(ހަތާވީސްވަނަ ބައި)

ފެންލައިޓުގެ އަލި ފިޔަވައި މުޅިންހެން އަނދިރިކަން ވެރިވެފައިވި ކޮޓަރިއެއްގެ ތެރެއިން އިވެމުން ދިޔައީ ކުކުރުމެއްގެ އަޑެވެ. އެއީ އެ ކޮޓަރީގެ ފާރަކަށް ލެނގި، ކުރުގެޅިލައިގެން ބިންމަތީގައި އިން 9 އަހަރުގެ ކުޑަ ޒިހާންގެ އަޑެވެ.

އެހެން އިންއިރު ޒިހާންގެ ގައިގެ އެކި ތަންތަނުގައި ރިއްސަމުން ދިޔައެވެ. ޒިހާން އިން ދިމާލުން ކަނާތް ފަރާތުގެ ފާރުގައި ހުރި ފެންލައިޓުން އަންނަމުން ދިޔަ އަލި ކޮޓަރިއަށް އެޅިފައިވި ގޮތުން ޒިހާނަށް ފެންނަމުން ދިޔައީ ހަމައެކަނި އޭނަގެ ފައިތިލައާއި ޖިންސުން ފޮރުވިފައިވި ފައިގެ އެއްބައެވެ. ފައިތިލައިގެ އެކި ތަންތަނުން ކަނޑައިގެން ގޮސް އެ ކުޑަ ނިޔަފަތިތަކަށް ވެސް ހާނިއްކަވެފައި ހުރިތަން ފެންނަމުން ދިޔައެވެ. ގައިގެ އެހެން ތަންތަން ނުފެނުނަސް ތަދުވަމުން ދިޔަ ގިނަ ތަންތަން ހުންނާނީ ނޫފަންގަނެފައިކަން ޒިހާނަށް ޔަޤީންވެފައިވިއެވެ.

ޒިހާން އިންގޮތަށް އިންދާ ސިހިގެން ދިޔައީ ބާރު އަޑުފަތްގަނޑަކާއި އެކީ ކުރިމަތިން ފެންނަމުން ދިޔަ ދޮރު ހުޅުވައިލެވުނު އަޑަށެވެ. އެ ދިމާލަށް ބަލައިލިއިރު ފެނިގެން ދިޔައީ، ބިޔަ ހަށިގަނޑެއްގެ ވެރި ފިރިހެނެއްގެ ހިޔަންޏެވެ.

"ކޮބާ ކިހިނެއްތަ ޒިހާން؟" އެ ބަރު އަޑު އައި ގޮތުން އެއީ ޒިހާނަށް ހެޔޮ އެދޭ މީހެއްހެން އަޑުއަހާ މީހަކަށް ހީވެދާނެއެވެ. އެހެނަސް އެ އަޑު އިވިފައި ޒިހާންގެ ކުކުރުން އިތުރުވެ ނޭވާ ކުރުވާން ފެށިކަން އެ އަޑުން ވެސް އެނގުނެވެ. ވަގުތުން ތެދުވެގެން ގޮސް ދުވެ ފިލަން ސިކުނޑި ބުންޏެއްކަމަކު އޭނަގެ އަތްފައި ޙަރަކާތް ކުރަން ނުކުޅެދުނެވެ.

"ހެހެހެހެ..... ތިހާވަރު މީހުން ޙަޔާތް ކުޑަވެގެން އަދި ތިމާއަށްވުރެ ބޮޑެތި މީހުން މަޅީގަ ޖައްސަން ތި މަސައްކަތް ކުރަނީ. ދެންވެސް މި ދުވަސް ހަނދާންކޮށްގެން ތިމާ ހުންނަންޖެހޭ ހިސާބުގަ ހުންނާތި!" އެ މީހާ އެ ފަހު ބަސްތައް ބުނެލީ އިންޒާރެއްގެ ގޮތުންނެވެ.

އެ ހަރުކަށި އަޑު އިވިފައި ޒިހާންގެ ޙާލަތު އިތުރަށް ގޯސްވުން ނޫންކަމެއް ނުވިއެވެ. އެހެނަސް ޒިހާން އެ ޙާލަތުގައިވެސް އެއްޗެކޭ ބުނަން ބޭނުންވިއެވެ. އެއްގޮތަކަށް ވެސް އެ ނުލަފާ އިންސާނާގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން ބޭނުމެއް ނުވުމުންނެވެ.

"ން...ނު...ނޫން..." ތުރުތުރު އަޅަމުން ދިޔަ ޒިހާނަށް އެހެން ބުނެވުނީ ވަރަށް ވެސް މަސައްކަތުންނެވެ.

"ކީކޭ؟!" އެ މީހާ އެހެން އަހައިލަމުން ކޮޓަރިއަށް ވަންނަން ފެށިއެވެ. ކޮޓަރީގެ ދުރު ހިސާބަކުން އަންނަމުން ދިޔަ ފަނޑު އަލީގެ ތެރެއިން އެ ހިޔަނި ކައިރިވަމުން ދިޔަ ގޮތުން ޒިހާނަށް އެކަން އެނގުނެވެ.

އެއާއިއެކު ޒިހާނަށް އިހުނަށްވުރެ ބޮޑަށް ފާރާއި ގާތްވެވެން ފެށިއެވެ. އެމީހާގެ ހިޔަނި ކޮޓަރީގެ އަނދިރިކަމުގެ ތެރެއަށް ގެއްލުނު ވަގުތު ހިތް ނެގިނެގިފައި ތެޅެން ފެށިއެވެ. ޒިހާން ކުރު ނޭވާތަކެއް ލަމުން ދަނިކޮށް ފެންލައިޓުން އަންނަމުން ދިޔަ އަލީގެ ތެރެއިން އެމީހާގެ ވާތު އަތް ޒިހާނާއި ކައިރިވާން ފެށި މަންޒަރު ފެނުނެވެ. އެ އަތުގެ ކަށި އިނގިލީގައި އެޅުވިފައި ހުރި ރިހި ކުލައިގެ އަނގޮޓީގައި ބޮލުގެ ނާށިގަނޑެއްގެ ބައްޓަމެއް ހުރި ގޮތުން ޒިހާންގެ ބިރުވެރިކަން ދެގުނަވިއެވެ.

އިތުރަށް ނުވެސް ވިސްނެނީސް އެ އަތް ގޮސް ކުއްލި ގޮތަކަށް ޒިހާންގެ ކަރުގައި ހިފައިލި ވަގުތު ޒިހާނަށް ހަޅޭއްލެވުނެވެ.

**

އަމިއްލަ ހަޅޭކުގެ އެ އަޑާއިއެކީ ޒިހާނަށް ކުއްލި ގޮތަކަށް އެނދުން ތެދުވެވުނެވެ. އެ ހިނދު ދާހިއްލާ ފޯވަމުން ދިޔައިރު ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ. ފުން ނޭވާތަކެއް ލާން މަސައްކަތް ކުރިއެއްކަމަކު އެކަން ދަތިކަމަކަށްވިއެވެ. ހުވަފެނުގައި އެ ފެނުނު މީހާގެ ހިފާލުން އެވަގުތުވެސް ކަރާއި ދިމާލުން އިޙްސާސް ކުރެވެމުން ދިޔަހެން ޒިހާނަށް ހީވިއެވެ.

އެއިންގޮތަށް އިންދާ އޭނަގެ ކައިރީގައި އެނދުގައި އޮތް ޔުނާވެސް ތެދުވެލީކަން ޒިހާނަށް އެނގުނެވެ. އެހެނަސް އާދައިގެ މަތިން ޔުނާއަށް ބަލައިލަން ބޭނުންވެފައި ވެސް ޒިހާނަށް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެވުނެވެ. ބިރުވެރި ހުވަފެނެއް ފެނުމުން ކަންތައް ކުރާ ގޮތް ހަނދާންވަމުން ދިޔަޔަސް ކުޑަވެސް ޙަރަކާތެއް ގެންނަން އޭނަ ނުކުޅެދިފައިވިއެވެ. ހުވަފެނުގައި އޭނައަށް އަމިއްލަ ނަފްސު ފެނުނު ފަދައިންނެވެ.

އާދައިގެ މަތިން ޒިހާން ތެދުވެފައި އިން މަންޒަރު ބަލަން އިނދެ ޔުނާ ވަކި ސުވާލުތަކެއް ކުރުމެއްނެތި އެނދުގެ ހެޑްބޯޑުގެ ކައިރިން ފާރުގައި ހުރި ސްވިޗަށް އަތް ދިއްކޮށްލަމުން ބޮކިތައް ދިއްލައިލިއެވެ. ވޭތުވެ ދިޔަ ހަފްތާ ތެރޭގެ ކޮންމެ ރެއެއް ފަދައިން ޒިހާން ހާސްވަމުން ދިޔަ ވަގުތު ޔުނާ ކަންބޮޑުވިއެވެ. އެހެނަސް ޔުނާ ވާހަކަ ދެއްކިއިރު އެ ކަންބޮޑުވުން ފާޅުވިއައެއް ނުދެއެވެ.

"ޒިހާން...... ބްރީތް، ކުރީ ރޭ އަހަރެން ކިޔައިދިން ގޮތަށް. ހަނދާން އެބަހުރި؟ ބަލާ އަހަރެންގެ އަތަށް....." ޔުނާ ކުޑަކޮށް ޒިހާންގެ ކުރިމައްޗަށް ޖެހިލަމުން އޭނަގެ ކަނާއަތް ދައްކައިލިއެވެ.

ޒިހާން ބަލައިލިއިރު ޔުނާ ލަސްލަހުން އިނގިލިތައް ލަންބަން ފެށި މަންޒަރު ފެނިފައި އެ ޙަރަކާތާއެކީ ލަސްލަހުން ނޭވާ އެތެރެއަށް ލާން ފެށިއެވެ. ފަސް އިނގިލި ލަންބައި ނިމުމުން ޔުނާ އަނެއްކާވެސް ލަސް މިނެއްގައި އިނގިލިތައް ސީދާ ކުރަން ފެށުމުން ހަމަ އެމިނުގައި ނޭވާ ބޭރުކުރަން ފެށިއެވެ.

މިއީ ޒިހާނަށް މިފަދައިން ދިމާވާން ފެށިތާ 5 ވަނައަށްވީ ދުވަހު ޔުނާ ދަސްކޮށްދިން ކަމެކެވެ. ގެސްޓް ހައުސްގައި އޭނައަށް ބުނެވުނު ބަސްތަކަށްފަހު ޒިހާނަށް މިހެން ދިމާވާން ފެށުމުން ޔުނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ގެއަށް އައުމަށްފަހު ވެސް ޒިހާން ހާސްވެގެންދާ ވަގުތުކޮޅުގައި ޒިހާނާއި އެކީ ހުރެވެމުން ދިޔައީ އެހެންވެއެވެ. ފަހަކަށް އައިސް ޔުނާއަށް ޒިހާނާއި މެދު ކަންބޮޑުވެވެމުން ދިޔައީ މާ ބޮޑަށެވެ. ކުރީކޮޅު ޒިހާނަށް ރޭގަނޑު ހޭލެވެމުން ވަކި އިތުރުކަމެއް ކުރަން ޔުނާ ޤަޞްދެއް ނުކުރެއެވެ. ޒިހާން ހޭލެވޭއިރަށް ކޮޓަރިން ނިކުމެގެން ދިޔުމުން ޔުނާ ޒިހާންގެ ކައިރީގައި އިށީނދެގެން ހުންނަނީ ޒިހާނަށް ކަމެއްވެއްޖެނަމަ ގޭގެ އެހެން މީހުންނަށް އަންގާލަދިނުމަށެވެ. ޒިހާނަށް އެހީވާން ކިތަންމެ ފަހަރަކު ހިތަށްއެރިއެއްކަމަކު ފަސްޖެހެވުނެވެ. ޒިހާން އޭގެ ނުބައި މާނައެއް ނަގައި އޭނަ ޒިހާނާއި ގާތް ގުޅުމެއް ބާއްވަން އުޅެނީ ކަމަށް ޒިހާން ލައްވާ ހީކުރުވަން ބޭނުމެއް ނުވީތީވެއެވެ.

އެހެނަސް ތަކުރާރުކޮށް ޒިހާންގެ އެ ޙާލަތު ފެންނަން ފެށުމުން ޔުނާއަށް ކެތްނުވެގެން އެއްރެއަކު ޒިހާން ހޭލެވުމުން އޭނައަށް އެހީވާން ނިންމިއެވެ. މިގޮތުން އެރޭ ހެދި ފަދައިން ޒިހާނަށް އެނދުން ނުތެދުވެވެނީސް ކޮޓަރީގެ ބޮކިތައް ދިއްލައިލިއެވެ. އަދި ޒިހާނަށް ދިޔުމުގެ ފުރުޞަތެއް ނުދީ ކުރިމައްޗަށް ޖެހިލަމުން ކަކޫމައްޗަށް ތެދުވެ ޒިހާންގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ އެ ވަގުތުކޮޅުގައި ޔުނާ ހިނދުކޮޅަކަށް ހުއްޓުން އަރާ ގޮތްވިއެވެ. ޒިހާންގެ ފިރިހެންވަންތަ މޫނު ކައިރިން ފެނިފައި އިތުރު ޙަރަކާތެއް ގެނެވޭ މަންޒަރު ޚިޔާލަށް ވެރިވުމުން ޔުނާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ޔުނާއަށް އަވަސްއަވަހަށް އެ ޚިޔާލުން ދުރުވެވުނީ ޒިހާންގެ ޙާލަތުގެ މަތިން ހަނދާންކުރަމުންނެވެ. އެއަށްފަހު އޭނަގެ އިނގިލިތައް ދައްކައި ފުން ނޭވާތަކެއްލާން ދަސްކޮށްދިނެވެ.

