ކޮވިޑް 19އަށް ފަރުވާ ހޯއްދަވަމުން އަންނަ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ވަރަށް ހިތްގައިމު ފޮޓޯއެއް މީސް މީޑިއާއަށް ދޫކޮށްލައްވައިފިއެވެ.

ކޮވިޑަށް ޕޮޒިޓިވްވެ، ރައީސް މައުމޫނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އާއިލާއާ ވަކިން ރައީސް މައުމޫން ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގެންފައިވާ އިރު، ރައީސް ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އަނބިކަނބަލުންނަށް ވީޑިއޯ ކޯލެއް ކުރައްވަނިކޮށް ނަންގަވާފައިވާ ފޮޓޯއެއް ޓުވިޓާގައި ހިއްސާކުރައްވައިފައެވެ.

އެ ފޮޓޯއާއެކު ރައީސް މައުމޫން ވިދާޅުވެފައި ވަނީ ދުރުގައި، އައިސޮލޭޝަނުގައި ހުންނެވި ނަމަވެސް އަނބިކަނބަލުންނާ ވާހަކަދައްކައި ލެވުމުން ހިތްހަމަޖެހުން ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ މުވައްޒަފުން އެމަނިކުފާނުގެ ފަރުވާ ވަރަށް ރަނގަޅަށް ކުރިއަށް ގެންދަވާ ކަމަށާއި ﷲގެ ހެޔޮ ރަހްމަތްފުޅުން ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އާއިލާގެ ގާތަށް ދެވޭނެ،" ރައީސް މައުމޫންގެ ޓުވީޓުގައިވެއެވެ.

ރައީސް މައުމޫން އާއި ނަސްރީނާ ކައިވެނި ބައްލަވައިގަތީ މީގެ 51 އަހަރު ކުރިން، 1969 ވަނަ އަހަރުއެވެ.

މީގެ ދުވަސްކޮޅެއް ކުރިން މެޑަމް ނަސްރީނާއަށް ވެސް ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފައެވެ. ނަމަވެސް އެކަމަނާ ވަނީ ކޮވިޑަށް ނެގެޓިވްވެފައެވެ. އެ އާއިލާގެ އިތުރު މީހަކު އަދި ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.

ކޮވިޑުގެ އެންމެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ކަމުން، އުމުރުން 82 އަހަރުގެ ރައީސް މައުމޫނަކީ ހިމެނިވަޑައިގަންނަވަނީ ބަލީގެ ހައިރިސްކް ކެޓަގަރީގައެވެ.