މިހާރު ގާނޫނު އޮންނަ ގޮތުން ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ބޮޑު ކުށަކަށް ނުވާތީ އެ ދެ ކުށަކީވެސް ބޮޑު ކުށަކަށް ހަދަައި އެ ކަންތައްތަކަކީ ވެސް ބޮޑެތި ކުށްތައް ކަމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މިހާރު އޮންނަގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ހިމެނެނީ 11 ކުށެކެވެ.

ނަަމަވެސް ބޮޑެތި ކުށްތަކުގެ ގޮތުގައި 12 ކުށެއް ހިމަނައި، އެ ކުށްތަކުގެ ގޮތުގައި ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހިމަނައި ކޮމިޓީން އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީން ފާސްކޮށް މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.

އެހެންކަމުން އެ ބިލަށް އަންނަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި ވޯޓަށް އަހާނެއެވެ.

މި އިސްލާހާއެކު ބޮޑެތި ކުށްތަކުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމެނެނީ، މީހުން މެރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށްތައް އަދި މަނީ ލޯންޑްރިންގެ ކުށްތަކުގެ އިތުރުން މީހުން ޓްރެފިކް ކުރުމުގެ ކުށްތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށްތަކުގެ އިތުރުން އެބާވަތުގެ އިތުރު ކުށްތަކެވެ.