ޔުނާގެ އިނގިލިތަކަށް ބަލަހައްޓައިގެން ނޭވާ ހަމައަކަށް އަޅުވަމުން ދިޔަ ޒިހާންގެ ސިކުނޑިއަށް އެވަގުތު ވެސް ވެރިވަމުން ދިޔައީ އެރޭގެ ހަނދާންތަކެވެ. ޔުނާގެ އެ އެންމެ ބީހިލުމުން ވެސް އޭނަގެ ޙާލަތު އިހުނަށްވުރެ ރަނގަޅުވެގެން ދިޔަކަން ޔުނާއަށް އެނގޭނެނަމައޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. އެ ވާހަކަ ޔުނާގާތު ބުނަން ވެސް ޒިހާންގެ ހިތް އެދެމުން ދިޔައެވެ. އެހެނަސް ފަހަކަށް އައިސް ތަކުރާރުކޮށް އޭނަގެ ޙާލަތު ގޯސްކޮށް ދާ ގޮތުން، ޔުނާއާއި އެކީ ވުމުގެ އުއްމީދުވެސް ޒިހާންގެ ހިތުގައި ހީނަރުވަމުން ދިޔައެވެ. ޔުނާ އޭނަ ފިރިއެއްގެ ބަދަލުގައި ބަލިމީހެއްގެ ގޮތުގައި ދެކެން ފަށާފާނެތީ ޖެހިލުންވިއެވެ. އަދި އަމުދުން އޭނައާ ހެދި ޔުނާގެ އަރާމު ނިދި ގެއްލެމުން ދިޔަ ގޮތުން ވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. ޒިހާނަށް ނޭނގުނު ކަމަކީ އެ އިޙްސާސްތައް ދެގުނަ ވަމުން ދިޔައީ އޭނަގެ ނަފްސާނީ ޙާލަތުގެ ސަބަބުންކަމެވެ.

ޙަޤީޤަތުގައި ޔުނާއާ އިންއިރު މިހާ ބޮޑަށް އޭނަގެ ޙާލަތު ދަށްވެދާނެ ކަމަށް އޭނަ ހިއެއްނުކުރެއެވެ. ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި އޭނައަށް މިހެން ދިމާވެފައިވަނީ އިހުނަށްވުރެ ނިސްބަތުން މަދު ދުވަސްތަކެއްގައި ކަމަށްވުމުންނެވެ. ޒިހާންގެ ބައެއް އެކުވެރިން އެކަމަށް ފަރުވާ ހޯދަން އޭނަގާތު އެދުނެއްކަމަކު އެކަން ނުކުރި އެއް ސަބަބަކީ ވެސް އެއީއެވެ. އަދި އަމުދުން އެ ޒާތުގެ ފަރުވާއެއް ހޯދުން އޭނައަށް މުހިއްމު ނޫންކަމަށް ވެސް އޭނައަށް ނިންމިފައިވީއެވެ.

އެހެނަސް ޔުނާއާ އިނުމުގެ ކުރިން އެ ފަރުވާ ހޯދުނުނަމައޭ އެރޭ ހިތަށް އަރަމުން ދިޔައެވެ. ޔުނާގެ ނަޒަރުގައި އޭނަ މިއަދު އެހާ ބަރޯސާވެވޭނެ ފިރިއަކަށް ނުވާނެތާއޭ ހިތް ބުންޏެވެ. ޔުނާގެ ނަޒަރުގައި މިއަދު އޭނަ ބަލިކަށި މީހަކަށް ވެދާނެތާއޭ އޭނަގެ ޒަމީރު ބުނަމުން ދިޔައެވެ.

ޒިހާނަށް ނޭނގުނު ކަމަކީ ޔުނާއަށް އޭނަ ފެންނަމުން ދިޔައީ ބަލިކަށި މީހެއްގެ ގޮތުގައި ނޫންކަމެވެ. ޒިހާން ރޭގަނޑު މިފަދަ ޙާލެއްގައި އުޅެމުން ވެސް ދުވާލު ގަޑީގައި އޭނަ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ދިޔަ ގޮތުން ޔުނާ ޒިހާނަށް ތަޢުރީފު ކުރަމުން ދިޔަކަމެވެ. އަދި ޒިހާން އެގޮތަށް އުޅުމުގައި އޭނަ ގެންގުޅޭ ވިސްނުން ވެސް ދެނެގަންނަން ޔުނާ ބޭނުންވިކަމެވެ.

**

އޭގެ އަނެއްދުވަހު ވެސް ޒިހާން އާދައިގެ މަތިން ދަމުނަމާދުވެސް ކުރުމަށްފަހު ފަތިސް ނަމާދަށް މިސްކިތަށް ދިޔައެވެ. ޔުނާވެސް އެދުވަހު ފަތިހު ހޭލީ ކިޔެވުމުގެ މަސައްކަތެއް ކުރަން އޮތީތީވެއެވެ. ޒިހާން އަނބުރާ ގެއަށް އައިސް އާދައިގެ މަތިން އޮށޯންނާނެކަމަށް ޔުނާ ހީކުރިއެވެ. އެހެނަސް ބަދަލުގައި އޭނަގެ ކިޔަވާ މޭޒު ކައިރިއަށް އައިސް ހުއްޓިލަމުން ޒިހާން ވާހަކަ ދެއްކިއެވެ.

"ޔުނާ ކަސްރަތު ކުރަންތަ؟" ޒިހާން ކޮށްލީ ހަމައެކަނި އެ ސުވާލެވެ.

