މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ސާވިސްޗާޖު ނުބަހާ ފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާކުރަން ވަޒިފާއާ ބެހޭ ގާނޫނުގައި ހިމަނައި ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ބުނެފައި ވަނީ، ފަތުރުވެރި ކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން، ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން، 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން ސާވިސްޗާޖު ނަގަންވާނެ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތައް ފިޔަވައި، އެހެން ވިޔަފާރި ތަކަށްވެސް އެ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން ސާވިސްޗާޖް ނެގުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.

ސާވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާދޭ ފަރާތުގެ ހުރިހާ މުވައްޒިފުންގެ މެދުގައި ހަމަހަމަ ކަމާއެކު ބަހަންޖެހޭނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.

ސާވިސްޗާޖުގެ ގޮތުގައި ފާއިތުވި މަހު ލިބުނު ފައިސާ، ހިނގަމުންދާމަސް ނިމުމުގެ ކުރިން މުަވައްޒިފުންނަށް ދީ ނިންމަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ސާވިސްޗާޖު ބެހުމުގައި އެތަނެއްގައި ފޯރުކޮށްދޭ، ހިދުމަތްތައް ދިނުމުގައި މަސައްކަތްކުރާ އެންމެހައި މުވައްޒިފުންގެ މެދުގައި ތަފާތު ކުރެވިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ސާވިސްޗާޖުގެ ގޮތުގައި ވަޒީފާ ދޭ ފަރާތައް ކޮންމެ މަހަކު ލިބުނު ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އިދާރީ ފީގެ ގޮތުގައި އެއްޕަސެންޓް ނެގިދާނެ، ކަމަށާއި، އެއްވެސް ހާލެއްގައި އެއަށްވުރެ އިތުރު އަދަދެއް ނަގައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ސާވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކު ލިބޭ އާމްދަނީ އާއި، އެމަހަކު ސާވިސްޗާޖު ލިބުނު މުވައްޒިފުންގެ އަދަދާއި، ކޮންމެ މުވައްޒިފަކަށް ހައްގުވާ މިންވަރާއި، ސާވިސްޗާޖުގެ ގޮތުގައި ދިން ފައިސާގެ އަދަދުގެ މައުލޫމާތު ވަޒީފާދޭ ފަރާތުން ގަވާއިދުން ބަލަހައްޓަންޖެހޭނެ، ކަމަށާއި، ކޮންމެ އަހަރަކު ދެ ފަހަރު ލޭބާރިލޭޝަންސް އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކުރާ ތާރީހެއްގެ ކުރިން އެ މައުލޫމާތު އެ އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތީރިޓީއަށް ފޮނުވަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެއާ ހިލާފްވެއްގެ ފަރާތެއް 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ލޭބާރިލޭޝަންސް އޮތޯރިޓީއަށް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ. އަދި މުވައްޒިފުންގެ މެދުގައި ހަމަހަމަ ކަމާއެކު ސާވިސްޗާޖު ބަހަމުން ނުދާނަމަ އެފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު ފިޔަވަޅުއެ އެޅުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތޮރިޓީއަށް ލިބިގެންވާ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.