ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކައި ވިޔަފާރި ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ރަޖިސްޓްރީ ކުރުން ލާޒިމުކޮށްފިއެވެ.
ތަރިކާރީ އާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީގެ ކުރުމުގެ ގަވައިދު އިއްޔެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިރު، މި ގަވައިދަށް އަމަލުކުރަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.
މި ގަވައިދުގައިވާ ގޮތުން މުދާ ވިއްކާ ފިހާރަ، ބޭކަރީ، ކެންޓީން، ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ފިޔަވައި މޭވާއާއި ތަރުކާރީ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތައް ވިއްކައި ވިޔަފާރި ހިންގާ ހުރިހާ ފަރާތްތަކުން އަމަލުކުރަން ޖެހޭނެއެވެ.
ގަވައިދުގައިވާ ގޮތުން، އޮންލައިންކޮށް ވިޔަސް ނުވަތަ އެއްވެސް ބާވަތެއްގެ މޭވާއެއް ނުވަތަ ތަރުކާރީ ހިމެނޭ ގޮތަށް އެކި ބާވަތްތަކުގެ މުދާ ވިއްކާ ފަރާތްތަކުން ވެސް ވިޔަފާރި ރަޖިސްޓްރީ ކުރަންވާނެއެވެ.
ގަވައިދުގައި ބުނީ، އެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓްރީ ނުކޮށް، މޭވާއާއި ތަރުކާރީ ވިއްކާނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މޭވާއާއި ތަރުކާރީ ފަދަ ކާބޯތަކެތި ވިއްކާ ތަނުގައި ހުންނަންޖެހޭ ޝަރުތުތަކެއްވެސް ގަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.
- ރަޖިސްޓަރީކޮށްފައިވާ ވިޔަފާރީގެ ނަން ބޭރުން ފެންނާނެހެން އިމާރާތުގައި ހަރުކޮށްފައި ހުރުން
- ވިޔަފާރިކުރާ ތަނަށް ވަކިން ވަދެވޭނެ ދޮރެއް، ނުވަތަ މުދާ ދޫކުރެވޭނެ ކައުންޓަރެއް ބަންދުކުރެވޭނެ ގޮތަކަށް ހަދާފައި ހުރުން
- ވިޔަފާރިކުރާ ތަނުގައި އެއާކަންޑިޝަން ހަރުކޮށްފައި ހުރުން ނުވަތަ ވެންޓިލޭޝަން ރަނގަޅުވުން
- އެކި ބާވަތްތަކުގެ މުދާ ވަކިވަކިން ތަރުތީބުކުރެވޭނެ ގޮތަށް ޖާގަ ހަދައިފައި ހުރުން
- މުދަލުގެ އަގު އެނގޭނެ ގޮތަށް މުދާ ތަރުތީބުކޮށްފައި ހުރުން
- މީހުން ވަދެ ވިޔަފާރިކުރެވޭ ގޮތަށް ހުރި ތަނެއްނަމަ ޓައިލްސް ޖަހައި ނުވަތަ ތަޅުން އަޅައިފައި ހުރުން
- ވިޔަފާރިކުރާ ތަނަށް ވަންނަ ކަސްޓަމަރުން މަގުމަތީގައި ތިބެގެން ވިޔަފާރި ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނަކަށް ނުވުން
- މެހި ފަދަ ތަކެއްޗަށް ނުވަދެވޭނެ ގޮތަށް ފަރުމާކޮށްފައި ހުރުން
- ވިޔަފާރިކުރާ ތަނުގެ ބޭރުގައި ނުވަތަ ދުވާރު މަތީގައި މުދާ ބަހައްޓާފައި ނެތުން
- ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަތް ދޮވެ ސާފުކުރެވޭނެ ގޮތަށް ހުރުން
- މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ނުވަތަ އެޗްޕީއޭއިން ކަނޑައަޅާ ސާފުތާހިރުކަމުގެ މިންގަނޑަށް ފެތުން
ގަވައިދުގައި ބުނީ، އެ ޝަރުތުތައް ފުރިހަމަ ނުވާނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. ފިޔަވަޅުތައް އެޅުމަށްފަހުވެސް ގަވައިދާ ހިލާފުވާނަމަ، އެ ވިޔަފާރި ހިންގާ ތަން ބަންދުކޮށް، އެތަނުގެ ތަފްސީލު ގެޒެޓުގައި ޝާއިއުކުރާނެ ކަމަށްވެސް ގަވައިދުގައި ބުނެފައިވެއެވެ.
މޭވާއާއި ތަރުކާރީ ވިއްކާ ތަންތަން ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ގަވައިދެއް އެކުލަވާފައިވާ އިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ކުދި މާރުކޭޓުތައް ހަދައިގެން ރަޖިސްޓްރީ ނުކޮށް މޭވާއާއި ތަރުކާރީ ވިއްކަމުންދާކަން ފާހަގަކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު