ރިޕޯޓް

ލަފާ ކުރުމާއި ހިސާބު ޖަހަން ޔޫސޭ ވަރެއް ނެތް!

އަހުމަދު ސާއިލް އަލީ

11

އެންމެން މިއަދު ދައްކަނީ އެ ވާހަކަ އެވެ. މިއަދު މި ހިނގާ ގިނަ ކަންކަމަކީ މީގެ އެތައް އަހަރެއް ކުރިން މަޝްހޫރު ކޮމޭޑިއަން ޔޫސުފު ރަފީއު (ޔޫސޭ) ލަފާ ކޮށްފައި ހުރި ކަންކަމެވެ. އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުވާލައި އޭނާ ގެނެސް ދެމުން އަންނަ "ދިރިއުޅުމަކީ މިއީބާ؟ ގެ އެޕިސޯޑްތަކުން ނުރައްކަލުގެ ރަނގަބީލު އޭނާ ޖަހާތާ އެތަކެއް އަހަރު ވެއްޖެ އެވެ. މީގެ 39 އަހަރު ކުރިން ޔޫސޭ ފެށި ސީރީސްތަކުގެ ލަފާކުރުމާއި ހިސާބު ކުރުން ވަރަށް ވެސް މޮޅެވެ. އޭނާ ބުނި ހާލަތަށް ގިނަ ކަންކަން މިއަދު މިވަނީ ވެއްޓިފަ އެވެ.

ޔޫސޭގެ އެކި ކެރެކްޓާތައް ކަމަށްވާ ތުއްތުނާ އާއި ސުބް އާއި ޖާނު އަދި ތުއްތީދިބޭ ފަދަ މަޖާ ރޯލުތަކުން ޝައުގުވެރި ގޮތަކަށް އެތައް މުހިންމު މެސެޖެއް ވަނީ ދީފަ އެވެ. ފަންޑިތަވެރިކަމާއި ބޭސްވެރި ކަމުގެ ނަމުގައި ނާޖާއިޒު ފައިދާ ނަގަމުންދާ މީހުންގެ އަމަލުތައް ޝައުގުވެރި ގޮތަކަށް ތުއްތީދިބޭގެ ރޯލުން ވަނީ ދައްކުވައި ދީފަ އެވެ. އެކި މަސައްކަތްތަކަށް ހުނަރުވެރި މީހެއްގެ ގޮތުގައި ނަން މަޝްހޫރުކޮށްގެން އެކި މީހުންނަށް ލަނޑުދެމުން ދާ މީހުންގެ ވާހަކަތައް ސުބްގެ ކެރެކްޓާއިން ގެނެސްދީފައި ވަނީ ވެސް ވަރަށް މަޖާކޮށެވެ. އޭގެ އިތުރުން ވެސް ޓެކްސީ ޑްރައިވަރުންނާއި ރެފްރީންނާއި ނޫސްވެރިންގެ ރޯލްތަކުން ވެސް އެ ދާއިރާތަކުގައި ހިނގަމުން އަންނަ ނޭދެވޭ ކަންކަން މަޖާ ގޮތްގޮތަށް ޔޫސޭ ވަނީ އާއްމުންގެ ސަމާލު ކަމަށް ގެނެސްފަ އެވެ. ގޯލް ލައިން ޓެކްނޮލޮޖީ މިއަދު މަޝްހޫރު ބޮޑެތި ލީގްތަކުގައި ބޭނުން ކުރާއިރު އެ ޒާތުގެ ކަމެއް މީގެ އެތަކެއް އަހަރެއް ކުރިން ޔޫސޭ ވަނީ ކޮށްފަ އެވެ.

އޭގެ އިތުރުން ވެސް އެކިއެކި ވިޔަފާރިވެރިންގެ މަކަރުތައް ވެސް ޔޫސޭ ވަނީ ފަޅާއަރުވާލައިފަ އެވެ. މިވާހަކަ ބުނުމުން ރިހާކުރު ގަޑުބަޑު ކޮށްގެން ވިއްކި މީހާގެ އެޕިސޯޑް ހަނދާނަށް އަންނާނެކަން ޔަގީނެވެ. އަދި މާލެ ތޮއްޖެހެމުން އައިއިރު މުސްތަގުބަލުގައި މާލެއަށް ދިމާވާނެ މައްސަތަކަށް އަލި އަޅުވާލައި ވެސް ޔޫސޭ ވަނީ އެތައް ޑްރާމާއެއް ގެނެސްދީފަ އެވެ. ދަންބަހައިގެން ގޭގޭގައި ނިދުމާއި ފާހާނާ ނުލިބިގެން ބޮޑު ކިޔޫއެއްގައި ތިބުން ފަދަ އެތައް ކަމެއް އޭނާ ދައްކުވައިދިން ގޮތަށް މިއަދު ވަނީ ދިމާ ވެފަ އެވެ. އަތޮޅުތެރޭ ރީތި ރަށްތައް ދޫކޮށްފައި އެންމެން މާލެ ނައުމަށާއި އައުމުން ޖެހޭނެ ހާލު ޔޫސޭ އޭރު ބުނެދިން ގޮތަށް މިއަދު އެކަންކަން އެބަ ހިނގަ އެވެ.

