(29 އޯގަސްޓުގެ އަދަދާ ގުޅޭ)
ރޭދެބައިވެއްޖެއެވެ. ލުޓޭރުންގެ ހިލަމެއް ނުވެއެވެ. ماه بانو ލަފާކުރެއްވީ ލުޓޭރުން އެގެޔަށް ޙަމަލަދިނުމުގެ ވިސްނުން ބަދަލުކޮށްލީ ކަމުގައެވެ. ތިން ނޯކަރުން (އޭގެތެރެއިން އެކަކު ހުރީ ޒަޚަމުވެފައެވެ.) ހާމަ ފުރާޅުގައި ފޯރިމަރަމުން ގެންދެއެވެ. ماه بانو އާއި يـاسمـين އާ ދެބޭފުޅުން ތިއްބެވީ މަތީބުރީގެ މެދުކޮޓަރީގައެވެ. އެކޮޓަރީގައި ބަގީޗާއާއި މެދުގޯއްޗާ ދިމާޔަށް ހުޅުވޭ ކުޑަދޮރުތަކުގެ ކައިރީގައެވެ. ނޯކަރުން ވަނީ ސިޑީގެ ދޮރު ލެއްޕުމުގެ ކުރީން ގިނަ އަދަދެއްގެ ގާވެސް ހާމަފުރާޅަށް ޖަމާކޮށްފައެވެ. ނޯކަރުންނެކޭ އެއްފަދައިން އެބޭފުޅުންގެ ތުރުކަސްވެސް ވަނީ ދުނި އަޅުއްވައި ފުރައިލައްވައިފައެވެ. ކައިރި ހިސާބުގެ ގޭގޭގެ ތެރެއިން ލުޓޭރުންގެ ހަޅޭފަޅޭކުގެ އަޑު އިވެމުންދެއެވެ. އަންހެނުންތައް ބިރުން ރޯއަޑު އިވެއެވެ.
ދޮރޯށިދޮށުގައިހުރި ނޯކަރު ގޮވައިލި އަޑުއިވުނެވެ. "ހުސިޔާރެވެ! އެމީހުންތައް އެބައާދެއެވެ. އެމީހުން ދޮރޯއްޓާ އެބަދިމާކުރެއެވެ." ދެން އިވޭންފެށީ ދުވެފައި އަންނަ މީހުންތަކުގެ ހަޅޭފަޅޭކުގެ އަޑެވެ. ދޮރޯށީގައިހުރި ނޯކަރު އަނެއްކާވެސް ގޮވައިލިއެވެ. "އެމީހުންތައް ދަނީއެވެ." މަގާވީ ފަރާތުން އިވުނު އަޑުފަށްގަނޑު ހިމޭންވެއްޖެއެވެ.
އިރުކޮޅެއްގެފަހުން ބަގީޗާއާވީ ފަރާތުން މީހުންތަކެއް ހިރޭއަޑު އިވޭންފަށައިފިއެވެ. ދޮރާށީގައިހުރި ޚާދިމު ބިރުންހުރެ ގޯތިތެރެޔާ ދިމާޔަށް ބަލާން ފަށައިފިއެވެ. ފުރާޅުމަތީގައި ފޯރިޔަށްތިބި މީހުންކުރެ އެކަކު އިރުކޮޅަކުން ގޭތެރެޔަށް ވަދެއްޖެއެވެ. އޭނާ ބުންޏެވެ. "ހުސިޔާރު ވެވަޑައިގެން ތިއްބަވާށެވެ. އެމީހުން ބިއްދޮށުފަރާތުގެ ފާރުމަތީން އަރައިގެން އެތެރެޔަށް ވަދެއްޖެއެވެ. އެބައިމީހުން ކުރިޔަށް އަންނަ ކަމުގައިވާނަމަ ދެބޭފުޅުން އެކުގައި ދުނިއުއްކަވާށެވެ."
"އަހަރެމެންނަށް އެނގެއެވެ. ކަލޭ މައްޗަށްގޮސް ދޮރޯށީގައިހުރި ފާރަވެރިޔާއަށް ޚަބަރު ދޭށެވެ." ماه بانو ވިދާޅުވިއެވެ.
ނޯކަރު އެނބުރި ހިނގައްޖެއެވެ. ماه بانو އާއި يـاسمـين އާއި އަރިހުގައިތިބި ނޯކަރުން ތިބީ ދުނިދަނޑީގައި ދުނިރުވައި ތައްޔާރުވެވަޑައިގެންނެވެ. ހަނދުވަރުގެ އަލީގައި ގޯތިތެރެޔާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ.
ކުއްލިޔަކަށް ފަނަރަވަރަކަށް ވިއްސަކަށް މީހުން ގަސްތަކުގެ ތެރެއިން ނުކުމެގެން ގެއާދިމާޔަށް އަންނާން ފަށައިފިއެވެ. ماه بانو އާއި އެކަމަނާގެ ބައިވެރީން ދުނިއުއްކަވާން ފައްޓަވައިފިއެވެ. ތިންމީހަކު ޒަޚަމުވެގެން ވެއްޓިއްޖެއެވެ. ދެންތިބި މީހުން ހަޅޭއްލަވަމުން ގަސްތަކުގެ ތެރެޔަށްވަދެ ފިލައިފިއެވެ. އެއާއެކު ދޮރޯށީގައިހުރި ފާރަވެރިޔާ ގޮވައިލިއެވެ. "އެމީހުންގެ އަދަދު ވަރަށް ގިނައެވެ. ދޮރު ތަޅުލައްވާށެވެ. އެމީހުން ގޯތިތެރެޔަށް އެބަ ޖަމާވެއެވެ." އެހައިތަނުން އޭނާގެ އަޑު ލުޓޭރުންގެ އަޑުގެ ތެރެޔަށް އޮބިއްޖެއެވެ.
ماه بانو يـاسمـين އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. يـاسمـين ވެސް ހުންނެވީ ދުންޏެއް ރުވައިލައްވައިގެންނެވެ. ނަމަވެސް އޭނާގެ އަތްޕުޅު ތުރުތުރު އަޅައެވެ. ماه بانو ވިދާޅުވިއެވެ. "އުޚުތާއެވެ. ހިތްވަރު ކުރައްވާށެވެ. سُهيل ވިދާޅުވިގޮތުގައި އަސްފަހާނުގައި އޭނާއާއެކު ދުނި އުއްކެވުމުގެ ތަމްރީނު ކުރެއްވީމުއެވެ. ކަލާގެ އަމާޒު ވަރަށް ރަނގަޅެވެ."
يـاسمـين ވިދާޅުވިއެވެ. "އެމީހުން ބޭރު ދޮރޯއްޓަށް ވެރިވެއްޖެއެވެ. އިރުކޮޅަކުން ބަހެރާޝޭރުގެ ހުރިހައި ލުޓޭރުން މިގެޔަށް ޖަމާވެދާނެއެވެ. އެކަމަކުވެސް އަޅުގަނޑުމެން ސަލާމަތްވާނެކަމަށް އުންމީދު ކުރައްވަމުތޯއެވެ؟"
ماه بانو ޖަވާބު ދެއްވިއެވެ. "މާތް اللّـه ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތައެވެ. އެކަލާނގެ އަޅުގަނޑުމެން ދިރިދުނިޔޭގައި ލަހައްޓަވަން އިރާދަކުރައްވާނަމަ ދުނިޔޭގައިވާ ހުރިހައި މިނިކާ ޖަނަވާރުތަކެއް އެއްވިކަމުގައިވިޔަސް އަޅުގަނޑުމެންނަކަށް ކުޑަވެސް ގެއްލުމެއް ނުދެވޭނެއެވެ. ހިތްވަރު އެލުވައި ނުލައްވާށެވެ."
ގަސްތަކުގެ ތެރެއިން މީހަކު ގޮވައިލިއެވެ. "ތިޔަބައިމީހުންނަކަށް ސަލާމަތެއް ނުވެވޭނެއެވެ. ބޭރަށްނުކުމެ އަހަރެމެންނާ ތިޔަބައިމީހުންގެ އަމިއްލަ ނަފްސު ހަވާލު ކުރާށެވެ. އަހަރެމެން ޚާދިމުންނާއި އަޅުންނަކަށް އަނިޔާއެއް ނުކުރާނޫއެވެ. ދެއަންހެންކުއްޖަކަށްޓަކައި ތިޔަބައިމީހުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅާންވީ ކީއްކުރާން ހެއްޔެވެ؟ ދޮރު ހުޅުވާށެވެ. މިގޭގެ މުދާ ބަހާނީ ތިޔަބައިމީހުނާ އަހަރެމެންނާ ހަމަހަމަޔަށެވެ."
ނޯކަރަކު ގާއުކާން ފަށައިފިއެވެ. ވާހަކަދައްކާ މީހާ ހިމޭންވެއްޖެއެވެ. އެއަށްފަހު މުޅި ބަގީޗާގެ ތެރެއިން ހަޅޭކުގެ އަޑު އިވޭންފަށައިފިއެވެ. އެއާއެކު އެތައްބަޔަކު ގެއާ ދިމާކޮށްފިއެވެ. ދުނީގެ ސަބަބުން އެތައްބަޔަކު ޒަޚަމުވެގެން ވެއްޓިއްޖެއެވެ. އަނެއްބަޔަކު ފަހަތަށް ޖެހިއްޖެއެވެ. ނަމަވެސް އެއްބަޔަކު ފެންޑާގެ ތެރެޔަށް ވަނުމުގައި ކާމިޔާބު ހޯދައިފިއެވެ. ފެންޑާއަށް ވަން މީހުން ސިޑީގެ ދޮރު ވައްޓަން މަސައްކަތް ފަށައިފިއެވެ. އެއަށްފަހު އަނެއްކާވެސް ލުޓޭރުންގެ ރާޅެއް އަތުވެއްޖެއެވެ. އެތައްބަޔަކު ގޭތެރެޔަށް ވަދެއްޖެއެވެ. ގޭގެ ފާރަވެރީން ހެސްކިޔައިފައި ދުނި އުކަމުން ގެންދިޔައެވެ. އެކަމަކު ފެންޑާއަށް ވަންމީހުންނަކަށް ދުނީގެ ނުރައްކަލެއް ނެތެވެ.
يـاسمـين ހަޅޭފުޅު ލައްވައިގެންނެވިއެވެ. "ماه بانو އެވެ. އެމީހުންތައް ދޮރު އެބަ ހަލާކުކުރެއެވެ."
ماه بانو ނޯކަރުން ގާތު ވިދާޅުވިއެވެ. "ކަލޭގެ އެކުވެރީން މިތަނަށް ގެންނާށެވެ. ކޮޓަރީގެ ދޮރު ބަންދުކުރާށެވެ. އެމީހުން މިދޮރުވެސް ހަލާކު ކޮށްލައިފިނަމަ ޖެހިގެންހުރި ކޮޓަރިޔަށް ދާނީއެވެ. އަހަރެމެންނަކަށް އެނޫންގޮތެއް ނެތެވެ. އެންމެފަހު ވަގުތާ ހަމަޔަށްވެސް އުންމީދުގެ ދާވަނި ދޫކޮށްލައިގެން ނުވާނެއެވެ."
އިރުކޮޅެއްގެ ތެރޭގައި ހުރިހައި ނޯކަރުން އެކޮޓަރިޔަށް ޖަމާވެއްޖެއެވެ. ކުއްލިޔަކަށް ސިޑީގެ ދޮރު ހަލާކުވެގެން ވެއްޓުނު އަޑު އިވިއްޖެއެވެ. ލުޓޭރުންތައް މައްޗަށް އަރާން ފަށައިފިއެވެ. ލުޓޭރުން އިރުކޮޅަކުން ކޮޓަރީގެ ދޮރު އެތެރެޔަށް ކޮއްޕާން ފަށައިފިއެވެ. އެތެރޭގައި ތިބި ނޯކަރުން ބޭރަށް ކޮއްޕަނީއެވެ. ކުއްލިޔަކަށް ތިރީން މީހަކު ގޮވާލި އަޑު އިވިއްޖެއެވެ. "ފާޖު އަތުވެއްޖެއެވެ! ފާޖު އަތުވެއްޖެއެވެ!" އެއާއެކު އަސްތަކެއް ކަޑަބޮއްޖަހާ އަޑުވެސް އިވިއްޖެއެވެ. ލަހެއްނުވެ އަސްވާރުންތަކެއް ގޯތިތެރެޔަށް ވަދެ ލުޓޭރުންނާ ޙަމަލަދީފިއެވެ. ދޮރު ހަލާކުކުރާން އުޅޭ މީހުންވެސް އިރުކޮޅަކުން މަސައްކަތް ހުއްޓައިލައިފިއެވެ. ماه بانو ތިރިބައްލަވައިލެއްވިއިރު ލުޓޭރުންގެ ވިއްސަކަށް މީހުންގެ ހަށިތައް ވިހުރުވިފައި ހުއްޓެވެ. ހަތިޔާރުއެޅި އަސްވާރުންތަކެއްވެސް ގޯތިތެރޭގައި ތިއްބެވެ. އޭނާ ދެނެވަޑައިގަންނަވާ އަޑުފުޅަކުން "ماه بانو! ماه بانو!" އެވެ ގޮވާންފަށައިފިއެވެ.
