އެމްޑީޕީ ބައިބައި ނުވާނެ ކަމަށާއި އެކަން ކުރަން އުޅޭ މީހުން އެކުރަނީ ވަރަށްވެސް ބޭކާރު ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު މިގޮތަށް ވިދާޅުވެފައި މިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ދުރުކުރުމުގެ މަސައްކަތުގައި ޕާޓީ ތެރޭގައި ބައިބައިވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ހަސަން ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ބައިބައި ނުވާނެ ކަމަށާއި އަދި ނުވެސް ކުރެވޭނެ ކަމަށެވެ. އެމްޑީޕީގެ މެންބަރުން އެކަން އެގޮތަށް ވިޔަނުދޭނެ ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

"ބައިބައި ކުރެވިދާނެ ކަމަށް ހީކޮށް އެ މަސައްކަތް ކުރާ މީހުން އެކުރަނީ ވަރަށް ބޭކާރު މަސައްކަތެއް،" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު މިގޮތަށް ވިދާޅުވެފައިވާ އިރު، އެ ޕާޓީ ބައިބައި ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ދެއްވައިފައެވެ.

ފައްޔާޒުގެ މައްސަލައިގައި އެމްޑީޕީ ތެރޭގައި ބައިބައިވުން އުފެދިފައިވާ އިރު، އެމްޑީޕީގެ އިސް ލީޑަރު އޮޅުވާލައި ގައްދާރުވެފައިވާ ކަމަށް ބުނެ ޗެއާޕާސަންގެ މަގާމުން ހަސަން ލަތީފު ވަކިކޮށްދޭން އެދި އެ ޕާޓިގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުވެއިބު އަލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ވަނީ ސިޓީއެއް ފޮނުވައިފައެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަމިއްލައަށް މަގާމުން އެކަހެރިވެވަޑައިގަތުމަށް ބާރު އަޅުއްވައި ދެއްވުމަށް އެދިވަޑައިގެން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި ސިޓީފުޅާ ގުޅިގެން ރައީސް ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް ޝުވެއިބު ފޮނުވި ސިޓީގެ ޖަވާބުގައި ހަސަން ލަތީފު އޭނާއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް މަގާމަކީ އެޕާޓީގެ ރައީސްގެ މަގާމު ކަމަށެވެ.

ހަސަން ލަތީފު ދެއްވި އެ ޖަވާބާ ގުޅިގެން ޝުވެއިބު މިއަދު ރައީސް ސޯލިހަށް ފޮނުވި ސިޓީގައި ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް މަގާމަކީ ރައީސް ނަޝީދު ކަމަށް ހަސަން ލަތީފު އޭނާއަށް ފޮނުވި ސިޓީގައި ވިދާޅުވުމުން އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު އެމްޑީޕީގެ އަސާސީ ގަވާއިދުގައި ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތެއްގައި ޕާޓީގެ އެންމެ އިސްފަރާތަކީ އެވަގުތަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ޕާޓީގެ މެންބަރު ކަމަށް ގަބޫލުނުކުރެއްވުމަކީ ޕާޓީގެ ތެރެއިން ރޭވިގެން ހިންގާ ހިމޭން ބަޣާވާތެއް ކަމުގައި ދެކޭ ކަމަށް ސިޓީގައިވެއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ޕާޓީ މެންބަރަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަނަމަ ޕާޓީގެ އެންމެ އިސް ފަރާތަކީ އެބޭފުޅެކެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސްއެވެ. ނަމަވެސް އެއީ ރައިސުލްޖުމްހޫރިއްޔާއަކީ ޕާޓީގެ އެންމެ އިސް މަގާމު ކަމެއް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައެއް ނުވެއެވެ. އަސާސީ ގަވާއިދުގެ 78 ވަނަ މާއްދާގައި ބުނާގޮތުން ޕާޓީގެ އެންމެ އިސް މަގާމަކީ ޕާޓީގެ ރައީސްއެވެ.