މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އަސާސީ ގަވައިދަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އާންމު މެންބަރުންނާއި ނޫސްވެރިން، އެ ގަވައިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.

އެ ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި އެމްޖޭއޭގެ އާ ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އެމްޖޭއޭގެ އާ ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުން ބައިވެރިވިއެވެ.

އެމްޖޭއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި ނިންމު އެންމެ މުހިންމު ކަމަކީ ޖަމިއްޔާގެ އަސާސީ ގަވައިދު އިސްލާހުކުރުމުގެ ފުރަތަމަ މަރުހަލާ ކަމަށްވާ އާންމު މެންބަރުންނާއި ނޫސްވެރިން، އެ ގަވައިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން ކަމަށެވެ.

"އަސާސީ ގަވައިދުގައި ހިމެނޭ ޑިމޮކްރަސީއާ ބީރަށްޓެހި މާއްދާއެއް އުނިކޮށް، މެންބަރުންގެ ހިޔާލުތަކާއެކު ޒަމާނީ ބަދަލުތަކެއް އެ ގަވައިދަށް ގެނައުމަކީ އާ ހިންގާ ކޮމިޓީން އެންމެ އިސްކަންދޭނެ މަސައްކަތެވެ..،" އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޖޭއޭ އިން ބުނީ ޖަމިއްޔާއަކީ ހުރިހާ ނޫސްވެރިންގެ ބައިވެރިވުމާއެކު އިދާރީ ގޮތުން ފުރިހަމަ، ހަރަކާތްތެރި ޖަމިއްޔާއަކަށް ހެދުމަށްޓަކައި ދެން ނިންމި އެންމެ މުހިންމު ކަމަކީ ދާއިމީ ހަތަރު ކޮމިޓީއެއް އެކަލަވައިލަން ނިންމުން ކަމަށާއި ހިންގާ ކޮމިޓީގެ މެންބަރުންގެ ލީޑާޝިޕުގެ ދަށުން އެކުލަވާލާ އެ ކޮމިޓީތަކުގައި ބައިވެރިވާން ޝައުގުވެރިވާ ޖަމިއްޔާގެ މެންބަރުންނާއި ނޫސްވެރިންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

  • ފޮރިން ރިލޭޝަންސް ކޮމިޓީ – މުގައްރިރު މުހައްމަދު ޖުނައިދު (ހިންގާ ކޮމިޓީގެ މެންބަރު)
  • އެޑްމިން އެންޑް މީޑިއާ ރިލޭޝަންސް ކޮމިޓީ – މުގައްރިރު އަހުމަދު ނާއިފް (ހިންގާ ސެކްރެޓަރީ)
  • ރިސާޗް އެންޑް އެޑްވޮކެސީ ކޮމިޓީ – މުގައްރިރު ފާތިމަތު ސާޔާ އަހުމަދު (ހިންގާ ކޮމިޓީގެ މެންބަރު)
  • ޕްރޮގްރާމްސް އެންޑް ފަންޑް ރެއިޒިން – މުގައްރިރު ނާޒިމް ހަސަން (ބަޖެޓް ސެކްރެޓަރީ)

މިއަދުގެ ބައްދަލުވުމުގައި ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ކޮންމެ މަހަކު ވެސް މަދުވެގެން އެއް ފަހަރު ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށާއި އާންމު މެންބަރުންނާ ވީހާ ވެސް ގާތުން މަސައްކަތްކުރުމަށްޓަކައި ނޫސްވެރިން އަދި އެޑިޓަރުންނާއެކު ކޮމިއުނިކޭޝަންސް ޕްލެޓްފޯމެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެމްޖޭއޭ އިން ބުނެއެވެ.

