އެމްޑަބްލިއުއެސްސީ

ފެން ބިލް ނުދައްކާތާ 148 މަސް ވެފައިވާ ކަސްޓަމަރުންވެސް އެބަތިބި: ޝާހް

އަލީ ޔާމިން

6

ފެން ބިލް ނުދައްކާތާ 148 މަސް ވެފައިވާ ކަސްޓަމަރުންވެސް އެބަތިބި ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)އިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ، އެތައް އަހަރެއް ވަންދެން ފެން ބިލް ނުދައްކާ ކަސްޓަމަރުން އެބަތިބި ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ކަސްޓަމަރުން އެބަތިއްބޭ އެނގޭތޯ ގާތްގަނޑަކަށް 148 ބިލް. 148 ބިލަކީ 148 މަސް. އެހެންކަމުން މިހާ ދުވަސްވަންދެން ބިލް ނުދައްކާ ތިބި ކަސްޓަމަރުން ތިބިކަން އަޅުގަނޑު ހިތާމައާއެކު ފާހަގަކޮށްލަން އެކްޓިވް ކަސްޓަމަރުންގެ ގޮތުގައި" ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ، ނުދައްކާ ގިނަ ދުވަސްވެފައިވާ ބިލްތައް ވަކިވަކިން ބަލައި، ކޮންމެ ކޭސްއަކަށް ވަކިން އެޓެންޓް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ އެގޮތަށް ހުރި ހުރިހާ ބިލްތައް ބަލަމުން ކޮބާތޯ 100 ބިލާއި 150 ބިލާއި ދެމެދު ނުދައްކާ ތިބީ ކޮން ކަސްޓަމަރުންނެއްތޯ. 50 ބިލާ 100 ބިލާ ދެމެދު ނުދައްކާ ތިބީ ކޮން ކަސްޓަމަރުންނެއްތޯ އަދި ދެ ބިލާއި ފަސް ބިލާއި ދެމެދު ނުދައްކާ ތިބީ ކޮން ކަސްޓަމަރުންނެއްތޯ. މި ހުރިހާ އެއްޗެއް އަޅުގަނޑުމެން މިދަނީ ބަލަމުން. އަޅުގަނޑުމެން މިކަން ކޭސްބައި ކޭސް ބަލާފަ ކޮންމެ ކޭސްއަކަށްވެސް އަޅުގަނޑުމެން މިދަނީ އެޓެންޑް ކުރަމުން" ޝާހް ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހް ވިދާޅުވީ، ބިލް ނުދައްކާތާ ގިނަ ދުވަސްވީ ބައެއް ތަންތަނުން ފެން ކަނޑާލި ނަމަވެސް މިއީ ކޮވިޑްގެ ދުވަސްވަރު ކަމުން ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ފެން ކަނޑާލުން މަޑުޖައްސާފައިވާ ކަމަށެވެ.

ޝާހް ވިދާޅުވީ، ގިނަ ދުވަސްވީ ބިލްތައް ދައްކަން ޖެހޭ ކަސްޓަމަރުން އެމްޑަބްލިޔުއެސްސީއަށް އައިސް އެގްރީމެންޓެއްގައި ސޮއިކޮށްގެން މަސް މަހަށް ބަހާލައިގެން ޖޫރިމަނާ ނާރާ ގޮތަށް ބިލްތައް ދެއްކޭނެ ކަމަށެވެ. ނަމަވެސް ޖޫރިމަނާ ނާރާނީ އަންނަ އަހަރުގެ މާޗު މަހުގެ 16ގެ ކުރިން މިހާރު ދައްކަން ޖެހޭ ބިލްތައް ދައްކާ ހަލާސްކުރާ ނަމަ ކަމަށް ވިދާޅުވިއެވެ.

ފެބް ބިލް ބޮޑުވާ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ޝާހް ވިދާޅުވީ، ބިލްތައް ބޮޑުވެފައިވަނީ ގޭގެއަށް ގޮސް ރީޑިން ނެގުން ކޮވިޑާއި ގުޅިގެން ހުއްޓާލުމާއެކު ކަމަށެވެ. އެއިރު ކަސްޓަމަރުންނަށް ދެމުން އައީ އެވްރެޖު ބިލެއް ކަމަށާއި، އެވްރެޖު ބިލެއް ދިނުމުން ބައެއް ކަސްޓަމަރުންނަށް އެބިލް ބޮޑުވިއިރު އަނެއްބައި ކަސްޓަމަރުންނަށް ބިލް ކުޑަވި ކަމަށެވެ. ނަމަވެސް ފެން ބިލް ބޮޑުވެގެން ޝަކުވާ ހުށަހެޅި ކަސްޓަމަރުންގެ ބިލްތައް އެޑްޖަސްޓް ކޮށްދީފައިވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.