މިނިވަންކަމުގެ ދިފާއުގައި ނުކުތް ޒުވާނުންނަށް ސަރުކާރުން ހުރަސް އެޅުމުން އެނގިގެންދާ ކަމަކީ މިނިވަންކަމަށްޓަކައި ވާންޖެހޭ ގުރުބާނީ ބޮޑުކަން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިގޮތަށް ވިދާޅުވެފައި މިވަނީ ޒުވާނުން އިސްނަގައިގެން މިއަދު ހަވީރު މާލޭގައި ބޭއްވި ސައިކަލް ބުރަށް ފުލުހުން ހުރަސް އަޅައި ހުއްޓުވާފައިވާތީއެވެ.
ޝަރީފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހުރަސް އެޅުމަށް ނުކުތް ފުލުހުން، ގައުމުގެ މިނިވަންކަމަށްޓަކައި މާދަމާ ވާންޖެހޭ ގުރުބާނީ ވަރަށްވެސް ބޮޑުވާނެ ކަމަށެވެ.
"މިނިވަންކަމުގެ ދިފާއުގައި ނުކުންނެވި ޒުވާނުންނަށް ސަރުކާރުން ހުރަސް އެޅުމުން އެނގެނީ މިނިވަންކަމަށްޓަކައި ވާންޖެހޭ ގުރުބާނީ ބޮޑުކަން. މިނިވަންކަމަށް ހުރި ގޮންޖެހުންތައް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
މާލޭގައި މިއަދު ބޭއްވި ސައިކަލް ބުރުގައި ބައިވެރިވި 41 މީހަކު ހައްޔަރުކޮށް، ބައެއް ސައިކަލްތައް ފުލުހުން ވަނީ ޓޯ ކޮށްފައެވެ. އަދި ސައިކަލު ބުރު ރޫޅާލުމަށް ފުލުހުން ޕޭޕާ ސްޕްރޭވެސް ބޭނުންކޮށްފައިވެއެވެ.
މިއަދު ޒުވާނުން ސައިކަލް ބުރު ބާއްވާފައިވަނީ ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނިކޮށް އާންމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއްނުވުމަށް އެޗްޕީއޭ އިން އަންގާފައިވާ އެންގުމާ ހިލާފަށް އެއްވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިންޒާރުދީފައިވަނިކޮށެވެ.
މިއަދުގެ ސައިކަލް ބުރަކީ "ގައުމު ވިއްކާލުމާ ދެކޮޅަށް" ނަމުގައި އިދިކޮޅު ބާއްވާ ސައިކަލް ބުރެއް ނޫން ކަމަށް އެ ޕާޓީތަކުން ބުނެފައިވީ ނަމަވެސް މި ސައިކަލް ބުރަކީ ދެ ޕާޓީއަށް ތާއީދުކުރާ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ސައިކަލު ބުރެކެވެ. އަދި އެ ދެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ މިއަދުގެ ސައިކަލް ބުރުގައި ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަދި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހިމެނިވަޑައިގަންނަވައެވެ.
މިއަދުގެ ސައިކަލް ބުރުގެ ތެރެއިން ބައެއް ޒުވާނުން ހައްޔަރުކޮށްފައިވަނީ ސޯސަންމަގު ކައިރިންނެވެ. އަދި ބައެއް މީހުން ހީނާމާގެ ކައިރިންވެސް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ކިންގް ސަލްމާން މިސްކިތް ކައިރިންވެސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު