އަޅުކަން ކުރުން މަތީގައި ހެދިބޮޑުވަމުން އަންނަ ޒުވާނާ އަށް ﷲ ތައާލާ ގިޔާމަތް ދުވަހުން ވަރަށް މަތީ ދަރަޖައަކާއި ޝަރަފެއް ދެއްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
"ޒުވާންކަން ހެޔޮގޮތުގައި ހޭދަކުރުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ގައުމުގެ މުސްތަގުބަލަށް ކުރެވޭ އުންމީދުތަކުގެ ހަގީގީ މޭސްތެރިންނަކީ އެ ގައުމެއްގެ ޒުވާނުން ކަމުން އިސްލާމް ދީނުގައި ޒުވާނުންނަށް ރަނގަޅު އިސްލާމީ ތަރުބިއްޔަތެއް ދީ، ހަރުދަނާ ގާބިލު ބަޔަކަށް ހެދުމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަމަށެވެ.
އެގޮތުން ހަރުދަނާ އީމާންތެރި ޒުވާނުންނަކީ އެމީހުންގެ ނަފުސާއި މުދަލުން ވެސް ދީނާއި ގައުމަށްޓަކައި ގުރުބާންވާނެ ބައެއް ކަމަށާއި އަދި ﷲގެ ދީން ހިމާޔަތްކޮށް އެ ދީނަށް ނަސްރުދީ އަދި ގައުމަށް ދިމާވާ ކޮންމެ ނުރައްކާތެރި ވަގުތެއްގައި ގައުމު ދިފާއު ކުރުމުގައި އިސް ސަފުގައި ތިބޭނެ ވަރުގަދަ ފަހުލަވާނުންތަކެއް ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، އިސްލާމް ދީން ގޮވާލަނީ ޒުވާންކަމުގެ އުމުރު މާތް ﷲ އަށް ކިޔަމަންގަތުމުގައި ހޭދަ ކުރުމަށް ކަމަށާއި އަޅުކަން ކުރުން މަތީގައި ހެދިބޮޑުވަމުން އަންނަ ޒުވާނާއަށް ﷲ ތައާލާ ގިޔާމަތް ދުވަހުން ވަރަށް މަތީ ދަރަޖައަކާއި ޝަރަފެއް ދެއްވާފައިވާ ކަމަށެވެ.
އެގޮތުން ރަސޫލާގެ ހަދީޡް ބަސްފުޅުން ސާބިތުވާ ގޮތުގައި "ﷲ ތައާލާގެ ހިޔާވަހިކަން ފިޔަވައި، އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ ގިޔާމަތް ދުވަހު) އެކަލާނގެ ހަތް ބަޔަކަށް އަރްޝީގެ ހިޔާވަހިކަން ދެއްވައެވެ" އޭގެ ތެރެއިން އެއް ބައެއްގެ ގޮތުގައި ހަދީޡް ކުރައްވަނީ: "އަދި ﷲ އަށް އަޅުކަން އަދާކުރުން މަތީގައި ބޮޑުވަމުން އަންނަ ޒުވާނާއެވެ."
ހުތުބާގައި ބުނީ، ޒުވާނުން އިސްލާމް ދީނަށް ލޯބި ޖައްސައި، އިސްލާމް ދީނުގެ މަތިވެރި އަސާސްތަކުގެ މަތީގައި ދިރިއުޅެން ދަސްކޮށްދޭން ޖެހޭ ފަދައިން ޒުވާނުންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކޮށް ދިރުވަންޖެހޭ ކަމަށެވެ. އަދި އިސްލާމް ދީން ޒުވާނުންނަށް ދީފައިވާ މަތިވެރި މަގާމާއި ގަދަރު މިއަދުގެ ޒުވާނުންނަށް ވިސްނައިދީ، އިސްލާމް ދީނަށްޓަކައި ގުރުބާންވި ޒުވާނުންގެ އީމާންތެރިކަމާއި ރިވެތި އަހުލާގާއި ހިތްވަރާއި ފަންވަރަކީ މިއަދުގެ ޒުވާނުންގެ އަސާސް ކަމުގައި ހަދަންޖެހޭ ކަމަށް ބުންޏެވެ.
އިންސާނާގެ އުމުރުފުރާގެ ތެރެއިން ޒުވާންކަމަކީ ބޮޑުވެގެންވާ ނިއުމަތެއްކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ޒުވާންކަން ހޭދަކުރި ގޮތާ ބެހޭގޮތުން ހާއްސަ ގޮތެއްގައި ސުވާލުވެވޭނެ ކަމަށެވެ. އަދި ފަސް ކަމެއްގެ ކުރިން ފަސްކަމެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކީރިތި ރަސޫލާ އަމުރުކުރެއްވި ހިނދު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެކަލޭގެފާނު ހަދީޡް ކުރައްވާފައިވާ ވަނީ މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ، ހަަތަރު ކަމަކާބެހޭ ގޮތުން ސުވާލު ކުރެވިއްޖައުމަށް ދާންދެން ގިޔާމަތް ދުވަހު އޭނާގެ ފައިތިލަ ހުރިތަނުން ގުޑާވެސް ނުލެވޭނެކަން ކީރިތި ރަސޫލާ ބަޔާންކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރެއިން އޭނާގެ އުމުރު ފަނާކުރި ގޮތާއި އޭނާގެ ޒުވާންކަން ހޭދަކުރި ގޮތާ ބެހޭގޮތުން ސުވާލު ކުރެވޭނެ ކަމަށް އެކަލޭގެފާނު ހަދީޡް ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