ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑު"ގެ ދަށުން ހއ. ކެލާ ސްކޫލުގެ ކުރިމަތީގައި ޕާކެއް ހަދައިފި އެވެ.

''ކެލާ ސްކޫލް ފިނި ޕާކް"ގެ ނަމުގައި ހެދި އެ ޕާކުގައި ބެލެނިވެރިން މަޑުކޮށްލައިގެން ތިބޭނެ ހިތް ފަސޭހަ މައިޒާނަކާއި ބައިސްކަލުތައް ޕާކު ކުރުމަށް ހާއްސަ ޖާގައެއް ވަނީ ހަދައިފަ އެވެ. ބީއެމްއެލްގެ އަހަރެންގެ ބޭންކު ފަންޑުގެ އެހީތެރިކަމާއެކު އެތަން ހަދާފައިވަނީ ކެލާގެ އައިޑިއާސް ޖަމިއްޔާއިންނެވެ.

ކެލާގެ އައިޑިއާސް ޖަމިއްޔާގެ އޮފިޝަލަކު ބުނީ، މި ޕްރޮޖެކްޓަކީ ރަށަށް މިވަގުތަށް އެންމެ ބޭނުންވާ އެއް ކަމެއްގެ ގޮތުގައި ފެންނާތީ ކުރިއަށްގެންދިޔަ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ޕްރޮޖެކްޓަށް ރަށުގެ ރައްޔިތުންނާއި ޖަމިއްޔާގެ ގިނަ މެންބަރުންގެ އެހީތެރިކަން ލިބިގެން ދިޔަކަން އޮފިޝަލު ފާހަގަކުރި އެވެ.

"ބައިސްކަލްގައި ކުދިން ސްކޫލަށް ގޮވައިގެންދާ ބެލެނިވެރިން ވެސް އަދި ސްކޫލް ދަރިވަރުން ވެސް ސްކޫލަށް ވަނުމުގެ ކުރިން ތިބެން ޖެހެނީ ކޮޅަށް ބޭރުގައި، ބައެއްފަހަރު އަވިދޭ ގޮތަށް. މީގެ އިތުރުން ބައިސްކަލް ޕާކް ކުރުމަށް ވަކި ސަރަހައްދެއް ނެތުމުން އެކި ދިމަދިމާލުގައި ބައިސްކަލް ޕާކްކޮށްފައި ބަހައްޓާ. އަޅުގަނޑުމެން ވިސްނީ މިފަދަ ޕްރޮޖެކްޓަކުން ދޭ މާލީ އެހީއަށް ބަލާއިރު މިއީ ރަށަށް މިވަގުތަށް އެންމެ ބޭނުންވާ އެއް ކަމެއްގެ ގޮތުގައި،" އައިޑިއާސް ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އައިޑިއާސް ޖަމިއްޔާއިން ކެލާގައި ނިންމި ޕްރޮޖެކްޓަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވެސް ފަސޭހަތަކެއް ހޯދައިދެވުނު، ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓު ކެލާ ރައްޔިތުން ބަލައިގަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް، އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑަކީ ކޮންމެ ކުއާޓާއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވާލެވޭ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން ފެށި ފަންޑެކެވެ. މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މި ފިޔަވަހީގެ ދަށުން ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.