މިހާރު ރާއްޖޭގެ ސަލާމަތަށާއި އިގުތިސާދަށް ވެސް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ނުރައްކަލަކީ ބިދޭސީންގެ މައްސަލަ އެވެ. ޔޫސޭ މީގެ އެތައް އަހަރެއް ކުރިން ވަނީ ބިދޭސީން ރާއްޖޭގެ މަސައްކަތްތަކަށް އަތްގަދަ ކުރާނެ ކަމާއި މަސައްކަތު މާހައުލުން ދިވެހިންނަށް ފުރުސަތު ނުލިބޭ ހިސާބަށް ދާނެކަން ދައްކުވައިދީ އެތައް ޑްރާމާއެއް ގެނެސްދީފަ އެވެ. ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި ގިނަވެ އެ މީހުންގެ ހައްގުތައް ހޯދަން މުޒާހަރާކޮށް ދިވެހިން ރަހީނު ކުރާ ހިސާބަށް ކަންކަން ދާނެ ކަމަށް ވެސް އެތައް އަހަރެއް ކުރިން އޭނާ ވަނީ ބުނެފަ އެވެ. ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނާއި ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތަކުގައި މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުން ހިންގި ހަމަ ނުޖެހުންތަކުން ފެނިގެން ދިޔައީ ޔޫސޭ އޭރު ދެއްކި ޑްރާމާތައް ހަގީގަތަށް ބަދަލުވެފައިވާ މިންވަރެވެ.

އާމްދަނީ ހޯދުމަށް އެކަށީގެންވާ ވަރުގެ މަސައްކަތެއް ނުކޮށް ތިބޭ މީހުން މާލޭން އެ މީހުންނަށް ލިބިފައިވާ ގޯތި ވިއްކާލައިގެން ކުއްލިއަކަށް ލިބޭ މުއްސަނދިކަމުގައި ކުޑަ ދުވަސް ކޮޅެއްގައި އުފަލުގައި އުޅޭގޮތާއި ފަހުން އެ މީހުންނަށް ޖެހުނު ހާލު ޔޫސޭގެ މަޖާ ޑްރާމާތަކުގައި ގެނެސް ދީފައި އެވަނީ ހަގީގަތުގައި ވެސް ހިނގި އެތައް ހާދިސާއެއްގެ މައްޗަށް ބިނާކޮށެވެ. ބޭވަފާތެރި އަނބިންނާއި ފިރިންގެ ވާހަކަތަކާއި މަސްތުވާތަކެތީގެ ވަބާގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ މައްސަލަތައް ވެސް ޔޫސޭގެ އެތައް ޑްރާމާއެއްގައި ވަނީ ބުނެދީފަ އެވެ. ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ކުރިމަތިވާ އާއިލީ މައްސަލަތަކާއި އިޖުތިމާއީ މައްސަލަތައް ވެސް މީގެ އެތަކެއް އަހަރެއް ކުރިން ވަނީ ބުނެދީފަ އެވެ. ފައިސާ އާއި މަގާމުގެ އިތުރުން ގޯއްޗާއި މުދަލުގެ ބޭނުމުގައި ކައިވެނިތައް ކޮށް އުޅުނު މީހުންނަށް ލިބުނު ލަނޑުތައް ވެސް ހަގީގަތުގެ މައްޗަށް ބިނާކޮށް ޔޫސޭ ސިފަކޮށްދީފައި ވަނީ ޝައުގުވެރި އަދި މަޖާ ގޮތްގޮތަށެވެ. އެކަމަކު އެއިން ކޮންމެ ޑްރާމާއެއް ނިންމާލާފައި ވަނީ އިބުރަތްތެރި މެސެޖަކުންނެވެ.

ޔޫސޭގެ ޑްރާމާއަކަށް ތައުރީފުކޮށް މީހަކު ކޮށްފައިވާ ޓްވީޓެއް ---

ޑޮކްޓަރުންނާއި ކައްކާއިންނާއި އެދުރުންނާއި ސިޔާސީ މީހުން ކުރާ ނޭދެވޭ އެތައް ކަމެއް ޔޫސޭ ވަނީ މިވޭތުވެދިޔަ 39 އަހަރު ތެރޭގައި ބުނެދީފަ އެވެ. ސަރުކާރުގެ ވެރިންނާއި ރަށްރަށުގެ ކަތީބުން އެމީހުންގެ ބާރުގެ ބޭނުންކޮށްގެން ނަހަމަ ގޮތުގައި ކުރަމުން ދިޔަ ކަންކަން ފަޅާއަރުވާލި އެވެ. ސުނާމީގައި ލިބުނު އެހީތަކަށް ކަތީބުން ހެދިގޮތް ތަފްސީލާއެކު ޔޫސޭ ދައްކައި ދިނެވެ. އަދި ފަހުން ރައްޔިތުން އިންތިހާބު ކުރާ ކައުންސިލަރުން މަގާމުތަކަށް އައުމުން ދެން ދިމާވި މައްސަލަތައް ވެސް ބުނެދިނެވެ.

