ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ލަވަ މިއަދު ލޯންޗުކޮށްފިއެވެ.
މިއަދު ބޭއްވި ހަފުލާއެއްގައި "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ލަވަ ލޯންޗުކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދެވެ.
އެ ކެމްޕޭނު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މޯލްޑިވްސް އެޑިޓާސް ގިލްޑުން ނެރުނު ނޫސްބަޔާނެއްގައި ބުނީ 11 ކަޑި ހިމެނޭ އެ ލަވައިގައި ރާއްޖޭގެ ކޮވިޑްގެ ހާލަތާއި، އާއިލާތައް ތަހައްމަލު ކުރަމުންދާ ވޭނާއި ކެކުޅުން ގެނެސްދީފައިވާ ކަމަށެވެ.
އެ ލަވައިގައި ރާއްޖޭގެ އިގުތިސޯދަށް ދިމާވެފައިވާ ހީނަރުކަމާއި، ކޮވިޑްގެ މިހާލަތުގައި ސިއްހީ އެހީތެރިން ވަމުންދާ ގުރުބާނީއާއި އެކިއެކި އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި "ގައުމުގެ އިހުސާސް" ވަރަށް ފުރިހަމައަށް ގެނެސްދީފައިވާ ކަމަށް އެޑިޓާސް ގިލްޑުން މައުލޫމާތުދެއެވެ.
އެ ކެމްޕޭނުގެ ލަވަ ހައްދަވާފައިވަނީ މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) އެވެ. ލަވަކިޔުންތެރިންނަކީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. އަދި ލަވައިގެ މިއުޒިކު ހަދާފައިވަނީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިމަހުގެ އެއްވަނަ ދުވަހު ފައްޓަވައިދެއްވި އެ ކެމްޕޭނަކީ ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލި ކޮންޓްރޯލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ކުރިއަށްގެންދާ ކެމްޕޭނެކެވެ.
އެ ކެމްޕޭނުގެ ތެރެއިން ކޮވިޑަށް ރައްޔިތުން އިތުރަށް ހޭލުންތެރިކޮށް، ބަލި ކޮންޓްރޯލުކުރުމަށް ބާރު އެޅުމަށްޓަކައި ކަމާ ގުޅޭ އެކި ކަހަލަ ވީޑިއޯތަކާއި ރިޕޯޓުތަކާއި ހޭލުންތެރުކުރުމުގެ މެސެޖުތަކާއި ޕްރޮގްރާމްތައް ހުރިހާ މީޑިއާތައް ގުޅިގެން އަންނަނީ ގެނެސްދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު