ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖެއްސި އިންޓަނޭޝަނަލް ފްލައިޓުތަކުގެ 432 މޫވަމަންޓު (އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓުތައް) ރެކޯޑު ކުރެވިފައިވާ ކަމަށް އެމްއޭސީއެލުން އިއްޔެ ބުނެފި އެވެ.

ވީއައިއޭ ހިންގާ ކުންފުނިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޖުމްލަ ރެކޯޑު ކޮށްފައިވަނީ 758 ފްލައިޓު މޫވްމަންޓެވެ. އެއީ ޑޮމެސްޓިކް 326 މޫވްމަންޓާ އެކުގަ އެވެ. ޖުލައި މަހުގެ ތެރޭގައި ޖުމްލަ ރެކޯޑް ކޮށްފައިވަނީ 387 ފްލައިޓް މޫވްމަންޓެވެ.

މިއީ އާއްމުކޮށް މަހެއްގެ ތެރޭގައި އެއާޕޯޓުން ރެކޯޑު ކުރާ އަދަދަށް ވުރެ ބޮޑުތަނުން ދަށް އަދަދެކެވެ. އެގޮތުން، ބޯޑަރު ބަންދު ކުރުމުގެ ކުރިން އެމްއޭސީއެލުން ވަނީ އެއް ދުވަހުގެ ތެރޭގައި އެކަނި ވެސް 252 ފްލައިޓު މޫވްމަންޓު ރެކޯޑު ކޮށްފަ އެވެ.

އޮގަސްޓް މަހުގެ ތެރޭގައި އެކި ގައުމުތަކުން އައި ފްލައިޓުތަކުން 11،186 މީހުން ރާއްޖެ އަށް އައިސްފައިވާއިރު 14،045 މީހުން ވަނީ ރާއްޖެ އިން ބޭރަށް ފުރައިފަ އެވެ. މީގެ ތެރޭގައި ޓޫރިސްޓުންގެ ގޮތުގައި އަންނަ މީހުންނާއި ވަޒީފާ އަދި އެހެނިހެން ކަންކަމުގައި ރާއްޖެ އަންނަ މީހުން ހިމެނެ އެވެ.

އިމިގްރޭޝަނުން ކުރިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އޮގަސްޓް މަހުގެ ތެރޭގައި ޓޫރިސްޓުންގެ ގޮތުގައި ރާއްޖެ އައީ 7628 މީހެކެވެ.

އެތެރޭގެ އުދުހުންތަކަށް ބަލާއިރު، މާލެ އަށް އޮގަސްޓް މަހުގެ ތެރޭގައި 1954 މީހުން އައިސްފައިވާއިރު މާލެ އިން ފުރައިގެން އެކި ރަށްރަށަށް 3438 މީހަކު ދަތުރުކޮށްފައިވެ އެވެ.