ކޮވިޑް 19އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ފްރަންޓްލައިން އެލަވެންސްގެ ގޮތުގައި މިހާތަނަށް 33.2 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ކޮވިޑް 19އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-250 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ނިންމާފައިވަނީ މެއި ހަތްވަނަ ދުވަހުއެވެ.

ފްރަންޓްލައިން އެލަވެންސް އާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ފިނޭންސް މިނިސްޓްރީގައިި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް، ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ ފްރަންޓްލައިން އެލަވެންސްގެ ގޮތުގައި 33.5 މިލިއަން ރުފިޔާ ދޫކުރުމަށް ހުއްދަ ދީފައިވާ ކަމަށާއި އޭގެ ތެރެެއިން މިހާތަނަށް 33.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ސަރުވަޝް ވިދާޅުވީ، ނުދޫކުރެވި މިހާރު ހުރީ 300،000 ރުފިޔާ ކަމަށާއި އެފައިސާ ވެސް ވަރަށް އަވަހަށް ދޫކުރާނެ ކަމަށެވެ.

"2948 ފަރާތަކަށް 33.5 މިލިއަން ރުފިޔާ އަޅުގަނޑުމެން މިހާރު ވާނީ ދައްކާފައި. އަޅުގަނޑުމެން މިހާރު އެޕްރޫވްކޮށްފައި 300،000 ރުފިޔާ، އަދި އެބަހުރި ޕޭ ނުކުރެވި ނަމަވެސް ޕޭމަންޓަށް ރެޑީވެފައި. އެއީ އެކައުންޓް ނަންބަރު ވެރިފައިކޮށްފައި ދޫކޮށްލަން." ސަރުވަޝް ވިދާޅުވިއެވެ.

ފްރަންޓްލައިން އެލަވަންސް ދެނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހައިރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދޭއިރު މީޑިއަމް ރިސްކު ކެޓަގަރީއަށް ދުވާލަކަށް 250 އަދި ލޯ ރިސްކު ކެޓަގަރީއަށް 200 ރުފިޔާ ދުވާލަކަށް ދެއެވެ.

މީގެ އިތުރުން ސަރުވަޝް ވިދާޅުވީ، ފްރަންޓްލައިން އެލަވަަންސް ނުދެވި ހުރި މައިގަނޑު އިދާރާތަކަކީ ސިފައިންނާއި ފުލުހުން ކަމަށެވެ. އަދި އެ މުއައްސަސާގެ މުވައްޒަފުންނަށް އެލަވަންސް ދިނުން ލަސްވަނީ، އެ ދެ މުއައްސަސާގެ މުވައްޒަފުންނަށް އެލަވަންސް ދިނުމުގެ އުސޫލާ ގުޅޭގޮތުން ބައެއް ކަންތައްތައް ނިންމަން ޖެހޭތީ ކަމަށް ވިދާޅުވިއެވެ.

"މައިގަނޑު ގޮތެއްގައި މާޗު ހަތަކުން ޖުލައި 15 އަށް ހުރި އެލަވެންސްތައް މިހާރު ވަނީ ޕޭ ކުރެވިފައި. ޕޭ ނުކުރެވޭ މައިގަނޑު އިންސްޓިޓިއުޝަންތަކަކީ އެމްއެންޑީއެފް އާއި ޕޮލިސް،" ސަރުވަޝް ވިދާޅުވިއެވެ.

ސަރުވަޝް ވިދާޅުވީ، އެ މުއައްސަސާއަށް ފައިސާ ދޫކުރުމުގެ އުސޫލަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބުނުހާ އަވަހަށް ފައިސާ ދޫކުރާނެ ކަމަށެވެ.