"حسّان! حسّان!" އޭނާގެ ހިތްޕުޅުގެ ތެޅުން އޭނާއަށް ދެންނެވިއެވެ. އޭނާގެ އަނގަފުޅަކުން އަޑުފުޅެއް ބޭރެއް ނުކުރެއްވުނެވެ. މުޅި ހާދިސާ އޭނާއަށް ހީފުޅުވަނީ ހުވަފެންފުޅެއްހެންނެވެ. އޭނާގެ ލޯފުޅުން ކަރުނަފޮދު އޮހޮރިގެންފިއެވެ. އޭނާ ގިސްލައްވަމުން يـاسمـين އާ އޮޅުލައިވަޑައިގެންފިއެވެ." އެއީ حسّان އެވެ. يـاسمـين އެވެ. މާތް اللّـه އަޅުގަނޑުމެންނަށް މަދަދު ދެއްވާނެކަން އަޅުގަނޑަށް ކުރީންވެސް ޔަގީންކުރެވެއެވެ."
"ماه بانو! ماه بانو!" حسّان އަނެއްކާވެސް ވަރަށް ބާރަށް ގޮވައިލެއްވިއެވެ.
يـاسمـين ވިދާޅުވިއެވެ. "އޭނާއަށް ޖަވާބު ދެއްވާށެވެ. އޭނާ ކަލާއަށް ވިދާޅުވަނީއެވެ."
ماه بانو ވަރަށް އުނދަގުލުން ވިދާޅުވިއެވެ. "އަޅުގަނޑު ދުނިޔޭގައި އެބަހުރީމެވެ. މިތާނގައެވެ."
ތިރީން سُهيل ގެ އަޑުފުޅު އިވުނެވެ. "يـاسمـين ކޮބައިތޯއެވެ؟"
އަޅުގަނޑާއެކު އެބަހުންނެވިއެވެ."
"ޒަރުބަޚުތު؟" حسّان ސުވާލުކުރެއްވިއެވެ.
"އޭނާ ގެއަކު ނުއުޅުއްވައެވެ." ماه بانو ކަރުނަފޮދު ފޮއްސަވަމުން ޖަވާބު ދެއްވިއެވެ.
يـاسمـين ވިދާޅުވިއެވެ. "ماه بانو އެވެ. އަޅުގަނޑު ތިރިޔަށް ދަނީއެވެ."
އޭނާ އިޝާރަތްކޮށްލެއްވުމުން ނޯކަރުން ދޮރު ހުޅުވައިފިއެވެ. يـاسمـين ތިރިޔަށް ފައިބައިވަޑައިގެންފިއެވެ. حسّان އާއި سُهيل އާ ދެބޭފުޅުން يـاسمـين ފެނިވަޑައިގެންނެވުމުން އަސްމަތީން ފައިބައިވަޑައިގެންފިއެވެ. يـاسمـين ޝުކުރުވެރިވެވަޑައިގެންނެވުމުގެ ބެއްލެވުމަކުން سُهيل އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެއަށްފަހު حسّان އާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. އަޅުގަނޑަކީ يـاسمـين އެވެ."
"އަޅުގަނޑަށް އެނގެއެވެ." حسّان ޖަވާބު ދެއްވިއެވެ. "ماه بانو ޒަޚަމުވެވަޑައެއް ނުގަންނަވާތޯއެވެ؟ އޭނާގެ ހާލުކޮޅު ރަނގަޅުތޯއެވެ؟"
އަސްވާރެއް އައިސް حسّان ގެ އަރިހުގައި ދެންނެވިއެވެ. "އަޅުގަނޑުމެން ދޮރޯށިކައިރީން ތިރީހަކަށް ސާޅީހަކަށް މީހުން ހައްޔަރުކޮށްފީމުއެވެ. އެމީހުންނާމެދު އަމުރުފުޅަކީ ކޮބައިތޯއެވެ؟ އެބައިމީހުންގެ ގާތުގައި މިހިރަ ކަށްތައް ނަގައިގެން ގެންދާށޭ ބުނާށެވެ! އެއަށްފަހު އެބައިމީހުން ކިއްލާއަށް ގެންދާށެވެ!"
