ހަރުކަށި ފިކުރާއި ހައްދުފަހަނަ އަޅައި ދިއުމާ ގުޅޭގޮތުން މީޑިއާ ހޭލުންތެރިކޮށް ބާރުވެރިކުރުމަށް ހޯމް މިނިސްޓްރީން ވެބިނާއެއް ބާއްވައިފިއެވެ.
ހޯމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ހަރުކަށި ފިކުރާއި ހައްދުފަހަނަ އަޅައި ދިއުމާ ގުޅުންހުރި ކަންކަމާ ގުޅިގެން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި މީޑިއާއަށް އަދާކުރެވިދާނެ ދައުރު ފުޅާކުރުމަށް މީދިއާ ހޭޅުންތެރިކުރުވުމުގެ މުހިއްމުކަން ވަނީ ފާހަގަކޮށްފައެވެ. އަދި މި ވެބިނާއަކީ މިކަމާ ގުޅިގެން ކުރިއަށްގެންދިޔަ ވެބިނާއެއް ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ހަރުކަށި ފިކުރާއި ހައްދުފަހަނަ އަޅައި ދިއުމާ ގުޅޭގޮތުން ހަބަރު ގެނައުމުގައި ބައިނަލްއަގުވާމީ ގޮތުން ބަލާ މިންގަނޑުތަކެއްވާކަން ހޯމް މިނިސްޓްރީން ފާހަގަކޮށް މައުލޫމާތު ދިން ގޮތުގައި، އެއް ދުވަހުގެ މި ވެބިނާގައި ބައިނަލްއަގުވާމީ ގޮތުން މިފަދަ ކަންކަން ރިޕޯޓުކުރުމުގައި ބަލާ މިންގަނޑުތަކަށް އަލިއަޅުވާލާފައިވެއެވެ. އަދި މިފަދަ ހަބަރު ގެނައުމުގައި ގެންގުޅޭ ބައިނަލްއަގުވާމީ އުސޫލަށް ދިވެހި މީޑިއާ އަލުހުވެރިކޮށް، ދިވެހި މީޑިއާ ބާރުވެރިކުރުމަށް ވެބިނާގައި މަސައްކަތް ކުރި ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ހަބަރު ގެނެސްދިނުމުގައި މީހުންގެ ތެރޭ ބިރުވެރިކަމާއި ހަމަނުޖެހުން އުފެދޭނެ ފަދަ ގޮތަކަށް ބައެއް ފަހަރު ހަބަރު ގެނެސްދެވޭކަން މި ވެބިނާގައި ފާހަގަކޮށްފައިވާ ކަމަށާއި އެފަދަ ހަބަރުތައް ފެތުރުމުގައި ގެންގުޅެން ޖެހޭ މުވާސަލާތީ އުކުޅުތައް ދެނެގަނެ، މައުލޫއަށް އަހުލުވެރިވުމަކީ މީޑިއާގެ މައްޗަށް އޮންނަ މަސްއޫލިއްޔަތެއް ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
މި ވެބިނާގައި މިނިސްޓްރީގެ ފަރާތުން ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ހަރުކަށި ފިކުރާއި ހައްދުފަހަނަ އަޅައި ދިއުމަކީ މިއަދު ރާއްޖޭގައި ވަކިވަކި އައިސޮލޭޓެޑް މައްސަލަތަކަށް ވުރެ ބޮޑަށް ގައުމީ ބޮޑު މައްސަލައެއް ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ ވިސްނުމާއި ފިކުރު ބައްޓަން ކުރުމުގައި މީޑިއާއަކީ މުހިއްމު ދައުރެއް އަދާ ކުރާ ބައެއް ކަމަށް ނަޒީރު ވިދާޅުވިއެވެ. އެހެންކަމުން ހަރުކަށި ފިކުރާއި ހައްދުފަހަނަ އަޅައި ދިއުމާ ދެކޮޅަށް ކުރާ މަސައްކަތުގެ އެންމެ މުހިއްމު ބައިވެރިޔަކީ މީޑިއާ ކަމަށް ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ ރާއްޖޭގެ އެއްވެސް މީޑިއާއެއް ގަސްދުގައި ހަރުކަށި ފިކުރާއި ހައްދުފަހަނަ އަޅައި ދިއުމަށް ހިތްވަރު ނުދޭނެ ކަމަށް ގަބޫލު ކުރާ ކަމަށާއި ނަމަވެސް ބައެއް ހަބަރުތައް ރިޕޯޓު ކުރުމުގައި އެދެވޭ ވަރަށް މީޑިއާތަކަށް ސަމާލުކަން ނުދެވުމުން ނުރައްކާތެރި ފިކުރުތަކަށް މުޖުތަމައުގައި ޖާގަ ލިބި ބާރުވެރިވާ ތަން ފެންނަ ކަމަށެވެ. އަދި ބައެއް ފަހަރު އެކި ހަބަރުތައް ގެނެސްދެވޭ ގޮތުން ހިންގަމުންދާ ތަހުގީގުތަކަށް ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި މި ސަރުކާރުގެ ސިޔާސަތަކީ މީޑިއާގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ނަޒީރު ވިދާޅުވިއެވެ.
ވެބިނާގައި ޕެނަލިސްޓުންގެ ގޮތުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފަރީދު އިސްމާއީލާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް އާޒިމާއި އޮސްޓްރޭލިއާގައި ހުންނަ ޔުނިވާސިޓީ އޮފް ކުއިސްލަންޑްގެ ލެކްޗަރާ ޑރ. ލުޖައިން އިސްމާއިލް ޝަފީގާއި ޔޫއެންއޯޑީސީގެ ރީޖަނަލް އޮފީސް ފޯ ސައުތު އޭޝިއާގެ ނޭޝަނަލް ޕްރޮގްރާމު ކޯޑިނޭޓަރު ޠާއިބާ ސައީދާއި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓުގެ ޕްރޮގްރާމް މެނޭޖަރު ފާތިމަތު ލީޒާ އާއި ހޯމް އެފެއާޒްގެ ޑިރެކްޓަރު ޖެނެރަލް ތޮލްހަތު ރައުފުއްދީނާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަރު ލެފްޓިނެންޓް ކާނަލް އިބްރާހިމް ނައީމާއި އެންސީޓީސީގެ ޕްރޮގްރާމްސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު ލެފްޓިނެންޓް ކާނަލް އަމާނުﷲ އަހުމަދު ރަޝީދު ބައިވެރިވެވެޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު