ސިއްހަތު

ކަންފަތުގައި ރިއްސަނީތަ؟ މިއޮތީ ގޭތެރެއިން ހޯދިދާނެ ބައެއް ފަރުވާ

އީމާ މުހައްމަދު ވަހީދު

ކަންފަތުގައި ރިއްސުމަކީ އާއްމުކޮށް މީހުންނަށް ދިމާވާ ކަމަކަށް ނުވި ނަމަވެސް، އެ ވޭން ތަހައްމަލު ކުރާ ބައެއް މީހުންވެސް އުޅެއެވެ. ކަންފަތުގެ ރިހުމަކީ އެހެން ގުނަވަންތަކުގައި ރިއްސާ ރިއްސުމަށްވުރެ ތަދު ވަރުގަދަ އަދި ވޭން ހުރި ރިހުމެކެވެ. އެގޮތުން ކަންފަތުގައި ރިހުމަކީ ބައެއް ފަހަރު ކާއެއްޗެހި ހެފުމާއި ނިދުމާއި އާއްމު ދިރިއުޅުމުގެ ބައެއް ކަންކަން ކުރާއިރު އުނދަގޫތަކާ ކުރިމަތި ވާ ކަމެކެވެ. މީގެ އިތުރުން ކަންފަތުގައި ރިހުމަކީ މަސައްކަތް ކުރަން ފޫހިވެ މީހުންނާ ވާހަކަދައްކަން ވެސް ފޫހިވާ ކަމެކެވެ.

ކަންފަތުގައި ރިހެން މެދުވެރިވާ އެންމެ އާންމު އެއް ސަބަބަކީ ކަންފަތުގެ ތެރޭގައި ނުވަތަ ބޭރު ކައިރީ ޖަރާސީމު އުފެދުމެވެ. މީގެ އިތުރުން ބައެއް ފަހަރު ހަންގަނޑު މައްސަލަތަކުގެ ސަބަބުންނާއި ކަންފަތަށް ފެން އެޅުމާއި އެލާޖިކް ވުމުންވެސް ކަންފަތުގައި ރިހުމަށް މެދުވެރި ވެއެވެ.

ކޮވިޑް 19 ހަލުވިކަމާއިއެކު ފެތުރެމުން މިދާ ދުވަސްކޮޅުގައި ކަންފަތުގައި ރިހުން ފަދަ އާދައިގެ ކުދިކުދި ކަންކަމުގައި ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކަން ބައެއް މީހުން ބޭނުމެއް ނުވާނެއެވެ. ކަންފަތުގައި ރިއްސާތީ ގޮތް ހުސްވެފައި ތިބި މީހުންނަށް ފަސޭހައިން ކަންފަތުގެ ރިހުމަށް ގޭތެރެއިން ލުއި ހޯދިދާނެ ގޮތްތަކެއް އެބަހުއްޓެވެ.

ލޮނުމެދުގެ ބޭނުން

ލޮނުމެދުގައި ހިމެނޭ އެންޓި ބެކްޓީރިއަލް މާއްދާގެ ސަބަބުން ޖަރާސީމު އުފެދުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދައިދޭނެއެވެ. އެހެންނަމަވެސް ލޮނުމެދަކީ އެންޓިބަޔޮޓިކްގެ ބަދަލުގައި ބޭނުން ކުރެވިދާނެ ފަރުވާއެއް ނޫންކަން ދަންނަން ވާނެއެވެ. އެކަމަކު އަވަހަށް ކަންފަތުގެ ރިހުން ފަދަ ރިހުންތަކަށް ލުއި ހޯދުމަށް ލޮނުމެދު ބޭނުން ކުރެވިދާނެއެވެ. އެގޮތުން ކަންފަތުގައި ރިއްސާނަމަ ރޯ ލޮނުމެދެއް ފަޅިކޮށްލާފައި އެއްބައި ހަފައިލާށެވެ. މީގެ އިތުރުން މަސްޓަޑް އޮއިލް ތެރެއަށް ލޮނުމެދު އެޅުމަށްފަހު ކުޑަކޮށް ކައްކާލާފައި ލޮނުމެދު ތެޔޮ ކޮޅެއް ތައްޔާރު ކޮށްލާށެވެ. އެއަށްފަހު އެ ތެޔޮ ކޮޅުން ކަންފަތަށް ދެތިން ތިކި ޖަހާށެވެ. އޭރުން ރިހުން އަވަހަށް މަޑުވާނެއެވެ.

އިނގުރުގެ ބޭނުން

އިނގުރަކީ އޭގައި އެންޓި ބެކްޓީރިއަލް އަދި އެންޓި ފްލެމެންޓްރީގެ ބައި ވަރަށް ބޮޑަށް ހިމެނޭ ބާވަތަކެވެ. އެގޮތުން ކަންފަތުގައި ރިއްސާނަމަ އިނގުރު ދިޔަ ފެލުމަށްފަހު އެ ދިޔަ ކަންފަތުގެ ބޭރު ކައިރީގައި ހޭކިދާނެއެވެ. މީގެ އިތުރުން މަސްޓަޑް ތެޔޮ ތެރެއަށް އިނގުރު ކުދިކޮށް ކޮށާފައި އަޅައިގެން އެ ކެއްކުމަށްފަހު އިނގުރު ތެޔޮވެސް ތައްޔާރު ކުރެވިދާނެއެވެ. އެއަށްފަހު ކަންފަތަށް އިނގުރު ތެޔޮ ދެތިން ތިކި ޖެހިދާނެއެވެ. އޭރުންވެސް ކަންފަތުގެ ރިހުން އަވަހަށް މަޑުވާނެއެވެ.

އޮލިވްއޮއިލްގެ ބޭނުން

އޮލިވް އޮއިލް އަކީ ހަށިގަނޑުގެ ބައެއް ތަންތަނުގައި ރިއްސާނަމަ ރިހުން މަޑުކުރަން ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން އޮލިވް އޮއިލް ކުޑަކޮށް ހޫނުކޮށްލާފައި ކަންފަތަށް އޭގެ ތިކި ޖެހިދާނެއެވެ. އޭރުންވެސް ފަސޭހައިން ކަންފަތުގެ ރިހުމަށް ލުއި ލިބޭނެއެވެ. މާގިނައިން ކަންފަތަށް ތިކި ނުޖެހުމަށް ވިސްނަން ވާނެ އެވެ. ދެރިން ތިކިން ލުއި ނުވާ ނަމަ އިތުރަށް ނުޖަހާށެވެ.

ކަންފަތުގެ ރިހުން މަަޑުނުވެ ވަރަށް ގަދަޔަށް ރިއްސައި އަަޑުއިވުމުގައި ވެސް މައްސަލަތައް ދިމާވާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަކަށް ދެއްކުމަކީ ވަރަށް މުހިންމު ކެމެކެވެ. ކަންފަތުގައި ރިއްސާތީ ގޭތެރެއިން މަތީގައި ފާހަގަކޮށްލި ފަރުވާތައް ހޯދަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދައިލުމަކީ ވެސް ވަރަށް އެދެވިގެންވާ ކަމެކެވެ.