ވިޔަފާރީގެ ބާޒާރުގައި އަންހެނުންގެ ހިއްސާ ބޮޑުވާނީ އަލަށް ފަށާ ވިޔަފާރިތަކަށް ގާނޫނުން ލުއި ދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ހުއްދަތައް ނުނަގައި ގަވައިދާ ހިލާފަށް ރަޖިސްޓަރީ ނުކޮށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭނަމަ ފިޔަވަޅު އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައި އެކަން އިއުލާނު ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ދެކެވޭ އެކި ވާހަކަތަކާ ގުޅުވައިގެން ކުރި ޓުވީޓެއްގައެވެ.

މޫސަ ވިދާޅުވީ ގޭގައި އަމިއްލައަށް ކާބޯތަކެތި އުފައްދައިގެން ވިއްކުމަކީ މައްސަލައެއް ނޫން ކަމަށާއި އަދި މައްސަލައަކަށް ވާނީ އަންހެނަކަށް ވިޔަސް، ފިރިހެނަކަށް ވިޔަސް، ވިޔަފާރި ރަޖިސްޓަރީ ކުރުމަށްފަހު ވިޔަފާރި ހިންގުމަށް ބިދޭސީންނާ ހަވާލުކުރާނަމަ ކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށް ލޮޅުން އަރައި، އޭގެ ނޭދެވޭ އަސަރު ރާއްޖެއަށްވެސް ވަނީ ކޮށްފައެވެ. މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ގިނަ ދިވެހިންތަކެއް ވަނީ އޮންލައިން ޕްލެޓްފޯމުތަކުގައި ކާބޯތަކެތީގެ ވިޔަފާރި ކުރަން ފަށައިފައެވެ.

މީގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ހިމެނޭ އިރު، ހުއްދަތައް ނުނަގައި ގަވައިދާ ހިލާފަށް ރަޖިސްޓަރީ ނުކޮށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭނަމަ ފިޔަވަޅު އަޅަން އެޗްޕީއޭއިން ނިންމި ނިންމުމާއެކު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އަދި މިއީ ބޮޑެތި ރެސްޓޯރަންޓުތަކުން ވިޔަފާރި ގެއްލޭ ކަމުގެ ބިރަށް، ވިޔަފާރީގައި ވާދަވެރިކަން ކުޑަކުރުމަށް ސަރުކާރަށް ބާރު އަޅައިގެން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތުހުމަތުކުރެއެވެ.