ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 3.5 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގައި އިޔާދަކުރަނިވި ހަރަކަ އުފެއްދުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގައި އުފައްދާ ހަކަތައިގެ ހަތަރު ބައިކުޅަ އެއްބަޔަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. ހުސައިން ރަޝީދު ވިދާޅުވީ، 2018 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ހުރީ ހަތަރު އިންސައްތައިގައި ކަމަށާއި ނަމަވެސް މި ސަރުކާރުގެ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި އެ އަދަދު 7.5 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ 2018ގައި އަޅުގަނޑުމެންގެ މި އިޔާދަކުރަނިވި ހަކަތަ ހުރި މިންވަރަށް ވުރެ 20 ޕަސަންޓް އިތުރުކުރުން. 2018 ނިމުނުއިރު ގާތްގަނޑަށް ކުރީ ހަތަރު ޕަސަންޓް. ހަތަރު ޕަސަންޓުން މިހާރު 7.5 ޕަސަންޓަށް އިތުރުކުރެވިއްޖެ. އަޅުގަނޑުމެންގެ އަމާޒަކީ 2023 ނިމޭއިރު އަޅުގަނޑުމެން ބޭނުންކުރާ ހަކަތައިގެ ހަތަރުބައިކުޅަ އެއްބަޔަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުން. އެއީ ހާތްގަނޑަކަށް 24،25 ޕަސަންޓް" ޑރ. ހުސައިން ރަޝީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިމަހުގެ ތެރޭގައިވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ސޯލާ ޖެހުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެރަށެއްގެ އިހުތިސޯސްގައި ޖެހޭނެ އެންމެ ގިނަ ސޯލާ ޖެހުން ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ފެށުމަށް މި ތައްޔާރުވަމުންދާ މަސައްކަތަކީ ހދ.ގެ ރަށްރަށުގައި ސޯލާ ޖެހުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި ފެށިގެންދާނެ. ދެން މިމަހުގެ ތެރޭގައި ފެށިގެންދާނެ އަނެއް މަސައްކަތަކީ ކޮޅުމަޑުލު (ތ. އަތޮޅު)ގައި ސޯލާ ޖެހުމަށް ކުރަމުންދާ މަސައްކަތް." ޑރ. ހުސައިން ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ސިނަމާލެ ބުރިޖުގެ ކަނޑާވީ ފަރާތުގައި ފަސް މެގަވޯޓްގެ ސޯލާ ޖެހުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި އެކަމުގެ ކޮންޓްރެކްޓްގައި މިމަހުގެ ތެރޭގައި ސޮއިކުރެވި އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އެރާއިސް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި 21 މެގަވޯޓުގެ ސޯލާ ޖަހަން ނިންމާފައިވާ ކަމަށާއި އެ މަޝްރޫއުވެސް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"މިހާރުވެސް އަޅުގަނޑުމެން އިއުލާނުކޮށްފައި ޕްރީ ކޮލިފިކޭޝަންއަށް ހުޅުވާލީމަ ޕްރީކޮލިފިކޭޝަނަށް ހުށަހަޅާފައި އޮތް ޕްރޮޖެކްޓެއް އެބައޮތް. އެއީ އެރާއިސް ޕްރޮޖެކްޓް. އެ ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާގައި އަޅުގަނޑުމެން މިޖަހަނީ ރާއްޖޭގައި 21 މެގަވޯޓްގެ ސޯލާ. އޭގެ ތެރެއިން 13 މެގަވޯޓް އަޅުގަނޑުމެން މިޖަހަނީ އައްޑޫގައި، ދެން އޭގެ އިތުރުން އަޅުގަނޑުމެން އެބަ ޖަހަން ފުވައްމުލަކާއި ކުޅުދުއްފުއްޓާއި އަދި ހަމަ ހިންނަވަރާއި، ބ. އަތޮޅުގެގެ އޭދަފުއްޓާއި ގދ. ތިނަދޫ ފަދަ ރަށްރަށުގައި އެބަ ޖަހަން. އެހެންކަމުން ޖުމްލަ 21 މެގަވޯޓު" ޑރ. ހުސައިން ރަޝީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ޕްރޮޖެކްޓް ފަށަން ފުރަތަމަ ތާވަލުކުރީ މިއަހަރުގެ ކުރީކޮޅުގައި ކަމަށާއި ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ނުފެށި ލަސްވީ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ ޕްރީ ކޮލިފިކޭޝަންގެ މަރުހަލާ ނިމި އަންނަ މަހުގެ ތެރޭގައި ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ފަށާފައިވާ އަދި ފަށަން ނިންމާފައިވާ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތައް ނިމުމުން ހަކަތައަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ހާއްސަކޮށް، ކަރަންޓްގެ އަގު ހެޔޮވެ އޭގެ ނަފާ ރައްޔިތުންނަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ޑރ. ހުސެެއިން ރަޝީދު ހަސަން
މިނިސްޓަރު ޑރ. ހުސެެއިން ރަޝީދު ހަސަން
މިނިސްޓަރު ޑރ. ހުސެެއިން ރަޝީދު ހަސަން
މިނިސްޓަރު ޑރ. ހުސެެއިން ރަޝީދު ހަސަން