ޚަބަރު

ރަޖިސްޓްރީ އުވާލައި ބިލް ނުދައްކާތީ ގޭބިސީތަކުން ވެމްކޯއަށް ލިބޭ އާމްދަނީ ދަށްވެއްޖެ

އަލީ ޔާމިން

ގޭބިސީތަކުން ވެމްކޯއާއެކު ވެފައިވާ ރެޖިސްޓްރީ އުވާލައި ބިލް ކެންސަލްކުރުމުން އެ ކުންފުންޏަށް ގޭބިސީތަކުން ލިބޭ އާމްދަނީ 50 އިންސައްތަ ދަށްވެއްޖެއެވެ.

ވެމްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ގޭބިސީތަކުން ކުނި ނެގުން ހުއްޓައިލުމަށްފަހު ގޭގެ ތިރިން ކުނި ނަގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ، ކުނި ނެރުމަށް ހަމަޖައްސާފައިވާ ގަޑިތައް ނޫން އެހެން ގަޑިތަކުގައި ކުނި ނެރޭކަން ވެސް ފާހަގަކުރެވޭ ކަމަށާއި އެގޮތަށް ކަންތައް ކުރުމުން ވެމްކޯގެ މުވައްޒަފުންނަށް އިތުރު ތަކުލީފުތަކާ ކުރިމަތިވާ ކަމަށެވެ.

މީގެ އިތުރުން އާދަމް ވިދާޅުވީ، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުގެ ކުނިވެސް ވެމްކޯއިން އުކައިލަދޭ ކަމަށާއި ނަމަވެސް ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކުން ރަޖިސްޓްރޭޝަން ކެންސަލް ކުރުމުގެ މައްސަލަތައް ފާހަގަކުރެވޭ ކަމަށެވެ.

"ރަޖިސްޓާކޮށްފައިވާ ހައުސް ހޯލްޑްތަކާއި ރަޖިސްޓްރީ ނުކުރާ ހައުސް ހޯލްޑްތަކުން ވެސް މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްވީމަ ވެމްކޯއިން މިދަނީ ކުނި ކަލެކްޓްކޮށްދެމުން. މިހެން މިކަން އޮއްވައި ވަރަށް ގިނަ ބޭފުޅުން ބިލްތައް ކެންސަލޭޝަންއަށް ދާކަން އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ. ބިލިން ކެންސަލޭޝަނަށް ދިޔައީމަ ބިލް ޕޭކުރަން ނުޖެހޭ ގޮތަށް ކެންސަލް މިކުރައްވަނީ. އަޅުގަނޑު މި ދަންނަވަނީ އެއްވެސް ބޭފުޅަކު އެގޮތަށް ކަންތައް ކުރައްވާށޭ،" އާދަމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ، އެގޮތަށް ރަޖިސްޓްރޭޝަން ކެންސަލް ކުރުމުގެ ސަބަބުން ގޭބިސީތަކުން ވެމްކޯއަށް ލިބޭ އާމްދަނީ ދެބައިކުޅަ އެއްބަޔާ އެއްވަރަށް ކުޑަވެފައިވާ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެމްކޯގެ ވޭސްޓް ކަލެކްޝަން މޭނޭޖަރު މުހައްމަދު ޝާން ވިދާޅުވީ، މަގުތަކަށް ކުނި ނެރޭއިރު ބައެއް ފަހަރު ލީކުވާ ގޮތަށް ކުނި ކޮތަޅުތައް ހުންނަ ކަމަށާއި އެކަން އެގޮތަށް ނުކުރެއްވުމަށް އެދޭ ކަމަށެވެ.