ގދ. ތިނަދޫން ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ މީހަކު އެރަށަށް އަރުވަން ދެކޮޅު ހަދައި ވިލިނގިލީގެ ރައްޔިތުން އިހުތިޖާޖު ކުރާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން ބުނީ، ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ބަލި މީހަކު އެރަށަށް އެރުވުމާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު އިހުތިޖާޖު ކުރަމުންދާތީ ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ވިލިނގިލީ ކައުންސިލު މެންބަރު ހަބީބު ހަސަން "ވަން" އަށް ވިދާޅުވީ، ތިނަދޫން ޕޮޒިޓިވް ވި އެ ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ގެންދިޔައީ އަތޮޅު ހޮސްޕިޓަލާއި ރަށުގައި އޮންނަ ޕަބްލިކް ހެލްތު ޔުނިޓާއި ހެލްތު މިނިސްޓްރީ އަދި އެޗްޕީއޭ އިން މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
ނަމަވެސް އޭނާއަކީ ކޮވިޑަށް ޕޮޒިޓިވް އަދި ހައި ރިސްކު މީހަކަށްވާތީ، އޭނާ ރަށަށް ބާލާ ތަނުގައި އާންމުން އެއްވެ އުޅޭތީ، އަދިވެސް ބަލި މީހާ އިނީ ސީއެމްބިއުލާންސްގައި ކަމަށް ހަބީބު ވިދާޅުވި އެވެ.
"އެހާ ގިނަ ބަޔަކު ނެތް. ނަމަވެސް އިހުތިޖާޖުކުރާ މީހުންގެ ކަންބޮޑުވުމަކީ ކޮވިޑަށް ޕޮޒިޓިވް މީހަކު ރަށަށް އެރުވުން. ރަށުގައި އަދި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތަކެއް ވެސް ނެތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް،" ހަބީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރަށުގައި ހުރި ކޮވިޑް ފެސިލިޓީގައި ބަލި މީހާ އެޑްމިޓް ކުރުމަށް އޭނާ ރަށަށް އެރުވުމަށްޓަކައި އިހުތިޖާޖުކުރާ މީހުން ކޮންޓްރޯލް ކުރުމަށް ރަށުގައި ތިބި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެމްއެންޑީއެފްގެ ހާބާ ޕެޓްރޯލް ލޯންޗެއް ވެސް ރަށަށް އައިސްފައިވާ ކަމަށް ވިދާޅުވި އެވެ.