ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 26 ރުފިޔާ ބަހަން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.
ވާޗުއަލްކޮށް މިއަދު ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާ އަކަށް 26 ރުފިޔާ ބަހަން ފާސްވީ ވޯޓުގައި ބައިވެރިވި 98 ޕަސެންޓް ހިއްސާދާރުންގެ ވޯޯޓާއެކު އެވެ. ނަމަވެސް ފައިސާ ބަހާނީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ހުއްދަ ލިބުމުންނެވެ. އެއީ ކޮވިޑް-19ގެ ސަބަބުން އިގުތިސާދަށް ކޮށްފައިވާ ނުރަނގަޅު އަސަރުތަކުގެ ސަބަބުން، ބޭންކްތަކުގެ ހިއްސާގެ ފައިދާ ބަހާނަމަ އެކަން މަރުކަޒީ ބޭންކަށް ހުށަހެޅުމަށް އެމްއެމްއޭ އިން އަންގާފައިވާތީ އެވެ.
ބީއެމްއެލް އިން 2018 ވަނަ އަހަރު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހާފައިވަނީ 24 ރުފިޔާ އެވެ.
ބީއެމްއެލް އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.04 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ 2018 ވަނަ އަހަރާ އަޅައިބަލާއިރު ފަސް ޕަސެންޓުގެ ދަށްވުމެކެވެ. ނަމަވެސް މިއަހަރުގެ ހިންގުމުގެ ފައިދާ، 2018 ވަނަ އަހަރާ އަޅައިބަލާއިރު ނުވަ ޕަސެންޓް އިތުރުވެ، 1.7 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޓިމޮތީ ސޯޔާ ވިދާޅުވީ، ބޭންކުގެ ޖުމްލަ އެސެޓްސް އަށް 3.3 ބިލިއަން އިތުރުވެފައިވާ ކަމަށާއި މިއީ 14 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. އަދި ބޭންކުގެ ރައުސުލްމާލު ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން ރައުސުލްމާލުގެ ފުދުންތެރިކަން ހުރީ ގާނޫނީ ގޮތުން ލާޒިމުކުރާ މިންގަނޑަށް ވުރެ 40 ޕަސެންޓަށްވުރެ މަތީގައި ކަމަށް ސޯޔާ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ކުރިއަށް އޮތް އަހަރު ބީއެމްއެލްގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓާ ހައުސް ކޫޕާސް ކަނޑައަޅަން ވަނީ ފާސްކޮށްފަ އެވެ. އަދި ބީއެމްއެލްގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުން ވަނީ އައްޔަންކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު