ކ. ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތުގެ 20 ޕަސެންޓް ނިމިއްޖެއެވެ.
އެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 22 ޕަސެންޓް ނިމިފައިވާ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތުގެ 20 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 644,000 އަކަމީޓަރުގެ ސަރަހައްދުގެ ފަޅު ފުންކޮށް، 15 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން 1،200 މީޓަރު ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖަހާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ، މި މަޝްރޫއަކީ ގުރައިދޫ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫއުގެ އަގަކީ 85.9 މިލިއަން ރުފިޔާއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 27 ގައެވެ.