އައްސޭރި ޖަލުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ސުޕްރިޓެންޑެންޓް އޮފް ޕްރިޒަން މުހައްމަދު ޝާހީން މަގާމުން ސަސްޕެންޑް ކޮށްފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދު ވަނީ "ވަން" އަށް އެކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް އެ މައްސަލައަކީ މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމުން މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ޔުސްރީން ނުދެއްވަ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޝާހީން ސަސްޕެންޑު ކޮށްފައިވަނީ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ރޭގެ ވަގުތެއްގަ އެވެ. އަދި އޭނާއާ ގުޅިގެން ބަލަމުން އަންނަނީ ޕްރޮޖެކްޓަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއްކަން ވެސް ވަނީ އެނގިފަ އެވެ. ނަމަވެސް އެއީ ކޮން ޕްރޮޖެކްޓަކާގުޅޭ މައްސަލައެއް ކަމެއް އަދި ސާފެއް ނުވެ އެވެ.