އިމްޕޯޓް އަދި އެކްސްޕޯޓްގެ މަރުހަލާގައި ދެވޭ ހިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށް ގާއިމުކުރެވޭ ނޭޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް ހަވާލުކުރުމުގައި އެއްވެސް ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އެ މަސައްކަތަށް ފަންޑު ކުރާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ވެސް އަންގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އޭޑީބީގެ ހަރަދުގައި ހިންގާ މި ޕްރޮޖެކްޓަކީ 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. މި މަޝްރޫއު، ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައި ހަވާލުކުރީ ފިލިޕީންސްގައި ރަޖިސްޓްރީ ކޮށްފައިވާ ވެބް ފޮންޓެއިން އޭޝިއާ އިންކޯޕަރޭޓެޑާ އެވެ. މި ކުންފުނީގެ މައި ކުންފުންޏަކީ ޔޫއޭއީގައި ހުންނަ ވެބް ފޮންޓެއިން ޔޫއޭއީ އެވެ.

ނަމަވެސް އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރުމުގައި ޓެންޑާގެ ޝަރުތުތަކާ މުޅިން ހިލާފަށް ކަމަށް ބުނެ މައްސަލަތަކެއް ވަނީ ފެންމަތިކޮށްފަ އެވެ. އެގޮތުން ފުރަތަމަ ކަމަކީ މި މަޝްރޫއުގައި ބައިވެރިވާ ކުންފުނިތައް ނިސްބަތްވާން ޖެހޭ ގައުމުތަކުގެ ލިސްޓުގައި ޔޫއޭއީ ނެތުމެވެ. އެކަމަކު ޕިލިޕީންސް އެ ލިސްޓުގައި އޮވެ އެވެ. ދެވަނަ ކަމަކީ ވެބް ފޮންޓެއިން އޭޝިއާގެ މަސައްކަތުގެ ތަޖުރިބާއަށް ވެބް ފޮންޓެއިން ޔޫއޭއީގެ ލިޔެކިޔުންތަކެއް ހުށަހެޅުމެވެ.

މި ކަންކަމާ ގުޅިގެން އޭޑީބީން މަޝްރޫއު ހުއްޓުވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ހުސެއިން ހަމީމު ވިދާޅުވީ، ވެބް ފޮންޓެއިން އޭޝިއާގެ މަސައްކަތުގެ ތަޖުރިބާއަށް ވެބް ފޮންޓެއިން ޔޫއޭއީގެ ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަން އިވެލުއޭޝަން ޕްރޮސެސްގައި ފާހަގަނުވީ އޯވާލުކްވެފައިވުމުން ކަމަށެވެ.

ނަމަވެސް އެއީ ގަސްދުގައި ކޮށްފައި އޮތް ކަމެއް ނޫން ކަމަށާއި އަދި އެ ކުންފުނިން އެގޮތަށް ލިޔެކިޔުންތައް ހުށަހަޅާފައިވަނީ އޮޅުވާލުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"...މިއީ އިންޓަގްރިޓީ ވައިލޭޝަނެއް ނޫނީ އޭޑީބީގެ އެންޓި ކޮރަޕްޝަން ހިލާފު ކަމެއް ކަމަށް ވެސް އޭޑީބީން ވެސް އަންގާފައެއް ނެތް. އަދި އެކަމުގައި ކޮރަޕްޝަނެއް ނުވަތަ އެކަހަލަ އަމަލެއް ބޭންކަށް ވެސް ފާހަގަކުރެވިފައިނުވާ ކަމަށް އަންގާފައި އޮތީ. އަދި ރިވިއުގައި ވެސް އެކަން ގަސްދުގައި ކޮށްފައި އޮތް ކަމަކަށް ފާހަގައެއް ނުވޭ އަދި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވޭ،" ހަމީމު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް އޭޑީބީން ހުއްޓުވި ކަމަށް މީޑިއާތަކުން ދެއްކި ވާހަކަތައް ވެސް ހަމީމު ވަނީ ދޮގުކޮށްފަ އެވެ. އޭނާ ވިދާޅުވީ، އޭޑީބީން އެ ޕްރޮޖެކްޓު ހުއްޓާލަން އަންގާފައި ނުވާ ކަމަށާއި ޕްރޮޖެކްޓާ މެދު ގޮތެއް ނިންމުމުގެ އިހުތިޔާރު އޮތީ ސަރުކާރަށް ކަމަށެވެ.

ނަމަވެސް އޭޑީބޭން އެ ޕްރޮޖެކްޓަށް އިތުރަށް ފަންޑު ނުކުރެވޭނެ ކަމަށް އަންގާފައިވާތީ، ކަމާ ގުޅުންހުރި އިދާރާތަކާއި އެޓާނީ ޖެނެރަލްގެ ލަފަޔާއެކު އެއްބަސްވުން ނިމުމަކަށް ގެނެސް، އަލުން ޓެންޑާ ކުރުމުގެ ޕްރޮސެސް ފަށަން ނިންމާފައިވާ ކަމަށެވެ.

"އޭޑީބީން މީގަ އަންގާފައި އޮތީ މި ޕްރޮޖެކްޓަށް އިތުރަށް ފައިނޭންސެއް ނުކުރެވޭނެއޭ ގަވައިދަށް ނުފެތޭތީވެ. އެހެންވީމަ އޭޑީބީއަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ، ވާހަކައަކީ އެކޮޅުގެ ފަންޑިން ދެވޭނީ ހަމައެކަނި މި ޕްރޮޖެކްޓުގެ ބިޑިން ޕްރޮސެސް އަލުން ކުރިއަށް ގެންގޮސްގެންނޭ. ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ބޭންކުގެ ވަކި އިއުތިރާޒެއް ނެތް. އެހެންވީމަ ފަންޑިން ހުއްޓުމަކީ ދައުލަތަށް ވެސް އެހާ ފައިދާ ހުރި ގޮތެއް ނޫން،" ހަމީމު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އޭޑީބީން މި ޕްރޮޖެކްޓަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށެވެ. އަދި އަލުން އެ ޕްރޮޖެކްޓަށް ބިޑް ހުށަހަޅަން ހުޅުވާލި ނަމަވެސް، ކުރިން އެ މަސައްކަތް ހަވާލުކުރި ވެބް ފޮންޓެއިން އޭޝިއާއަށް ބިޑުގައި ބައިވެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.