ރާއްޖޭގެ ޖުމްލަ ދަރަނި 73 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާއްމު ކޮށްފައިވާ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ގެރެންޓީ ދޫކޮށްފައިވާ ދަރަނި ހިމަނައިގެން ރާއްޖޭގެ ޖުމުލަ ދަރަނި ހުރީ 73.9 ބިލިއަން ރުފިޔާގަ އެވެ. އެގޮތުން ރާއްޖޭގެ ބޭރުގެ ދަރަނި 37.7 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އެތެރޭގެ ދަރަނި ހުރީ 36 ބިލިއަން ރުފިޔާގަ އެވެ.
ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 108 ޕަސެންޓުގަ އެވެ. އަދި އެތެރޭގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 53 ޕަސެންޓުގައި ހުރި އިރު، ބޭރުގެ ދަރަނި ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 55 ޕަސެންޓުގަ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި 37 ބިލިއަން ރުފިޔާގެ ބަޖެޓްގެ ތެރޭގައި ދަރަނި ނުވަތަ ޑެފިސިޓްގެ ގޮތުގައި އޮތީ ހަ ބިލިއަން ރުފިޔާ އެވެ.
މިދިޔަ 41 އަހަރު ތެރޭ ސަރުކާރުން 115 ލޯނެއް ނަގާފައިވާއިރު، އޭގެ ތެރެއިން ދައްކައި ނިމިފައިވަނީ 76 ލޯނަކަށެވެ. ބާކީ 39 ލޯނެއް އަދިވެސް އެބަ އޮތެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަހަރުގެ ތެރޭގައި ސަރުކާރުން ވަނީ 12 ލޯނެއް ނަގައިފަ އެވެ. ކޮވިޑް 19 އާ ގުޅިގެން މިހާތަނަށް އެކި ގޮތްގޮތުން 222 މިލިއަން ޑޮލަރު ރާއްޖެ އަށް ވަނީ ލިބިފަ އެވެެ. އޭގެ ތެރޭގައި ލޯނާއި ހިލޭ އެހީ ވެސް ހިމެނެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވާ ގޮތުން، އިތުރު 700 މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ލިބިފަ އެވެ. އެ ފައިސާގެ ތެރެއިން 345 މިލިއަން ޑޮލަރަކީ ސޮއި ކޮށްފައި ހުރި ފައިސާ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް