އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުން ގަވައިދާ ހިލާފަށް ވެލި ނަގާ މީހުން ޖޫރިމަނާކޮށް، އެމީހުންގެ ނަންތައް އާންމުކުރަން އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ގަވައިދާ ހިލާފަށް ވެލި ނަގާ މީހުން ޖޫރިމަނާކޮށް، އެމީހުންގެ ނަންތައް އާންމުކުރަން ފަށާފައި މިވަނީ އައްޑޫގެ އެކި ސަރަހައްދުތަކުން ގަވައިދާ ހިލާފަށް ވެލި ނަގާ ކަމުގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ވަނީ ގަވައިދާ ހިލާފަށް ހިތަދޫން ވެލި ނެގި ދެ މީހެއްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖަކު ޖޫރިމަނާކޮށް ދެމީހެއްގެ ނަން އާންމުކޮށްފައެވެ. އެ މީހުން ޖޫރިމަނާކުރީ ކޮންމެ މީހަކު 4،000 ރުފިޔާއިންނެވެ. ވެލި ނަގައިގެން ނަން އާންމުކުރި ދެ މީހުންނަކީ ހިތަދޫ ޑިސެމްބަރުގޭ އިބްރާހީމް އަލީ އާއި ހަމަ އެ ގޭ މުހައްމަދު ޝަރުމީލެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫގެ އެކި ސަރަހައްދުތަކުން ވެލި ނަގާ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވި، އެކަމުގެ ޝަކުވާތައް ބައެއް މީހުންގެ ފަރާތުން ލިބެމުންދާ ކަމަށާއި އެހެންކަމުން ގަވައިދާ ހިލާފަށް ވެލި ނެގާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުން ދޮންވެލި ނަގާ މައްސަލަ ނުހުއްޓުވި ދިގުލައިގެން ގޮސްފައިވާ އިރު، އައްޑޫ އިން ހިމާޔަތް ކޮށްފައިވާ އީދިގަލި ކުޅި އާއި ކޯއްޓޭގެ ސަރަހައްދުތަކުން ކަޅުފަސް ނަގާ މައްސަލަ ވެސް މި ފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ. އަދި އެކަމުގެ ސަބަބުން އައްޑޫގެ އެކި ސަރަހައްދުތައް ގިރުމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.

މީގެ އިތުރުން އައްޑޫ ނޭޗާ ޕާކް ސަރަހައްދުން ކަޅު ފަސް ނަގާތީ، ނޭޗާ ޕާކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ ފުލުހުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައެވެ.