އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ނުޖެހޭ ފަދަ މަސައްކަތްތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ހުއްދަތައް ނުނަގައި ގަވައިދާ ހިލާފަށް ރަޖިސްޓަރީ ނުކޮށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭނަމަ ފިޔަވަޅު އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމި ނިންމުމާއެކު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ހ) ގެ ދަށުން، ވަކި ފަރުދުން އާމްދަނީ ހޯދުމަށް ކުރާ ބައެއް ކަންކަމަކީ އިސްތިސްނާވެގެންވާ ވިޔަފާރި ކަމުގައި ކަނޑައެޅިފައިވާ ކަންކަން ކަމަށެވެ.

"މިގޮތުން އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ނުޖެހޭ ފަދަ މަސައްކަތްތަކެއް." އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ށ) ގެ ދަށުން އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ބެލެވޭނީ ވަޒީފާގައި ބަޔަކު ގެންގުޅުމަކާ ނުލައި ތިމާ އަމިއްލައަށް ކުރާ މަސައްކަތްތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

"ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ދީފައިވާ އިސްތިސްނާއަށް ބަލާއިރު، ގޭގައި ތިބެގެން އާމްދަނީއެއް ހޯދުމަށް މަސައްކަތްކުރަން ބޭނުންވާ ފަރާތްތައް (ހޯމް ބޭސްޑް ވާކާޒް ނުވަތަ ސެލްފް އެމްޕްލޮއިޑް)، ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން އާމްދަނީ ހޯދުމަށް ގޭގައި މަސައްކަތްކުރުމުގެ ފުރުސަތު އެބަ އޮތް،" ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކުރަން ލާޒިމު ވިޔަފާރިތަކަކީ އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ހިންގާ ނުވަތަ ކުރާ މުދާ ގަނެވިއްކުމުގެ މަސައްކަތްތަކާއި ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ އުފެއްދުންތެރިކަމުގެ މަސައްކަތްތަކާއި ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ފޯރުކޮށްދޭ ފަންނީ ހިދުމަތްތަކާއި ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ ހިދުމަތް ދިނުމުގެ މަސައްކަތްތަކާއި މާލީ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ނުއުފުލޭ މުދަލާ ގުޅޭގޮތުން ހައްގުތައް ދިނުން އަދި މާލީ ފައިދާއެއް ހޯދުމުގައި ހިންގާ އެނޫންވެސް ހަރަކާތްތައް ކަމަށެވެ.

މިނިސްޓްރީން ބުނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އާބާދީގެ ގިނަ ބައެއްގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނާތީ، ގޭގައި ތިބެގެން މަސައްކަތްކޮށް، އާމްދަނީ ހޯދަމުން އަންނަ ފަރާތްތަކަށް މިނިސްޓްރީން މަރުހަބާ ކިޔާ ކަމަށެވެ.

މިފަދަ ފަރާތްތަކުން އާމްދަނީ ހޯދުމަށް ފަށާފައިވާ މަސައްކަތް އިތުރަށް ފުޅާކޮށް، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހިޔާރުކުރާނަމަ، އެ ކަމަށް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަންއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވައިދުގެ ހަތަރުވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ގޮތަކަށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭންޖެހޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ފަހުގައި ކަމަށެވެ.

ގޭގައި ކާބޯތަކެތި ތައްޔާރުކޮށް އާމްދަނީއެއް ހޯދުމަށްޓަކައި ވިއްކާ ފަރުދުންވެސް، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާ ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލުކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވިޔަފާރި ކުރުމުގައި އަމަލުކުރަންޖެހޭ ކަންކަމާބެހޭ މައުލޫމާތު އޮޅުންފިލުވުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ކޯލް ސެންޓަރު 1691 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށް ބަޔާނުގައިވެއެވެ.