ސިޔާސީ ހަރަކާތަކަށްނޫވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ލިއުއްވި، ތާރީހީ ފޮތް، "ދެރަދުން" ނެރުމަށް ބޭއްވި އިވެންޓާ ގުޅިގެން ފިޔަވަޅު އަޅާން ނުޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް ޕީއެންސީ، މުޒާހަރާގެ ގޮތުގައި ބޭއްވި ސައިކަލްބުރު އެއްވުމުގައި، އެޗްޕީއޭގެ ފިޔަވަޅުތަކާއެއްގޮތަށް މާސްކު އަޅައި ގައިދުރުކަން ބަހައްޓާފައިނުވާތީ، އެ ޕާޓީތަކުގެ އިސް ފަރާތްތަކާއި، ޕާޓީތަކަށް އީސީން ވަނީ ފިޔަވަޅު އަޅައިފައެވެ.
އެކަމާ ގުޅިން އިދިކޮޅު ފަރާތްތަކުން ދަނީ އީސީއަށް ފާޑު ކިޔަމުންނެވެ.
އީސިއަށް ފާޑު ކިޔަމުންދަނީ، އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވެގެން އެފަރާތްތަކަށް ފިޔަވަޅާފައިވާއިރު، ފޮތް ނެރުމަށް ރައީސް ނަޝީދު ބޭއްވި އިވެންޓްގައި، ރައީސް ނަޝީދު މާސްކު ނާޅުއްވައި، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ތިން ފޫޓުގެ ދުރުމިން ބަހައްޓާފައި ނުވާއިރުވެސް ފިޔަވަޅު އަޅާފައިނުވާ މައްސަލައިގައެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން، ސަންގު ޓީވީގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އީސީގެ ރައީސް ޝަރީފު ރޭ ވިދާޅުވީ ރައީސް ނަޝީދު މާސްކު ނާޅުއްވައި ރެސްޓޯރަންޓުތަކުގައި އޮޓޯގްރާފް ދެއްވަން އިންނެވި މަންޒަރު ފެންނަ ފޮޓޯތައް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް ސިޔާސީ ހަރަކާތުގެ ގޮތުގައި އީސީން ބަލަނީ ސިޔާސީ ޕާޓީއަކުން އިންތިޒާމު ކުރާ ކައުންސިލް ބައްދަލުވުންތަކާއި، ޕްރެސް ބްރީފިންތަކާއި، އެއްވުން ފަދަ ހަރަކާތްތައް ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
އީސީއަށް ފިޔަވަޅު އަޅަން ބާރުލިބެނީ ސިޔާސީ ހަރަކާތްތަކަށް އެކަނި ކަމަށާއި، އެ ފިޔަވަޅުތައް އެޅޭނީ، ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމެއް ސިޔާސީ ހަރަކާތެއްގެ ތެރޭގައި ހިނގައިގެން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ފިޔަވަޅު އަޅާއިރު ސިޔާސީ ހަރަކާތްތަކާއި، ސިޔާސީ ޕާޓީ ބައިވެރިވެގެން ކުރިއަށް ގެންދާ ހަރަކާތްތަކާ ސިޔާސީ ޕާޓީއެއް ބައިވެރިވެގެން ނޫން ގޮތަކަށް ކުރިއަށް ގެންދާ ހަރަކާތްތަކަށް ވަކިކުރަން ޖެހޭނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، ސިޔާސީ ހަރަކާތްތަކުގައި އަމަލުކުރަން ޖެހޭނީ އެޗްޕީއޭގެ ގައިޑްލައިނާއި ގާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތަށް އަމަލު ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ލިއުމުން އަންގާފައިވާކަށްވެސް ޝަރީފު ވިދާޅުވިއެވެ،
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް