ރާއްޖޭގައި އެހެން ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރި ނުވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްލާ ވިދާޅުވީ ރާއްޖޭގައި އެހެން ގައުމުތަކުގެ ސިފައިން ހަރަކާތްތެރިވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ.
"ރާއްޖޭގައި އެއްވެސް ގައުމެއްގެ މިލިޓަރީ ޕްރެސެންސެއް ނެތް. ހަނގުރާމަވެރިން، ހަތިޔާރު އަޅައިގެން އުޅޭ ސިފައިން ރާއްޖެއަކު ނެތް. ނަމަވެސް ހިއުމޭނިޓޭރިއަން ރޯލެއްގައި، އިންސާނީ ހިދުމަތްތަކެއް ދިނުމުގެ ގޮތުން ޓެކްނީޝަނުންގެ އެހީތެރިކަން އަޅުގަނޑުމެން އަބަދުވެސް ހޯދަމުން މިގެންދަނީ. އެއީ މިއަދަކު އިއްޔެއަކު ނޫން، ހަމަ އެންމެ ކުރީއްސުރެ ފެށިގެން ވެސް އަޅުގަނޑުމެން ސިފައިން ކުރަމުންގެންދާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ އެހެން ގައުމުތަކާ ގުޅިގެން އެމްއެންޑީއެފުން ވަރަށް ގިނަ ހަރަކާތްތައް ކުރިއަށްގެންދާ ކަމަށާއި އޭގެ ތެރޭގައި ތަމްރީނުތަކަށް ޖޮއިންޓް އެކްސަސައިޒްތަކާއި އެކިއެކި ފެންވަރުގެ ޒިޔާރަތްތަކާއި އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަމުގައި ވެސް އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޖެނރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަފާތު އެތައް ބަޔަކާއެކު ގުޅުން ބަދަހިކުރަމުން އަންނަ ކަމަށެވެ.
"ހާއްސަގޮތެއްގައި ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއަށްފަހު ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް މި މުއައްސަސާއިން ވަނީ ކުރެވިފައި. ދިވެހި ސަރުކާރާއި ދައުލަތުގެ އެހީތެރިކަމާއެކު މިކަންކަން ފުއްދުމުގެ ގާބިލުކަން ލިބެމުން ގޮސްފައިވޭ،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި އެހެން ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައިމިވަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާ ކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތައް ގޮވާލަމުން ދަނިކޮށެވެ. އޭގެ އިތުރުން މި ސަރުކާރުން އިންޑިއާއަށް ރާއްޖެ ވިއްކާލަން އުޅޭ ކަމަށް ވެސް ތުހުމަތުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު