މޮރޮކޯ އިން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަރަރީ ކޮންސުލްގެ މަގާމަށް ހަމަޖެއްސި އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އަށް މަގާމުގެ ރަސްމީ ލިޔުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަރުވައިފިއެވެ.

މިއަދު މެންދުރު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ނާޝިދަށް ލިޔުން އެރުވުމަށްފަހު، މިނިސްޓަރ ޝާހިދު ވަނީ ދެގައުމުގެ ގުޅުން ބަދަހިކުރުމުގައި އޮނަރަރީ ކޮންސުލްގެ ދައުރުގެ މުހިއްމު ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

އޮނަރަރީ ކޮންސުލް ކަނޑައެޅުމުގައި ދިވެހި ސަރުކާރުގެ އަދި ފޮރިން މިނިސްޓްރީގެ އެއްވެސް ދައުރެއް ނޯވެ އެވެ. އެހެން ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަރަރީ ކޮންސުލް އިންނަކީ އެގައުމުތަކުގެ ސަރުކާރުތަކުން ކަނޑައަޅުއްވާ ބޭފުޅުންނެވެ. އޮނަރަރީ ކޮންސުލް އިން އައްޔަންކުރުމުގައި ދިވެހި ސަރުކާރުގެ ދައުރަކީ އޮނަރަރީ ކޮންސުލްގެ ގޮތުގައި އެގައުމަކުން ކަނޑައަޅާ ބޭފުޅަކު، ރާއްޖޭގައި އޮނަރަރީ ކޮންސުލްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދެއްވުމެވެ.