ޚަބަރު

މާދަމާއިން ފެށިގެން ފަތުރުވެރިންނަށް ރާއްޖެއަށް އާދެވޭނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު: އިމިގްރޭޝަން

އަލީ ޔާމިން

މާދަމާއިން ފެށިގެން ރާއްޖެއަށް ފަތުރުވެރިންނަށް އެތެރެވެވޭނީ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ ސެޓްފިކެޓާއެކު ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ބުނީ ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން ޕީސީއާރުގެ ނެގެޓިވް ނަތީޖާއެއް ގެންނަން ޖެހޭ ގޮތަށް ނިންމާފައިވަނީ ހުރިހާ ފަރާތެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ އެޗްޕީއޭއާއެކު މަޝްވަރާތައް ކުރުމަށްފަހު ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ވަނީ ރާއްޖެއަށް އެތެރެވާއިރު، ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާ ސެޓްފިކެޓް ދައްކަން ނުޖެހޭ ބައެއް ކެޓެގަރީތަކުގެ މީހުންވެސް ބަޔާންކޮށްފައެވެ. އެގޮތުން ރާއްޖެއަށް އެތެރެވާ އަހަރެއް ނުވާ ކުދިންނާއި ވޯކް ވިސާގައި ރާއްޖެއަށް އެތެރެވާ މީހުންނާއި ފްލައިޓުގެ ކުރޫއިން ރާއްޖެއަށް އެތެރެވާ އިރު، ނެގެޓިވް ޕީސީއާރު ނަތީޖާ ދައްކާކަށް ނުޖެހޭނެއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މީގެ ކުރިން ވިދާޅުވީ، ރާއްޖެ އެތެރެވާ ފަތުރުވެރިން 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ ސެޓްފިކެޓު ގެންނަން ޖެހޭ ގޮތަށް ހަމަޖައްސުމުން ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން އިތުރަށް ކަށަވަރުކުރެވިގެންދާނެ ކަމަށެވެ.

މިހާރު އޮންނަ ގޮތުން އެއްވެސް ޓެސްޓް ނަތީޖާއަކާ ނުލައި ކޮންމެ ގައުމެއްގެ މީހަކަށްވެސް ރާއްޖެ އާދެވޭނެއެވެ. ނަމަވެސް އަލާމާތްތައް ފެންނަން ހުންނަ ނަމަ އެއާޕޯޓުގައިވެސް ޓެސްޓު ހެދޭނެ ނިޒާމުތައް ވަނީ ގާއިމުކޮށްފައެވެ. މިހާރުވެސް ރާއްޖެއިން ފުރާ ފަތުރުވެރިން ބައްޔަށް ޓެސްޓުކުރެވެއެވެ.