ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު އަވަހާރަ ވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ތައުޒިޔާގެ ދަފްތަރެއް މިއަދު ހުޅުވަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، ހުސެއިންބެގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް މަޖިލީހުގައި މިއަދު ހުޅުވާނެ ކަމަށާއި، އެ ދަފްތަރުގައި އެއްޗެއް ލިޔުއްވުމަށް، ހުސެންބެއާއެކު މަޖިލީހުގައި މަސައްކަތް ކުރެއްވި ކުރީގެ މަޖިލިސް މެންބަރުންނަށް ދައުވަތު އަރުވާ ކަމަށެވެ. އަދި އެ ދަފްތަރުގައި ލިޔުމުގެ ފުރުސަތު މިއަދުން ފެށިގެން މި ހަފްތާގެ ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި އާއްމުކޮށް ހުޅުވާލާފައި އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ. މަރްހޫމު ހުސެއިން މުހައްމަދުގެ ހަނދާނުގައި މަޖިލިސް މެންބަރުން ވަނީ ހަމަހިމޭންކަމުގެ ސުކޫތެއްވެސް ގެނެސްފައެެވެ.
ހުސެއިން މުހައްމަދާ ބެހޭގޮތުން ވާހަކަ ދއްކަވަމުން، އީވާ ވިދާޅުވީ، ހުސެއިންބެއާއެކު 10 އަހަރު ދުވަހު މަޖިލީހުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި، އެންމެ މައްސަލަ ބޮޑުވާ ވަގުތުތަކުގައިވެސް ހުސެންބެއަކީ ރަހުމަތްތެރިކަން އިސްކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެއީ ހުރިހާ ބަހުސެއްގައިވެސް ތެދުބަހުން ވާހަކަ ދެއްކެވި ބޭފުޅެއް ކަމަށާއި، މައުލޫމާތު ފުން ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ
އީވާ ވިދާޅުވީ ގެއްލިގެން އެ ދިޔައީ އެތައް ރޮނގަޅުން ގައުމަށް ހިދުމަތް ކުރެއްވި ހިދުމަތްތެރިޔެއް ކަމަށެވެ.
ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓލުގައި ފަރުވާ ދެމުން ދަނިކޮށް މިމަހު ހަތަރުވަނަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ.
ހުސެއިން މުހައްމަދަކީ ތައުލީމީ ދާއިރާ އާއި މީޑިއާގެ ދާއިރާ އަދި ސިޔާސީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، އީޑީސީގެ އެކި މަގާމުތަކުގައްޔާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރު ޖެނެރަލް ކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އެވެ. މީޑިއާގެ ދާއިރާއަށް ބަލާއިރު، ޓީވީމޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރު ކަމާއި ޑިރެކްޓަރު އޮފް ޕްރޮގްރާމްސް ކަމާއި ޓީވީއެމްގެ ޑިރެކްޓަރު ޖެނެރަލް ކަމާއި އެގްޒެކެޓިވް ޑިރެކްޓަރު ކަން ކުރެއްވި އެވެ. ދިވެހި ރާއްޖޭގެ އަޑުގައި ބޭރު ހަބަރު ލިޔުއްވުމުގެ މަސައްކަތް 1980 ގެ އަހަރު ތަކުން ފެށިގެން 2000 ގެ އަހަރު ތަކާއި ހަމަޔަށް ކުރެއްވި އެވެ. އާފަތިސް ނޫހުގެ ބޭރު ހަބަރު ލިޔުއްވުމުގެ މަސައްކަތް 1980 ގެ އަހަރު ތަކުން ފެށިގެން 2000 ގެ އަހަރުތަކާއި ހަމަޔަށް ކުރެއްވި އެވެ.
ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެއްޓެވީ 2005 ވަނަ އަހަރު އެވެ.
ހުސެއިން މުހައްމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005 އިން 2009 އަށް އަދާކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރުކަން 2009 އިން ފެށިގެން 2019 އަށް އަދާކުރައްވައިފަ އެވެ. ހުސެއިން މުހައްމަދަކީ ޖުމުހޫރީ ޕާޓީގެ ކައުންސިލްގެ ވެސް މެންބަރެކެވެ.
ހުސެއިން އަވަހާރަވީ އިރު އުމުރަކީ 71 އަހަރެވެ.
ރައްޔިތުންގެ މަޖިލިސް