ޓޭބަލް ޓެނިސް

ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބު ފަސްކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ކަނޑައަޅައިފި

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ އިންތިހާބު ފަސްކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ބުނެ، ޓީޓީއޭއެމްގެ އިންތިހާބު ފަސްކޮށްދޭން ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރު އަދި ކުރިއަށްއޮތް އިންތިހާބުގައި ވެސް ހިންގާ ކޮމިޓީއަށް ވާދަކުރައްވާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އެވެ.

ސިވިލް ކޯޓުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ކަނޑައަޅާފައިވާކަން ހާމަކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ. އެކަން ހާމަކުރައްވައި މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލު ވަރަށް އުޖާލާ ކަމަށެވެ.

ޓީޓީއޭއެމްގެ އިންތިހާބުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ދުނިޔޭގެ ޓީޓީގެ މައި އިދާރާ، އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ވަނީ ރާއްޖެ ސަސްޕެންޑުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

އެ މައްސަލައިގައި އައިޓީޓީއެފް އިން ބުނެފައިވަނީ އިންތިހާބަށް ނުފޫޒެއް އޮވެގެން ނުވާނެކަން އެ ޖަމިއްޔާގެ އަސާސީ ގަވާއިދުގައި ފާހަގަކޮށްފައިވާނެ ކަމަށާއި ޓީޓީއޭއެމްގެ އެ މައްސަލައަކީ ރާއްޖޭގެ ގައުމީ ކުޅިވަރު ކައުންސިލަށް ހައްލުކުރެވޭނެ މައްސަލައެއް ކަމަށެވެ. އަދި ގައުމީ ކުޅިވަރު ކައުންސިލަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް އައިޓީޓީއެފް އިން ބުނެފައިވެއެވެ.

އަލިބެ ފުރަތަމަ އެ މައްސަލަ ހުށަހަޅާފައިވަނީ ކޮމިޝަނަރު އޮފް ސްޕޯޓްސްއަށެވެ. ނަމަވެސް އެ މައްސަލަ ބެލެން ނެތް ކަމަށް ކޮމިޝަނަރު އޮފް ސްޕޯޓްސް ނިންމުމުން ދެން މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓަށެވެ.

އިންތިހާބު ފަސްކޮށްދެވެން ނެތް ކަމަށް ކޯޓުން ކަނޑައެޅުމުން، ކުރިން ވެސް ތާވަލުކޮށްފައިވާ ގޮތަށް މާދަމާ އިންތިހާބު ބޭއްވުމަށް ޓީޓީއޭއެމް އިން އަންނަނީ ތައްޔާރުވަމުންނެވެ.