މިދިޔަ މަހުގެ 28ގެ ކުރިން ނަގާފައިވާ ހުއިފިލަނޑާގެ ދެ ބާވަތް ކަމަށްވާ ހުދު ބަޓު (Holothuria fuscogilva) އަދި ކަޅު ބަޓު (Holothuria nobilis) އެކްސްޕޯޓްކުރުމުގެ ހުއްދަ ދިނުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މީގެ ކުރިން ބުނީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމަށްވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ (ސައިޓީސް) މުއާހަދާއިން އޮގަސްޓް 2019 ގައި ބޭއްވި 18 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 18) ގައި ރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ދެ ބާވަތެއް ކަމަށްވާ ހުދު ބަޓު (Holothuria fuscogilva) އަދި ކަޅު ބަޓު (Holothuria nobilis) އެ މުއާހަދާގެ ޖަދުވަލު ދޭއްގައި ހިމެނުމަށް ފާސްކޮށް، އެކަމަށް ތައްޔާރުވުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އެހެންކަމުން މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި ދެބާވަތުގެ ހުއިފިލަނޑައާ މެދު އަމަލުކުރާނީ ސައިޓީސް މުއާހަދާގެ ޖަދުވަލު ދޭއްގައިވާ ގޮތުގެ މަތިން ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ. އެ މުއާހަދާގެ ޖަދުވަލު ދޭއްގައި އެއްވެސް ބާވަތެއްގެ ދިރޭ އެއްޗެއް ހިމަނައިފި ނަމަ، އެ ބާވަތެއް ވިޔަފާރި އުސޫލުން އެއްގައުމުން އަނެއްގައުމަށް ގެންދެވޭނީ، އެކްސްޕޯޓުކުރާ ގައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޭ ސައިޓީސް ހުއްދައަކާ އެކުއެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، 28 އޮގަސްޓް 2020ގެ ކުރިން ނަގާފައިވާ (ހާވެސްޓް ކޮށްފައިވާ) މިދެބާވަތުގެ ހުއިފިލަނޑާގެ ސްޓޮކް އެކްސްޕޯޓް ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ "ޕްރީ-ކޮންވެންޝަން ސެޓްފިކެޓެއް" ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށާއި މި ސެޓްފިކެޓް ދޫކުރެވޭނީ އެކްސްޕޯޓު ކުރަން ބޭނުންވާ ފަރާތްތަކުން، ނަގައި ޕްރޮސެސްކޮށްފައި ހުރި ސްޓޮކްގެ އަދަދާއި ބަރުދަން އެނގޭ ގޮތަށް، 15 ސެޕްޓެމްބަރު 2020ގެ ކުރިން އެ މިނިސްޓްރީގައި އެ ސްޓޮކް ރަޖިސްޓްރީ ކުރާފަރާތްތަކަށް ކަމަށެވެ. 15 ސެޕްޓެމްބަރު 2020 އާއި ހަމައަށް ރަޖިސްޓްރީ ނުކުރާ މި ދެބާވަތުގެ ހުއިފި ލަނޑައަށް "ޕްރީ-ކޮންވެންޝަން ސެޓްފިކެޓް" ދޫނުކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ރަޖިސްޓްރީކޮށްފައިވާ ސްޓޮކް އެކްސްޕޯޓު ކުރުމަށް ބޭނުންވާ "ޕްރީ-ކޮންވެންޝަން ސެޓްފިކެޓް" އަށް އެދި 31 ޑިސެމްބަރު 2020 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށާއި ރަޖިސްޓްރީ ކުރާތާ ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި އެ ސްޓޮކް އެކްސްޕޯޓުކުރަންވާނެ ކަމަށްވެސް އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނީ، "ޕްރީ-ކޮންވެންޝަން ސެޓްފިކެޓް" ހޯދުމަށް ރަޖިސްޓްރީ ކުރާ ހުއިފިލަނޑާގެ ދެ ބާވަތުގެ ސްޓޮކް، އެމިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި އިންސްޕެކްޓް ކުރެވޭނެ އިންތިޒާމް ރަޖިސްޓްރީ ކުރާ ފަރާތުން ހަމަޖައްސަންވާނެ ކަމަށެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ، މިދެބާވަތުގެ ހުއިފިލަނޑާ އެކްސްޕޯޓުކުރުމަށް ބޭނުންވާ ފަރާތްތަކުން، އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު އެމިނިސްޓްރީއަށް އީމެއިލްގެ ޒަރިއްޔާއިން ހުށަހެޅުމަށް އެދޭ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް [email protected] އަށް ސުރުހީގައި "ސައިޓީސްއާ ގުޅޭ" މިގޮތަށް ލިޔުމަށްފަހު އީމެއިލް ކުރުމަށް އެންވަޔަރްމަންޓް މިނިސްޓްރީން އެދެއެވެ