އޭގެ މިނެޓްތަކެއް ފަހުން ޔުނާ ހުރީ ސިޓިންގް ރޫމުން ނިކުމެވޭ ދޮރުގެ ކައިރީގައި ހުރި ގޮނޑިއެއްގައި އިނދެ އޭނަގެ ހިނގާ ބޫޓަށް އަރައި ބޫޓުގެ ނާޑުވާ އަޅުވާށެވެ. އެ ގަޑީގައި އޭނަ ކުރަން މަސައްކަތްތައް ހުއްޓެއްކަމަކު ޒިހާން އަމިއްލައަށް ގެއަށް ބޭރަށްދާ ފަދަ ޚިޔާލެއް ފާޅުކުރުމުން ޔުނާއަށް އިންކާރެއް ނުކުރެވުނެވެ. ޒިހާންގެ ނަފްސާނީ ޙާލަތަށް މިވަގުތު އެންމެ ރަނގަޅުވާނީ ވެސް އެގޮތްކަން އެނގުމުންނެވެ. ޚުދު އޭނަ ވެސް ބޭރަށްދާން ބޭނުން ނުވިއެއްކަމަކު އޭނައަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެއީ ކަން ދަނެގެންނެވެ.

"މިހާރު ހިތަށް އެބައަރާ ޔުނާ ކައިރި ބުނެވުނީވެސް ކީއްވެހޭ. ޔުނާ މިތާ ހުއްޓާ މަށަށް ދެވިދާނެ މި ބޮޑު އަވަށުގެ އެންމެ ކޮޅަށް ވެސް..." ޒިހާން ފެންޑާގެ ތެރޭގައި ހުރެފައި ޔުނާގެ ކުރިމައްޗަށް އަންނަމުން އެހެން ބުނެ ޗޮއްކަނޑާލިއެވެ.

"އަސްލުވެސްތަ؟ އަހަންނަށް ހީވަނީ ޒިހާންހެން އަހަރެންގެ ފަހަތުގަ ހުންނާނީ. ސިފައިންގެ މީހެއްގެ އަންހެން ކޮއްކޮއަކާއިމެދު ތިހާ ދަށްކޮށް ވިސްނަން ނުވެސް ވާނެދޯ؟" ޔުނާވެސް ޒިހާނަށް ބަލައިލަމުން ޒިހާން ވާހަކަ ދެއްކި ރާގަށް ބުނެލިއެވެ.

"އެނގިދާނެތާ!" ޒިހާން އެހެން ބުނެ މަޑުކުރުމެއްވެސް ނެތި ހިނގަން ފެށިއެވެ. އެއާއިއެކު ޔުނާއަށް 'އޭއި' އޭ ކިޔައި ގޮވައިލަމުން ކުއްލިއަކަށް ތެދުވެ ދުވެފައި ގޮސް ޒިހާނާއި އެއްހަމަ ކުރަން ދެވުނެވެ.

ޒިހާން އުއްމީދު ކުރި ގޮތާއި ޚިލާފަށް ޔުނާ ހަމަ ޙަޤީޤަތުގައި ވެސް އޭނައާއި އެއްވަރަކަށް ހިނގަމުން ދިޔައެވެ. ހިނގަން ފެށިތާ މާ ގިނައިރެއްނުވެ ޔުނާއަށް މާ ނޭވާ ލެވެން ފެށުމުން ޒިހާން ޔުނާއަށް ފާހަގަނުވާނެހެން ކުޑަކޮށް އޭނަގެ ހިނގުން ލަސްކުރިއެވެ. އެއަށްފަހު ޔުނާ ބަލިވަންޏާ ކުޑަކޮށް މަޑުކޮށްލިޔަސް ރަނގަޅުވާނެ ކަމަށް ބުންޏެވެ. ބަދަލުގައި އޭނަ ބަލި ނުވާކަމަށް ޔުނާ ބުނެލީ، ދޮންބެ ވަނީ މި ހުރިހާ ޓްރެއިނިންގްއެއް އޭނައަށް ދީފައިކަމަށް ބުނަމުންނެވެ. ޔުނާގެ އެ ވާހަކައިން ޒިހާނަށް ހީލެވުނެވެ.

ދެމީހުން އެކީގައި ހިނގަމުން ދިޔަދިޔަހެން ދުވަހުގެ އިރު އަރަމުން ދިޔަ މަންޒަރު ވެސް ދެމީހުންނަށް ފެންނަމުން ދިޔައެވެ. އިރުއަރާ މަންޒަރު ފެނިފައިވެސް ދެމީހުންގެ ދެމެދުގައި އެކިއެކި ވާހަކަތައް ދެކެވުނެވެ. ހިނގަން ފެށިތާ 20 ވަރަކަށް މިނެޓް ހަމަވީ ވަގުތު އުޑުމަތިން ފެންނަން ފެށި ރީތި ކުލަތަކުން އެ މަލަމަތި ޔުނާގެ ފޯނުން ފޮޓޯ ނަގާލަން ދެމީހުން މަޑުކުރީ ޒިހާންގެ ޚިޔާލެއްގެ މަތިންނެވެ. އިރުއަރާ މަންޒަރު ފެނިފައި އޭނަ އަބަދުވެސް އުފާވާ ވާހަކަ ޒިހާން ޔުނާގާތު ބުންޏެވެ. އެއީ ކީއްވެތޯ ސުވާލުކުރުމުން ޒިހާން އެ ވާހަކަ އޮޅުވައިލިއެވެ. އަދި ޖިމަކަށް ދާން ބޭނުންތޯ ސުވާލުކުރަމުން އަނެއްކާވެސް ހިނގަން ފެށީ ކައިރި ހިސާބެއްގައި ޖިމެއް ހުންނާނެ ވާހަކަ ބުނަމުންނެވެ.

ޒިހާން ޔުނާއާ އެކީ ދިޔައީ ދަންނަ މީހެއްގެ ގެ ކައިރީގައި ހުންނަ ޖިމަކަށެވެ. އެދުވަހުގެ އެ ގަޑީގައި އެތަނަށް އެއްވެސް ބަޔަކު އައިސްފައެއް ނުވެއެވެ.

"މިއީ އަދި އަލަށް ހުޅުވައިގެން އުޅޭ ތަނެއްވީމަ ބަޔަކު ވަރަށް ނާދޭ.... އެންމެ އަވަހަށް އަންނަ މީހާވެސް އަންނާނީ 7 ކުން." ޒިހާން ޔުނާއާއިއެކީ ޖިމްގެ ތެރެއަށް ވަދެގެން ދަމުން ބުންޏެވެ. އެވަގުތު ޔުނާ އޭނަގެ ފޯނުން ދެންމެ ނެގި ފޮޓޯތައް އިންސްޓާގްރާމަށް ލުމުގެ މަސައްކަތް ކުރަމުން ދިޔައެވެ.

"ހޭޝްޓެގް ސަންރައިޒް، ހޭޝްޓެގް ނިއު ޑޭއި.... ދެން ކީކޭ ލިޔާނީ؟ މި އެއްޗެހި ބޭނުން ނުކުރަމުން ގޮސް މިހާރު ނޭނގޭ ލިޔާކަށް ވެސް. ހެހެ....." ޔުނާ ބުންޏެވެ.

"ހޭޝްޓެގް ހޯޕް...." ޒިހާން އެހެން ބުނެލީ އެތާ ހުރި ހަރެއްގެ މަތިން ބޭރިއެއް ނަގައި ތިރީގައި ހެދިފައި ހުރި ކުރު ސިޑި ބަރިއެއް މަތީގައި އިށީނދެ ބުނެލިއެވެ. އެއަށްފަހު ނުހަނު ފަސޭހަކަމާއެކީ އޭނަގެ އަތް ބޭރިއާއިއެކީ ޙަރަކާތް ކުރަން ފެށިއެވެ.

"އާނދޯ؟ ނިއު ޑޭއިއަކަށްވީމަ ހޯޕްވެސް ވާނެތާ. ނައި...ސް..." ޔުނާ ފޮޓޯ ޕޯސްޓްކޮށްލަމުން އިސްއުފުލައިލި ވަގުތު ފެނުނު މަންޒަރުން އަޑު ކެނޑިގެން ދިޔައެވެ. ޒިހާން ނުހަނު ސަމާލުކަން ދީގެން އެ ބޮޑު ބޭރި މައްޗަށް ގެންގޮސް ތިރިއަށް ގެންދަމުން ދިޔަ ގޮތުން ޔުނާއަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލާކަށް ވެސް ނޭނގުނެވެ. އެ ޙަރަކާތް ގެންނަމުން ދިޔަދިޔަހެން ޒިހާންގެ އަތުގެ ފަލަ މަސްގަނޑަށް ބާރުވަމުން ދިޔަ ގޮތުން ދެފައިން ވާގި ދޫވާން އުޅުނުހެން ވެސް ޔުނާއަށް ހީވިއެވެ. އޭނަ މި މަންޒަރު ދެވަނަ ފަހަރަށް ވެސް ދެކެން ބޭނުންވާނެކަން ޔަޤީންވުމުން ޔުނާ ލާނެތް ހިނިތުންވުމަކާއިއެކީ ނޫންކަމަށް ހަދާފައި އަތުން ހިފަހައްޓައިގެން ހުރި ފޯނުން ޒިހާންގެ ފޮޓޯއެއް ނެގިއެވެ. ހަމަ އެ ހިނދު އެ ފޮޓޯއިން ފެންނަމުން ދިޔައީ އޭނަގެ ފިރިމީހާކަން އެނގުންވީ ވަގުތު އޭނަގެ ހިތަށް އާދަޔާ ޚިލާފު އުފާވެރިކަމެއް ލިބުނެވެ.

"ހަމައެކަނި ނިއު ޑޭއަކަށްވީމައެއް ނޫނޭ ހޯޕަށް ވަނީ....." ޒިހާން ބުންޏެވެ.

"އެހެންތަ؟ ދެން ކީއްވެ؟" ޔުނާ އޭނަގެ ފޯނު އެތާ ވަކިން ހުރި މޭޒެއްގެ މަތީގައި ބޭއްވުމަށްފަހު ޒިހާންގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ސްޓޭޝަނަރީ ބައިސްކަލަކަށް އެރިއެވެ.

"އިރު އަރާއިރު ފެނިގެން އެދަނީ ﷲ ގެ ކުޅަދުންވަންތަކަންދޯ؟ ދިގު އަނދިރި ރޭގަނޑަކަށްފަހު ވެސް ދުވާލުގެ އަލިކަން ފެނިގެންދާނެކަމުގެ އުއްމީދު ލިބެނީ އިރު އަރައިގެން އަންނަ ވަގުތު. އަހަރުމެންގެ ޙަޔާތުގެ ހުރިހާ ކަމެއް ރާއްވަވަނީ އެ ރޭގަނޑު ދުވާލަށް ބަދަލުކުރައްވާ ރަސްކަލާނގެކަން އެނގުނީމަ ހިތްހަމަޖެހުމެއް ލިބޭ އަހަންނަށް.... ޙަޔާތުގެ ބޮޑުބައެއް އަނދިރީގެ ތެރޭގަ ހޭދަކުރެވުނީމަ ކަންނޭނގެ މިހެން އިޙްސާސް ކުރެވެނީ..." ޒިހާން މާޔޫސީ ގޮތަކަށް އެހެން ބުނެލި ހިނދު ޔުނާގެ ހިނިތުންވުން ވެސް ފަނޑުވެގެން ދިޔައެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޔުނާ އެއްޗެކޭ ބުނަން އުޅުނު ވަގުތު ޒިހާން ވާހަކަ ދެއްކިއެވެ.

"ސޮރީ..... ވަރަށް ޑިޕްރެސިންގްދޯ އަހަންނާއި އެކީ އުޅެން؟ އަބަދު އަބަދު ހާސްވެފަ ހިތާމަވެރި ވާހަކަތަކެއް ދެކެވެނީ. އައިމް ރިއަލީ ސޮރީ އަސްލު ފާއިތުވެ ދިޔަ ދުވަސްތަކުގަ ކަންތައް ދިމާވި ގޮތުން. ރަނގަޅު ކުރެވޭތޯ ބަލާނަން އިނގޭ އިން ޝާ ﷲ!" ޒިހާން އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރަމުން ބުނެލިއެވެ. އޭނަގެ ހިތާމަވެރިކަމުގެ ވާހަކަ ދެއްކިއިރު މިފަހަރު ޒިހާނަށް ވަކި ގޮތެއް ނުވުމުން ޒިހާންގެ ޙާލަތު އިހުނަށްވުރެ ރަނގަޅު ވެއްޖެކަން ޔުނާއަށް އެނގުންވިއެވެ. އެކަމާއިމެދު ޝުކުރުކުރަމުން ޔުނާއަށް ވާހަކަ ދެކެވުނެވެ.

"ނޫނޭ ޒިހާން.... ޑިޕްރެސިންގްއެއް ނޫން. އިންސްޕަޔަރިންގްކަމެއް ޒިހާންއާއެކީ އުޅުމަކީ. މިހާރު ވެސް ތި ދެއްކި ވާހަކައިން އުއްމީދުގައި ހިފަހައްޓަން ދަސްވެއްޖެ. ތެންކިއު، ޒިހާން..." ޔުނާ ހިނިތުންވުމަކާއިއެކީ ބުނެލިއެވެ. ޔުނާ ހިތުން އެ ވާހަކަތައް ބުނެލީ ޒިހާންގެ ހިތްހަމަޖައްސާލަ ދިނުމަށެވެ. އެހެނަސް އެ ބަސްތަކުގެ ތެދުކަން އެވަގުތު އޭނަގެ ހިތަށް އެނގުންވެގެން ދިޔައެވެ. ޒިހާން އޭނަގެ ވާހަކައަށް ހިނިތުންވެލުމުން ޔުނާގެ ހިނިތުންވުން ވެސް ފުންވެގެން ދިޔައެވެ.

ގެއަށް ދިޔުމަށްފަހު ދެމީހުން ވެސް ތާޒާ ވެލައިގެން ސައި ބުއިމަށްފަހު ދިޔައީ އަމިއްލަ މަސައްކަތަށެވެ. ޔުނާ އަނެއްކާވެސް އޭނަގެ ކިޔެވުމަށް އަނބުރާ ދިޔައިރު ޒިހާން އޭނަގެ ޢިމާރާތްތަކަށް ނަޒަރެއް ދިނުމަށް ބޭރަށްދާން ތައްޔާރުވަމުން ދިޔައެވެ.

"އަހަރެން ބޭރުގަ ހުއްޓާ އެއްވެސް ކަމަކު ޖެހިއްޖެއްޔާ އެއްކަލަ ނަންބަރަށް ގުޅާލައްޗޭ. ނަސީބެއް މިދުވަސްކޮޅު އާ ބަޔަކާއެކީ މަސައްކަތް ކުރަން ނުޖެހުނުކަން. ފޯނު ހެދިފަ އޮތް ވާހަކަ އެއްކަލަ ފްރެންޑް ބުނި....." ޒިހާން ބޮލުގައި ފުނާ އަޅަމުން ކިޔަވާ މޭޒު ދޮށުގައި އިން ޔުނާއާއި ވާހަކަ ދެއްކިއެވެ.

"ތޭންކް ގޯޑް..... އަހަންނާ ހެދި ޒިހާން ނޮކިއާ ބައްތިއެއް މި ހުރިހާ ދުވަހު ގެންގުޅެން ޖެހުނީމަވެސް ގިލްޓީވެފަ މިހުންނަނީ. އާ ފޯނެއް ގިފްޓަކަށްދޭން ޚިޔާލުކޮށްކޮށް ހުއްޓާ ތި ވާހަކަ ތި ބުނީ. ހެހެ...." ޔުނާ އޭނަގެ މަސައްކަތާއިގެން ކުރިއަށް ދަމުން ބުނެލިއެވެ. ރީތިވާ މޭޒުގެ ލޯގަނޑުން ފަހަތުގައި އިން ޔުނާ ފެންނަމުން ދިޔަ ޒިހާނަށް ވެސް ހީލެވުނެވެ. ޒިހާން ތައްޔާރުވެ ނިމުމުން ކޮޓަރިން ނިކުމެގެން ދިޔުމުގެ ކުރިން ޔުނާއަށް އަލްވަދާޢު ކިޔުނީ 'ލަވް ޔޫ' އޭ ބުނެލަމުންނެވެ. ބަދަލުގައި ޔުނާއަށް ވެސް ފަސްއެނބުރި އެހެން ނުބުނެވުނީ ކިރިޔާއެވެ. އެކަން އެނގުންވީ ވަގުތު ހުއްޓުން އެރިއެއްކަމަކު ޔުނާ އަވަސްއަވަހަށް ހިނިތުންވެލަމުން އެކަން ފޮރުވިއެވެ. ޒިހާން އޭނަގެ ލޯމަތިން ގެއްލުނީ ދެވަނަ ފަހަރަށް ވެސް ހީލުމަށްފަހުގައެވެ.

ޒިހާން ދިޔުމުން ވެސް އިރުކޮޅެއް ވަންދެން ޔުނާއަށް ރަތްވެފައިވާ ކޯތާފަތާއި އެކީ އިންގޮތަށް އިނދެވުނެވެ. އެވަގުތުކޮޅަށްފަހު ޔުނާ އަވަސްއަވަހަށް ބޯހޫރުވާލަމުން ހަމައަކަށް އެޅި އޭނަގެ ލެޕްޓޮޕް ސްކްރީނަށް ނަޒަރެއް ދިނެވެ. އެވަގުތަކީ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށި ވަގުތެވެ. ފޯނުގެ ސްކްރީނަށް ބަލައިލި ވަގުތު ފެނިގެން ދިޔައީ އޭނަގެ އެމްސްޓާޑަމްގެ އެކުވެރިއެއްކަމަށްވާ ކޭޓްގެ ނަމެވެ. ކޭޓްއަކީ މިހާރުވެސް އޭނައާއެކީ ކިޔަވަމުން ދާ އެކުވެރިއެކެވެ.

އެމްސްޓާޑަމްއަށް މިވަގުތު ވާނެ އިރަކާއިމެދު ވިސްނާލަމުން ޔުނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

"ހައި ކޭޓް! ވަޓްސް އަޕް؟" ޔުނާ ސުވާލުކުރިއެވެ.

"ހައި ޔުނާ..... ސަމްތިންގް ކޭމް އަޕް...." ކޭޓް ބުންޏެވެ. އެއާއިއެކު ޔުނާ ކިހިނެއްވީތޯ ސުވާލުކުރުމުން ކޭޓް ކިޔައިދޭން ފެށިއެވެ.

ކޭޓް ބުނެލީ ޔުނާ އަންނަ ހަފްތާގައި އެމްސްޓާޑަމްއަށް އަންނަން ޖެހޭ ވާހަކައެވެ. ޔުނާ އާއި ކޭޓާ ދެމީހުންގެ އެހެން ދެ އެކުވެރިންނާއެކީ ހަދަން ނިންމާފައިވާ ދިރާސާގެ މަސައްކަތް އަވަސްވީ ވާހަކަ ބުންޏެވެ. ޔުނާއަށް އެ ވާހަކައިން ލިބުނީ ޙައިރާންކަމެކެވެ. މީގެ ދެ މަސްފަހުން އަންނަ އިމްތިޙާނަށްފަހު އެންމެން ވެގެން ހަދަން ރާވާފައިވި އެ ދިރާސާގެ މަސައްކަތް އަވަސްކުރަންވީ ސަބަބެއް ނުވިސްނުމުންނެވެ.

(ނުނިމޭ)