ދަރަންޏަކާ ގުޅިގެން އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނަގައިދިނުމުގައި، އެ އިންޓްރެސްޓް ދައްކަންޖެހުނު ތާރީހުން ފެށިގެން 10 އަހަރު ދުވަސް ފާއިތުވުމަށްފަހު އިންޓްރެސްޓް ގޮތުގައި ހިނގާފައިވާ އެއްވެސް ފައިސާއެއް ނަގައިދީގެން ނުވާނެ ކަމަށް މަދަނީ އިޖުރާއަތުގެ ބިލުގައި ހިމަނައިފިއެވެ.

މިގޮތަށް ހިމަނާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރަމުން އަންނަ މަދަނީ އިޖުރާއަތުގެ ބިލުގެ އެއްވަނަ ބައިގައި ހިމެނޭ އިބްތިދާއީ މާއްދާތަކުގެ ތެރޭގައެވެ.

ކޯޓުން ކުރާ ހުކުމް ތަންފީޒު ކުރުމުގެ މުއްދަތާ ބެހޭގޮތުން ބިލުގައި ހިމަނާފައިވާ 40 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ، ކޯޓަކުން ކޮށްފައިވާ ފައިސަލާކުރަނިވި ހުކުމެއް، ނުވަތަ އެނޫންވެސް ނިންމުމެއް ތަންފީޒު ކުރުމަށްޓަކައި ހުށަހަޅަން ވާނީ، އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން 10 އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.

(ށ)ގައި ބުނެފައިވަނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ވެސް ދަރަނިވެރިޔާ ފިލައިގެން އުޅޭނަމަ، ނުވަތަ ތަންފީޒު ކުރުމަށް ބޭނުންވާ ހުކުމް ނިސްބަތްވާ މުދާ ފޮރުވާފައި ވާނަމަ، އެ މުދާ ހޯދޭ ތާރީހުން ފެށިގެން، ނުވަތަ އެ މުދާ އަނބުރާ ހޯދުނު ތާރީހުން ފެށިގެން 10 އަހަރު، ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައި ވާނަމަ، އެ ހުކުމް ތަންފީޒު ކުރުމަކަށް ހުރަހެއް ނޭޅޭނެކަމަށެވެ. އެގޮތުން އެންމެ ދިގު މުއްދަތެއް ކަމަށް ބެލެވޭނީ، އެ މުދާ ފެނުނު ތާރީހުން ފެށިގެން، ނުވަތަ އެ މުދާ އަނބުރާ ހޯދުނު ތާރީހުން ފެށިގެން 25 އަހަރު ދުވަހު ގެ ނިޔަލަށް ކަމަށް ވެސް ބުނެފައި ވެއެވެ.

(ރ)ގައި ބުނެފައި ވަނީ، މި މާއްދާގެ (ހ) (ށ) އަދި (ނ) އެހެން އޮތްނަމަވެސް، ހުކުމްކުރާ ނުވަތަ ނިންމުން ނިންމާ ކޯޓުން މި މާއްދާގެ (ހ) (ށ) އަދި (ނ) ގައި ބަޔާންކޮށްފައި ވާ މުއްދަތު ތަކަށްވުރެ ކުރު މުއްދަތެއް އެ ހުކުމް ނުވަތަ ނިންމުން ތަންފީޒު ކުރުމަށް ކަނޑައެޅުމަކަށް ހުރަހެއްނާޅާ ކަމަށެވެ.