އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނެއްގައި، ދެ އަހަރުން ދަށުގެ ކުއްޖެއްގެ ފުއްޕާމެއިން ކެޝޫ ނަޓްގެ އެތިކޮޅުތަކެއް ނަގައިފިއެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ މިއަދު ފޭސްބުކްގައި ޝެއާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުއްޖާގެ ފުއްޕާމޭގެ ދެ ފަރާތުގައި ހުރި ކެޝޫނަޓްގެ އެތިކޮޅުތައް ކާމިޔާބު ކަމާއެކު ނެގިފައިވާ ކަމަށެވެ.

މި ހާދިސާއިން ލިބުނު އިބުރަތަކީ ޑައިގްނޯސިންއެއް ދެވޭނީ ކުއްޖާއަށް ކުރިމަތި ވާ އުނދަގޫތަކާއި، މެޑިކަލް ހިސްޓްރީ ރަނގަޅަށް ކިޔައިދެވިގެން ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން ކުއްޖާގެ ފުއްޕާމެއިން ކެޝޫ ނަޓް ނެގުމުގެ މަސައްކަތުގައި އެހީތެރިވި އީއާރު މުވައްޒަފުންނާއި ރޭޑިއޮލޮޖިސްޓްސް، އެނެސްތީޖިިއޮލިސްޓް، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަދި އެކި ޑިޕާޓްމަންޓުގެ ނަރުހުންގެ އިތުރުން ވެސް ކުއްޖާގެ ފުއްޕާމެއިން ކެޝޫ ނަޓް ނެގުމަށް އެހީތެރިވި މީހުންގެ މަސައްކަތަށް ޑރ. މުހައްމަދު އަލީ ޝުކުރު އަދާ ކުރެއްވިއެވެ.