އެމްޓީސީސީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓާ ވާން ޖެހޭ ފަހު ތާރީހު އެމްޓީސީސީން އިއުލާނުކޮށްފިއެވެ.

އެމްޓީސީސީގެ 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ބުކް ކްލޯޒް ކުރާ ތާރީހު އަދި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓާ ވާން ޖެހޭ ފަހު ތާރީހު އާންމުކޮށްފައިވަނީ އިއްޔެ ކުރި އިއުލާނެއްގައެވެ.

އެގޮތުން މި އިއުލާނުގައި އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ އިތުރުން މިދިޔަ އަހަރުގެ ހިއްސާ ލިބޭނީ މިމަހު ދިހަވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ.

އެހެންކަމުން ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ މީހުންނާއި، ހިއްސާ ލިބުމަށް އެދޭ މީހުން މިމަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެމްޓީސީސީން އެދިފައިވެއެވެ.

ބުކް ކޮލޯޒް ކުރުމަކީ ކުންފުނީގެ ހިއްސާދާރުންގެ މައުލޫމާތަށް އެއްވެސް ބަދަލެއް ނުގެނައުމަށް ކުންފުނިން ކަނޑައަޅާ ތާރީހެކެވެ. މި މުއްދަތުގައި ކުންފުނީގެ ކުރީގެ އަހަރުގެ ހިއްސާ ބެހުން ފަދަ ކަންކަން ކުންފުނިން ނިންމާނެއެވެ.