ޓީވީއެމްގައި މަސައްކަތް ކުރަމުން ކެރިއާ ފެށި ޔޫސޭ އޭރު ބުނެދިން ވާހަކަތައް މިއަދު ހަގީގަތަކަށް ވާތަން ފެންނާތީ ގިނަ ބަޔަކު އަންނަނީ އޭނާގެ މަސައްކަތް އަގު ވަޒަން ކުރަމުންނެވެ. އެ އެންމެން ވެސް ބުނަނީ އެއް ވާހަކަ އެކެވެ. ކަންވާނެ ގޮތް ޔޫސޭ މާ ކުރިން ބުނެދިނެވެ. ދެރައީ އެކަންކަމާ މެދު ފިޔަވަޅު ނާޅައި އޮތަތީ އެވެ.

"އެތައް އަހަރެއް ކުރިން ހިނގައި ނުހުއްޓުވުނު ކަމެއް. ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ބޮއްސުން ލައިފައި. ޔޫސޭ ސޯ ގެ މަސައްކަތަށް ސާބަސް،" ބިދޭސީންގެ މައްސަލައަށް ޔޫސޭ ކުޅެފައިވާ ޑްރާމާއެއްގެ ތަންކޮޅެއް ޓުވީޓްކޮށް މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ޒާހިދު އަލީ (ކުޑަ އިއްބެ) ބުނެފައިވެ އެވެ.

ޔޫސޭއަށް ތައުރީފުކޮށް މީހަކު ކުރި ޓްވީޓެއް ---

މިހާރު ކުރިމަތިވާ އިޖުތިމާއީ އެކި މައްސަލަތައް މީގެ އެތައް އަހަރެއް ކުރިން އޭނާގެ ޑްރާމާތަކުގައި ގެނެސްދީފައިވާތީ ކުދިކުދި ވީޑިއޯތައް މެދުވެރިކޮށް ޔޫސޭގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން މިހާރު ވެސް އަންނަނީ ޕޯސްޓް ކުރަމުންނެވެ. އެކަމަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެ އެވެ.

"ޔޫސޭގެ ކޮންމެ އެޕިސޯޑެއްގައި ވެސް ވަނީ ބޮޑެތި މެސެޖް ތަކެއް. ވިސްނާލަމާ ދޯ،" ޔަނާލާ އަހުމަދު ކިޔާ މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެ އެވެ.

ކޮންމެވެސް އިޖުތިމާއީ މައްސަލައެއް ފެންމަތިކޮށް އެކަމުގެ ފަސް ކާފު ޝައުގުވެރި ގޮތަކަށް ޔޫސޭގެ ޑްރާމާތަކުގައި ބުނެދިނުމުގެ އިތުރުން ކޮންމެ އެޕިސޯޑެއް ވެސް ނިންމާލަނީ ހާއްސަ މެސެޖަކާ އެކު އެވެ. މީގެ 39 އަހަރު ކުރިން އެ ސީރީސް ފެށިއިރު އަދި ވެސް އެކަން ކުރަނީ އެގޮތަށެވެ.

ބިދޭސީންގެ މައްސަލައަށް ބެއްޔަސް، މަސްތުވާތަކެތީގެ މައްސަލައަށް ބެއްޔަސް އަދި މާލެ ތޮއްޖެހުމަށް ބެއްޔަސް މިއަދު މިފެންނަނީ މީގެ އެތައް އަހަރެއް ކުރިން ޔޫސޭ ބުނި މަންޒަރެވެ. އެ ދުވަހު ފިޔަވަޅު އެޅުނު ނަމަ މިހާލަތަށް ނުދާނެކަން ޔަގީނެވެ.

ކޮންމެއަކަސް މިއަދު އެންމެން ވެސް އެއްބަސްވާ ކަމެއް އެބަ އޮތެވެ. އިޖުތިމާއީ މައްސަލަތައް ފެންމަތި ކުރުމަށާއި އެ މައްސަލައިގެ ސަބަބުން ދެން ކުރިމަތި ވެދާނެ ކަންކަން ބުނެ ދިނުމަށް ޔޫސޭ ވަރެއް ހަމަ ނެތެވެ. ހިސާބު ޖަހަން އޭނާ ހަމަ މޮޅީ އެވެ.