މ. ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 39 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ތެރެއިން ކޮންކްރީޓް ފާރެއް ރޭނުމުގެ 39 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި މޫރިންގް ރިންގްސް ހަރުކުރުމުގެ މަސައްކަތުގެ 20 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން 60,839 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތާއި 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މަޝްރޫއުގެ ދަށުން 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި، 380 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން 1880 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީ އާއި ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު ހަވާލުކޮށްފައިވަނީ 48.8 މިލިއަން ރުފިޔާ އަށް ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ކަމަށް އެމްޓީސީސީން ބުނެއެވެ.