ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ސައިކަލް ބުރާ ގުޅިގެން ރައީސް ވަހީދު ވަނީ މީގެ ކުރިން ވެސް ފުލުހަށް ހާޒިރުކޮށްފައެވެ. އެ ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ އެއްވެފައި ތިބި މީހުންނާ މުހާތަބުކޮށް ރައީސް ވަހީދު ވަނީ ވާހަކަފުޅުދައްކަވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ވާހަކަ ދެއްކެވިއިރު، ރައީސް ވަހީދު ހުންނެވީ މާސްކް ތިރިކުރައްވައިގެންނެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން ރައީސް ވަހީދު ވިދާޅުވީ މިއަދު ފުލުހަށް ހާޒިރުކޮށްފައިވަނީ މާސްކު ނާޅުއްވައި ހުންނެވި ކަމަށް ތުހުމަތުކޮށް ކަަމަށާއި މިއަދު ހާޒިރުކުރުމަށް ފަހު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

"މީގަައި އާންމުކޮށް މިހެން މަގުމަތީ އުޅޭ މީހުންނާއި އަޅުގަނޑާއި ތަފާތުވި ސަބަބަކީ އަޅުގަނޑަކީ ސިޔާސީ މީހަކަށްވާތީ. ސިޔާސީ ބަޔަކު އެއްވެފައި ތިބި ތަނެއްގައި އަޅުގަނޑު ސިޔާސީ ވާހަކައެއް ދެއްކީމަ އެ މައްސަލަ ބޮޑު މައްސަލައަކަށް ވެގެން މި އުޅެނީ. އެހެން ނޫނިއްޔާ އާންމުކޮށް މަގުމަތީގައި މާސްކު ނާޅާ މީހުންގެ ފޮޓޯ ނަންގަވާފައި ފޮނުއްވިޔަސް އަޅުގަނޑަށް ހިޔެއް ނުވޭ ހުރިހާ އެންމެން ގެންދަވާނެ ހެނެއް. އެހެންވީމަ ދެންނެވެން އޮތީ މިއީ ސިޔާސީ ކަމަކޭ،" ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އެޗްޕީއޭގެ ގަވާއިދުތަކާ ހިލާފުވެވަޑައިނުގަންނަވާ ކަމަށާއި ހުންނެވީ މާސްކު އަޅުއްވައިގެން ކަމަށެވެ. އަދި މާސްކު ތިރިކޮށް ލެއްވީ ވާހަކަ ދެއްކެވުމަށްޓަކައި ކަމަށާއި އެވަގުތު ޕީޕީއެމްގެ އޮފީސްތެރޭގައި ކަމަށެވެ. ފަހުން ޕޭވްމެންޓް މައްޗަށް ފައިބައިވަޑައިގެންނެވި ނަމަވެސް އޭރު ހުންނަވާނީ މާސްކް އަޅުއްވައިގެެން ކަމަށާއި މާސްކް ނާޅުއްވައި މަގުމައްޗަށް ނުކުމެވަޑައިނުގަންނަވާ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެން ދަންނަވާނީ އަޅުގަނޑު އެޗްޕީއޭގެ ގަވާއިދަކާ ހިލާފެއް ނުވަމޭ. އަޅުގަނޑު މާސްކު އަޅައިގެން ހުރީ. ދެން މާސްކު އަޅުގަނޑު ވާހަކަ ދެއްކި ވަގުތުގައި ތިިރިނުވެއެކޭ ނުދަންނަވަން. އެެހެން ނަމަވެސް އަޅުގަނޑު ހުރީ އިމާރާތުގެ ތެރޭގަައި. އަޅުގަނޑު މަގުމައްޗަކަށްވެސް ނުނިކުންނަން. އަޅުގަނޑު ޕޭމަންޓާއި ހަމައަށް ނުކުތިން. އޭރު އަޅުގަނޑު މާސްކު އަޅައިގެން ހުންނާނީ،" ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ އެހެން ބޭފުޅުންވެސް މާސްކު ނާޅުއްވާ ސިޔާސީ ކަންކަމުގައި ބައިވެރިވެފައިވާ ތަން ވެސް ފެންނަ ކަމަށާއި އެހެން ނަމަވެސް އެ ބޭފުޅުންނާ ދޭތެރޭ ފިޔަވަޅު ނާޅާ ކަމަށެވެ. އަދި އެމަނިކުފާނާ މެދު ފިޔަވަޅު އަޅަންޖެހުނީ ކީއްވެތޯ ވަނީ ސުވާލު އުފައްދަވައިފައެވެ.