މޯލްޑިވްސް ޖާނަލިސްޓް އެސޯސިސިއޭޝަން (އެމްޖޭއޭ)ގެ މެންބަރުންގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޖޭއޭއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މެންބަރުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު އިރުއޮއްސި 6:00ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި މެންބަރުންގެ ދާއިމީ ލިސްޓް އާންމުކުރާނީ މާދަމާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން އެމްޖޭއޭއިން ބުނީ، އެ ޖަމިއްޔާގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގައި ކަމަށެވެ
އޮންލައިންކޮށް ބާއްވާ އެ ބައްދަލުވުމުގައި، ވޯޓުލެވޭނީ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ނޫސްވެރިންނަށް ކަމަށާއި ޖަލްސާއާ ގުޅޭ މައުލޫމާތު ދުރާލާ އަންގަމުން ގެންދާނެ ކަމަށްވެސް އެމްޖޭއޭއިން ބުނެފައި ވެއެވެ.
އެމްޖޭއޭގެ މެންބަރުންގެ ވަގުތީ ލިސްޓުގައި 154 ނޫސްވެރިޔަކު ހިމެނެއެވެ.
އެމްޖޭއޭއަކީ 2009 ވަނަ އަހަރު އުފަންވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިން ވަނީ ދިވެހި ނޫސްވެރިކަމަށް ދިމާވި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ އިތުރުން ނޫސްވެރިން ތަމްރީނު ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން އެމްޖޭއޭގެ ހިންގާ ކޮމިޓީ އިންތިހާބުކޮށްފައެއް ނުވެއެވެ. އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮއްވައި ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ޔޫތު މިނިސްޓްރީން ވަނީ އަންނަ މަހުގެ 13ގެ ކުރިން ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް އަންގައިފައެވެ.
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)