އިރުކޮޅެއްގެފަހުން އެބޭފުޅުން ތިއްބެވީ ބާލުޚާނާގެ ކޮޓަރިއެއްގައެވެ. حسّان، ماه بانو ގެ އަރިހުގައި ވިދާޅުވިއެވެ. "ކަލާ ޔަގީންކުރައްވާށެވެ. އަޅުގަނޑު އަތުވެއްޖައީމެވެ. އަޅުގަނޑުމެން ހީކުރީ ތިޔަބޭފުޅުން ބެހެރާޝޭރުގައި ނުތިއްބަވާނެ ކަމުގައެވެ. ބޭރު ދޮރޯށި ހުޅުވިފައި ހުއްޓައި ފެނުމުން އެތެރެޔަށް ވަނީއެވެ. سُهيل އަށް ތިޔަބޭފުޅުންގެ ޚާދިމު ފާހަގަކުރެވިއްޖެއެވެ. އޭނާ އޮތީ ދޮރޯށީގެ ހަރުފަތް މައްޗަށް ވެއްޓިފައެވެ. އޭރު އޭނާ އޮތީ ނޭވާހޮޅިޔަށް އެޅިފައެވެ. އޭނާއަށް ބުނެވުނީ ލުޓޭރުން ގެޔަށް ޙަމަލަދިން ވާހަކައާއި ތިޔަބޭފުޅުން އެތެރޭގައި ވަޑައިގެންވީ ވާހަކައެވެ. ޒަރުބަޚުތުގެ ޚަބަރެއް ލިބިވަޑައެއް ނުގަންނަވާތޯއެވެ؟"
ماه بانو ޖަވާބު ދެއްވިއެވެ. "އޭނާ ޒަޚަމުވެވަޑައިގެންނެވުމާ ވިދިގެން ވަނީ މަދާއިނަށް ގެންގޮސްފައެވެ.
"އޭނާ މިނިވަންވެވަޑައިގެންނެވީތޯއެވެ؟"
"އާދޭހެވެ."
"ކާއޫސު ކޮބައިތޯއެވެ؟"
"އޭނާވީ ޒަރުބަޚުތުގެ އަރިހަށް ގޮހެވެ."
"ތިޔަބޭފުޅުންނަށް މިހާލުކޮޅާ ކުރިމަތިލައްވާން ޖެހިވަޑައިގަންނަވާނެކަން އެނގުނުނަމަ އަޅުގަނޑު އިރުއޮއްސުމާއެކު މިތަނަށް އަތުވެއްޖައީމުހެވެ. ކިސްރާގެ ލަޝްކަރު ބެހެރާޝޭރު ހުސްކުރާކަން އަޅުގަނޑުމެންނަށް އެނގުނީ މެންދުރެއްހައި އިރުއެވެ. ޒަރުބަޚުތު ޒަޚަމުވެފައިވަނީ ވަރަށް ބޮޑަށްތޯއެވެ."
"އަޅުގަނޑަކަށެއް ނޭނގެއެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބޭބޭފުޅުގެ ހާލުކޮޅުވަނީ ނުރައްކަލުން ބޭރުގައެވެ."
"ބޭބޭފުޅާމެދު ކަލާ ކަންބޮޑުވެވަޑައިނުގަންނަވާށެވެ. މާތް اللّـه ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ވަރަށް އަވަހަށް މަދާއިނަށް (އިރުމަތީ މަދާއިނަށް) ދާނޫއެވެ. ދެން އަޅުގަނޑު ދިޔުމުގެ ހުއްދަ ދެއްވާށެވެ."
"ކަލާ ވަޑައިގަންނަވަނީތޯއެވެ؟" ماه بانو ގެ މޫނުފުޅުމައްޗަށް އުދާސްކަން ވެރިވެގަތެވެ.
"އާދޭހެވެ. އަޅުގަނޑު ކުރާންވެފައި ވަރަށްގިނަ މަސައްކަތް އެބަހުއްޓެވެ. ކަލާ ހިތްޕުޅު ހަމަޖައްސަވާށެވެ. ދެނެއް ކަލާއަށް އެއްވެސް ނުރައްކަލެއް ނޯންނާނެއެވެ."
ماه بانو އާއި يـاسمـين އާ ދެބޭފުޅުން އިރުކޮޅެއްގެފަހުން ތިއްބެވީ ފެންޑާމަތީގައެވެ. حسّان އަސްމައްޗަށް ސަވާރުވެވަޑައިގަންނަވާތަން ބައްލަވާށެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު