އެމްޓީސީސީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 27 ވާ އާދިއްތަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އެމްޓީސީސީއިން ބުނީ އަހަރީ އާންމު ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 27ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 ގައި ފަހިވޯޓު މެދުވެރިކޮށް ކަމަށެވެ.
ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އާންމު ހިއްސާދާރުންނަށް މިހާރު ހުޅުވާލައިފައިވާއިރު، އޭޖީއެމްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 25ގެ ނިޔަލަށް އޮންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ހުސްވި އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ 2019 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާ އަކަށް ދެ ރުފިިޔާ ބަހާގޮތަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށެވެ.
މީގެ އިތުރުން އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އޮޑިޓަރުން ހޮވުމާއި އެފަރާތުގެ އުޖޫރަ ކަނޑައެޅުމުގެ އިތުރުން ކުންފުނީގެ ހިންގާ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމާއި ބެހޭ ހާއްސަ ގަރާރު ފާސްކޮށް، ކުންފުނީގެ ޑިރެކްޓަރުންގެ ފީ އަށް ބަދަލު ގެނައުމާއި ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުން އައްޔަންކުރުމާއި އިންތިހާބުކުރުން އޮންނާނެ އެވެ. ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުން ތަމްސީލު ކުރުމަށް ކުރިމަތިލާފައި ވަނީ ދެ ފަރާތަކުންނެވެ. އެއީ އަހުމަދު އަބޫބަކުރު،/ދަފްތަރު ނަންބަރު 95-698، ކ.މާލެ އާއި ނަސްރަތު މުހައްމަދު/ހެޕީނައިޓް، ގއ.ވިލިނގިލިއެވެ.
އެމްޓީސީސީއިން މިދިޔަ އަހަރު ބޭއްވި އޭޖީއެމްގައި ފާސްކޮށްފައިވަނީ 2018 ވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 34.27 މިލިއަން ރުފިޔާ ނުބެހުމަށެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