ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ހޮސްޕިޓަލުތައް ތަރައްގީކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ފަސް ސަރަޙައްދުގައި ގާއިމކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލުތަކުގައި ހުރި ބައެއް މައްސަލަތަކާއި އެތަންތަނުން ދެމުން އަންނަ ސިއްހީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުންނާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
އޮންލައިންކޮށް މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން، ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އާސަންދަ އަދި އެސްޓީއޯގެ އިސްވެރިންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮވިޑްގެ މި ހާލަތުގައި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާވެގެންގޮސްފައިވާ ކަމަށާއި ކުރިން ނުދެވޭ ބައެއް ބޮޑެތި ހިދުމަތްތައް އެތަންތަނުން މިހާރު ދޭން ފަށާފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގެ ސިއްހީ ހިދުމަތް އިތުރަށް ތަރައްގީކޮށް، ފަރުވާ ލިބިގަތުމަށް މާލެ ސަރަހައްދަށް އަންނަން ނުޖެހޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުން ކަމަށް ވިދާޅުވެފައެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިފަދަ ދަނޑިވަޅެއްގައި ލާމަރުކަޒީ އުސޫލުން ކަންކަން ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެހެން ހެލްތު މިނިސްޓްރީން މަސައްކަތްކޮށްދެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވައިފައެވެ. އަދި ރައްޔިތުންނަށް ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގައި ކަމާގުޅޭ ހުރިހާ އިދާރާތައް ރަނގަޅަށް މުއާމަލާތްކޮށް، ގުޅިގެން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
ރީޖަނަލް ހޮސްޕިޓަލުތަކުގެ އިސްވެރިން ވަނީ އިންސާނީ ވަސީލަތްތައް ހޯދުމުގައި ދިމާވާ ދަތިތަކާއި، ހާއްސަކޮށް ޑޮކްޓަރުންނާ ނަރުހުން މަދުވުމުން ދިމާވާ ދަތިތަކާއި، ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހޭދަވާ ވަގުތާއި އެކަށީގެންވާ އަދަދަކަށް ބޭހުގެ ސްޓޮކް ލިބުމުގައި ދިމާވާ ދަތިތައް ފާހަގަކޮށްފައެވެ. މީގެ އިތުރުން ވަކިވަކި ހޮސްޕިޓަލުތަކުގައި ދިމާވާ ގޮންޖެހުންތަކުގެ އިތުރު ތަފްސީލުތައް ވެސް ވަނީ ބައްދަލުވުމުގެ ބައިވެރިން ނައިބު ރައީސްއާ ހިއްސާކުރައްވައިފައެވެ.
މި ބައްދަލުވުމުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވަނީ އަތޮޅުތެރެއަށް ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަކަން ފާހަގަކުރައްވައި، އެކަމުގެ ތަފްސީލުތައް ހާމަކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު