އއ. އަތުރުގާ ފަޅުގައި އަޅާފައި އޮތް ވޯޓާ ސްޕޯޓްސް ލޯންޗެއްގެ ނަގިލީގެ ވާގަނޑު ކަނޑައިގެންގޮސް، އެ ލޯންޗް އެ ސަރަހައްދު ކަނޑަށް ގެއްލިފައި ވާތީ، އެ ސަރަހައްދުން ކަނޑުދަތުރުކުރާ މީހުން ސަމާލު ވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ލޯންޗު ގެއްލުނު ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ ފަތިހު 4:39 ހާއިރުއެވެ. މީގެ އިތުރުން 25 ފޫޓުގެ މި ލޯންޗަކީ އަދި ރަޖިސްޓާ ކޮށްފައި ނުވާ ލޯންޗެއް ކަމަށާއި ލޯންޗުގައި އަޅާފައި ވަނީ މާކިއުރީ އިންޖީނެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން އއ. އަތުރުގާ ސަރަހައްދުން ކަނޑުދަތުރުކުރާ އުޅަނދުތައް މިކަމަށް ސަމާލު ވުމަށް އެމްއެންޑީއެފުން އެދެއެވެ. އަދި ލޯންޗާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފުން އެދެއެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މީގެ ކުރިން އެމްއެންޑީއެފްގެ އިތުރުން މީޓްރޮލޮޖީ ސެންޓަރުންވެސް ވަނީ އެދިފައެވެ.