އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޔޫތު މިނިސްޓްރީން މި މަސައްކަތް ހަވާލުކުރީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްވެކް) އާއެވެ.
މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު މަހްލޫފްއެވެ. ޕޮލްވެކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަލީ ޝަރީފްއެވެ.
މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ ކަމަށެވެ. މި މަސައްކަތުގެ ޖުމްލަ އަގު 12،543،231.75 ރުފިޔާއަށް އަރާއިރު، ގާތްގަނޑަކަށް 9200 އަކަމީޓަރުގެ ސަރަހައްދެއްގައި ސިންތެޓިކް ޓްރެކް އެޅިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެކަމަށްޓަކައި މިނިސްޓަރު މަހުލޫފް ވަނީ އިންޑިއާ ސަރުކާރަށާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ޝުކުރު އަދާކުރައްވައިފައެވެ.
އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ ކުރިން އެތަނުގެ ބިންގަނޑު އެއްވަރުކޮށް ސަބް ބޭސް ހެދުމުގެ މަސައްކަތް ސީއެސްއާރުގެ ދަށުން ކޮށްފައިވަނީ އާރުކޭއެލް ގްރޫޕުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު