އިދިކޮޅު ފަރާތްތަކުން މިއަދު ގައުމު ވިއްކާލާކަމަށް ބުނެ ދޮގު ވާހަތައް ފަތުރަމުން ދަނީ ވައްކަމާނުލައި ތަރައްގީ ކުރެވޭކަން މި ސަރުކާރުން ދައްކައިދީފާނެތީ ބިރުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ސިޔާސީ ދުނިޔެ" ޕްރޮގްރާމްގައި ރޮޒައިނާ ވިދާޅުވީ އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ގާއިމް ކުރަނީ ޕޮލިސް އެކަޑަމީއެއް ކަމަށާއި އެއީ އެއްވެސް ގައުމެއްގެ މިލިޓަރީ ބޭސްއެއް ނޫން ކަމަށެވެ. އެތަނުގެ މަސައްކަތްތައް ނިމުމާއެކު ދިވެހި ސަރުކާރާ ހަވާލު ކުރެވޭނެ ކަމަށާއި އެތަނުގެ ސަބަބުން އައްޑޫގެ އިގްތިސޯދު ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒަައިނާ ވިދާޅުވީ އެތަނުގައި ކުރިއަށްދާނީ ދިވެހި ފުލުހުންގެ ޓްރެއިނިންތައް ކަަމަށާއި އޭގެ އިތުރުން ވިސްނުން ހުރީ އެތަނުގައި ކަސްޓަމްސްއާ އިމިގްރޭޝަން ފަދަ އިދާރާތަކުގެ ޓްރެއިނިންތައްވެސް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ވަރަށް ބޮޑަށް އޮޅުވާލުމަށް ކަމަށާއި އެފަރާތްތަކުން މަސައްކަތް ކުރަނީ ދޮގުތަކެއް ހަދައިގެން އިންޑިއާ ސަރުކާރާ ދިވެހި ރައްޔިތުން ޖެއްސުމަށް ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
"ހަގީގަތުގައި އެމަސައްކަތް ކުރާ ބޭނުމެއްވެސް އަޅުގަނޑުމެންނަށް އޮޅިގެނެއް ނޫޅެން. ހަގީގަތުގައި ވެގެން މިއުޅޭ ގޮތަކީ މިހާރު އިންޑިއާއެކު މި ކުރާ މަސައްކަތްތަކުން މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ލިބިގެންދާނެ ތަރައްގީއާ ހެދި މިބޭފުޅުން ބިރު ގަންނަނީ. މި ތަރައްގީ ފެނިގެން ދިޔައީމަ މިބޭފުޅުންނަށް ދެން ވެރިކަމަށް އައުމުގެ ފުރުސަތު ނުލިބިދާނެތީ ބިރު ގަންނަނީ. ވައްކަމާނުލައި ތަރައްގީ ކުރެވޭކަން ދައްކައިދީފާނެތީ އެކަމުގެ ބިރު މި ބޭފުޅުންނަށް ހީވެގެން އިންޑިއާއާ ރައްޔިތުންނާ ޖައްސައިގެން މިކަންކަން ކުރެވުނަ ނުދޭން ވެގެން މިއުޅެނީ،" ރޮޒައިނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮވިޑް ތެރޭގައި އެއްވެސް އެއްޗެއް ވިއްކާލައިގެން ނޫޅޭ ކަމަށާއި އެކަން ކުރުމުގެ ފުރުސަތެއްވެސް ނޯންނާނެ ކަމަށެވެ. މި ގައުމުން ވިއްކާލި އެއްޗެއް ނެތް ކަމަށާއި ނަމަވެސް ގައުމު ވިއްކާލި ކަމަށް ބުނެ ނުކުމެ އުޅެނީ ގައުމު ވިއްކާލި މީހުން ކަމަށެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ފާޑުވިދާޅުވެ ރޮޒައިނާ ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރަނީ ސިޔާސީ ފައިދާ ނެންގެވުމަށް ކަމަށާއި މިފަދަ ދަނޑިވަޅެއްގައި އެގޮތަށް މުