ޚަބަރު

ފުލެޓަށް ކުރިމަތިިލި 72 މުވައްޒަފުންނަށް ފުލެޓް ލިބޭނެ، އަންނަ ޖޫން މަހު ވަދެވޭވަރު ވާނެ: އެމްޑަބްލިޔުއެސްސީ

1

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީން އަޅާ ފްލެޓްތަކަށް ކުރިމަތިލި 72 މުވައްޒަފުންނަށް ފެލްޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ ކުންފުނިން ހަރަދުކޮށްގެން އަޅާ 15 ބުރީގެ ދެ ޓަވަރުގެ ތެރެއިން އެއް ޓަވަރު ނިންމަން އަމާޒު ހިފައި، އެތަނުގެ 60 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން އަށް ބުރީގެ ރޭނުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހު ވިދާޅުވި ގޮތުގައި ދެވަނަ ޓަވަރުގެ މަސައްކަތް ފަށާނީ ފުރަތަމަ ޓަވަރުގެ ފްލެޓްތަކަށް އޮންނަ ޑިމާންޑު ބެލުމަށްފަހުގަ އެވެ.

އެއް ކޮޓަރި، ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓުމެންޓްތައް ހިމެނޭ މި ޓަވަރުގެ މަސައްކަތް ކުރަނީ ޗައިނާގެ ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިންމެޓަލްސް އިންނެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 2018 ވަނަ އަހަރު އެވެ.

ޝާހު ވިދާޅުވީ، އެ ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 72 މުވައްޒަފަކު ކުރިމަތިލި ކަމަށާއި އެ ހުރިހާ މުވައްޒަފުންގެ ފޯމްތައް އިވެލުއޭޓް ކުރުމަށްފަހު، އެ އެންމެންނަށް ވެސް ފްލެޓްދޭން ނިންމާފައިވާ ކަމަށެވެ. އަދި ފްލެޓް ލިބުނު މުވައްޒަފުންނަށް ފްލެޓަށް ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް ފައިނޭންސިން ޕާޓީތަކާއެކީގައި މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެކަމުގައި ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހު އިތުރަށް ވިދާޅުވީ، ފްލެޓްތަކުގެ މަސައްކަތް ނިންމަން ދީފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 26 އަށް ކަމަށެވެ. އަދި ކޮވިޑް-19އާ ގުޅިގެން އެތަނަށް ބޭނުންވާ ތަކެތި ހޯދަން ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ޝެޑިއުލްގައިވާ ތާރީހަށް އެތަން ނިންމައި އަންނަ އަހަރުގެ ޖޫން މަހު ފްލެޓްތަކަށް ވަދެވޭވަރު ވާނެ ކަމަށް ވިދާޅުވި އެވެ.