"..އަދި ޖަމިއްޔާގެ ފަރާތުން ޕަބްލިކޭޝަނެއް ނެރުމަށާއި އާއްމުންނަށް ހުޅުވާލައިގެން ނޫސްވެރިކަމާ ގުޅޭ ޑައިލޮގްތަކެއް ބޭއްވުމަށް ނިންމުނެވެ. މިކަންކަމުގެ ތަފްސީލުތައް މި ޖަމްއިއްޔާއިން ފަހުން ހާމަކުރެވޭނެއެވެ..،" އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޖޭއޭ އިން ބުނީ ޖަމިއްޔާގެ އެންމެ ބޮޑު އަމާޒަކީ ނޫސްވެރިންނަށް ތައުލީމީ، ތަމްރީން ރިސާޗް އަދި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދީ މިއަދަށާއި މާދަމާއަށް ތައުލީމީ، ތަހުޒީބީ ނޫސްވެރިންގެ ޖީލެއް އުފެއްދުން ކަމަށާއި އަދި ދިވެހި ނޫސްވެރިން އެތިކަލް ނޫސްވެރިކަމަކަށް އަހުލުވެރިކޮށް ނޫސް އިދާރާތަކުގައި އެތިކަލް ގައިޑްލައިންތަކެއް ހެދުމަށް އެ ޖަމިއްޔާގެ ފަރާތުން ފަންނީ އެހީ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

"އެކަމަށްޓަކައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޖަމިއްޔާ، ޖަމާއަތްތަކާއި މުއައްސަސާތަކާއި އިދާރާތަކާއި އެމްބަސީތަކާ ގުޅުން ބަދަހިކޮށް ގުޅިގެން ކުރެވޭނެ ކަންކަން ހޯދައި ބަލަން މަސައްކަތް ވަނީ ފަށައިފައެވެ..،" އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭގެ އާ ހިންގާ ކޮމިޓީ އިންތިހާބުކޮށް ހަރަކާތްތައް އަލުން ފެށުމާ ގުޅިގެން ބައިނަލްއަގުވާމީ ދެ ޖަމާއަތް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ) އިން ވަނީ މަރުހަބާ ކިޔައި ހިތްވަރުދީފައެވެ. އެ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމަށް މިހާރު މަޝްވަރާތައް ފަށާފައިވާ ކަމަށް އެމްޖޭއޭ އިން މައުލޫމާތުދެއެވެ.

ނޫސްވެރިކަމާއި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މީގެ 11 އަހަރު ކުރިން އެމްޖޭއޭ އުފަންވި ނަމަވެސް، ނޫސްވެރިންގެ ހިތްހަމަނުޖެހުންތަކާ ގުޅިގެން 2014 ވަނަ އަހަރުން ފެށިގެން އެމްޖޭއޭގެ ހިންގާ ކޮމިޓީއެއް އިންތިހާބު ކޮށްފައެއް ނުވެއެވެ.

އެމްޖޭއޭގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިހާބުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ޖަމިއްޔާގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައެވެ. މީޑިއާތަކުގައި މަސައްކަތްކުރާ 130 ނޫސްވެރިންނާއެކު ޒޫމް މެދުވެރިކޮށް ބޭއްވި ޖަލްސާގައި ހިންގާ ކޮމެޓީގެ ހަ މަގާމަށް 12 ނޫސްވެރިޔަކު ވާދަކުރިއެވެ. މަގާމުތަކަށް ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދިޔައީ ޓެލެގުރާމް މެދުވެރިކޮށެވެ.

އެ އިންތިހާބުގައި އެމްޖޭއޭގެ ހިންގާ ކޮމިޓީގެ ރައީސަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެންބަރު އަދި "މިހާރު"ގެ ސްޕޯޓްސް އެޑިޓަރު މުހައްމަދު ހަމްދޫން އިންތިހާބުކުރި އިރު، ނައިބު ރައީސަކަށް އިންތިހާބުކޮށްފައިވަނީ އެމްއެމްސީގެ މެންބަރު އަދި "ވަން އޮންލައިން"ގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާނެވެ. ހިންގާ ސެކްރެޓަރީއަކަށް އިންތިހާބުކޮށްފައިވަނީ "ސަން އޮންލައިން"ގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފެވެ. ބަޖެޓު ސެކްރެޓަރީއަކަށް "ޖަޒީރާ އޮންލައިން"ގެ ނާޒިމް ހަސަން އިންތިހާބުކުރި އިރު، އާންމު މެމްބަރުންގެ ގޮތުގައި އިންތިހާބުކޮށްފައިވަނީ ފްރީލާންސް ޖާނަލިސްޓް މުހައްމަދު ޖުނައިދު އަދި "ސީއެންއެމް"ގެ ނޫސްވެރިޔާ ފާތިމަތު ސާޔާ އަހުމަދެވެ.