުން އަދި ފައިގެ ބައެއް ތަންތަން ގަލުގައި ޖެހުމުގެ ސަބަބުން މަށައިގެންވެސް ގޮސްފައި ހުރި. އެ ދުވަހުގެ ފަހުން ކޮންމެވެސް ވަރަކަށް ބިރުވެސް ގަނޭ ރާޅާ އަޅަންދާން" ރާޅާއެޅުމުގައި އުޅުނުއިރު ދިމާވި އެންމެ ބިރުވެރި ތަޖުރިބާ "ވަން"އަށް ކިޔައި ދެމުން ރިޝްތާ ބުންޏެވެ.

ރިޝްތާގެ އަމާޒަކީ ރާޅާއެޅުމުގެ ރޮނގުންވެސް ދެވޭނެ އެންމެ އުހަކަށް ދިއުމެކެވެ. އެގޮތުން ރާއްޖޭގެ އެންމެ މޮޅު އަންހެން ރާޅާއެޅުންތެރިޔާއަށް ވުމަކީ އުންމީދެއް ކަމަށް މޫދުކުޅިވަރަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ރިޝްތާ ބުންޏެވެ.

މާޝަލް އާޓްސް އިންސްޓްރަކްޓަރެއް!

ރިޝްތާއަކީ ކުޑަކުދިންނަށް މާޝަލް އާޓްސް ދަސްކޮށްދޭ އިންސްޓަކްޓަރެއްވެސް މެއެވެ. ރިޝްތާ މާޝަލް އާޓްސް ދަސްކުރީ އޭނާގެ ބޭބެއެއްގެ ކައިރިންނެވެ. އޭގެ ފަހުން ކުޑަކުދިންނަށް މާޝަލް އާޓްސް ދަސްކޮށްދިނުމުގައި ޝިނަޓެމީ މޯލްޑިވްސް (މިކްސްޑް މާޝަލް އާޓްސް)ގައި ރިޝްތާ މަސައްކަތް ކުރަން ފެށިއެވެ. އެ މަސައްކަތް ރިޝްތާ ކުރަނީ ލިބޭ ހުސްވަގުތުތަކުގައި ކިޔެވުމަށާއި ވަޒީފާއަށް ވަގުތު ހުސްކުރަމުންނެވެ. އެގޮތުން ކޮވިޑް ރާއްޖޭގައި ފެތުރެން ފެށުމުގެ ކުރިން ހަ ކުދިންނަށް ރިޝްތާ ދިޔައީ މާޝަލް އާޓްސް ދަސްކޮށްދެމުންނެވެ. ކޮވިޑާއި ގުޅިގެން މާޝަލް އާޓްސް ކްލާސްތައް މެދުކަނޑާލައިފައިވާކަމަށްވެސް ރިޝްތާ ބުންޏެވެ.

"މާޝަލް އާޓްސްއަކީ ދަސްކުރުން ވަރަށް މުހިންމު އެއްޗެއް. މާޝަލް އާޓްސްގެ ސަބަބުން ސެލްފް ޑިފެންސް ކުރަން ދަސްވޭ. އަދި ކަންކަމަށް ޖެހިލުންވާ މިންވަރު ކުޑަކޮށްދޭ. މިއީ މަޖާވެސް ކަމެއް. ރިޝް ވަރަށް އުފާވޭ ރިޝްގެ ފަރާތުން އެހެން ކުދިންނަށް މާޝަލް އާޓްސް ދަސްކޮށްދިނުމުގެ ފުރުސަތު ލިބޭތީ" މާޝަލް އާޓްސްގައި ރިޝްތާގެ ތަޖުރިބާ ކިޔައިދެމުން ބުންޏެވެ.

ބޮޑުބެރުޖެހުމާއި ނެށުމާއި ރާޅާއެޅުމާއި މާޝަލް އާޓްސްގެ އިތުރުން ރިޝްތާއަކީ ހޭންޑް ބޯލްއާ ފުޓްސެލްވެސް ކުޅެން ފަރިތަ ޒުވާނެކެވެ. އެކި ސައިޒުތަކުގެ ސައިކަލު ދުއްވުމަކީވެސް ރިޝް ޝައުގުވެރިކަމާއެކު ކުރާ ކަމެކެވެ.

"ފައި ނުފޯރިޔަސް އަބަދުވެސްވޭ ބޮޑެތި ސައިކަލު އަދި ކާރު އެއްޗެހި ދުއްވާ އެސްޕްލޯ ކުރާ ހިތް. ދެން އެގޮތަށް މިހާރު ހުންނާނެ ވަރަށް ގިނަ ސައިކަލު ދުއްވިފައި. 125ސީސީ 150 ސީސީ، 200ސީސީ އަދި 250 ސީސީގެ ސައިކަލު ހުންނާނެ ދުއްވިފައި. ބައެއް ފަހަރު އަނިޔާވެސް ވޭ ވެއްޓިގެން." އުމުރުން 15 އަހަރުގައި ސައިކަލު ދުއްވަން ފެށި ރިޝްތާ ބުންޏެވެ.

ތަފާތު ކުޅިވަރުތައް ކުޅުމަށް ޝައުގު ހުންނަ ރިޝްތާ ބޭނުންވަނީ އިވެންޓް އެންޑް މާކެޓިން ފީލްޑުން ކުރިއަށް ދާށެވެ. ރިޝްތާ މަތީ ތައުލީމު ހާސިލް ކުރަމުން އަންނަނީވެސް އެދާއިރާއިންނެވެ. އެ ދާއިރާގައި ރިޝްތާއަށް މިހާރުވެސް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ޔޫތު ލީޑާސް އެސޯސިއޭޝަންގެ ނައިބު ރައީސާކަންވެސް ކުރަމުން އަންނަ ރިޝްތާ ވަނީ ޖޭސީއައިގައި ޕަބްލިކް ރިލޭޝަން ޑިރެކްޓަރަކު ކަން ވެސް ކޮށްފައެވެ. ރިޝްތާއަކީ "ހާތްތެރި" ވެބް ސީރީޒްގެ ހޯސްޓެއްވެސް މެއެވެ. އޭގެ އިތުރުންވެސް އެކިއެކި ހަފްލާތައް ރިޝްތާ ވަނީ ހޯސްޓް ކޮށްދީފައެވެ.

އުމުރުން އެންމެ 22 އަހަރުގައި ރިޝްތާ އެވަނީ، ތަފާތު އެތައް ތަޖުރިބާއެއް ކޮށްފައެވެ. ރިޝްތާ ސާބިތުކޮށްދެމުން އެ އަންނަނީ އަންހެނަކަށްވީތީ އެއްވެސް ކަމަކަށް ހުރަހެއް ނެތް ކަމެވެ. "ވަން"ގެ ޓީމުން އެދެނީ ރިޝްތާއަށް އިތުރު ކާމިޔާބީއެވެ.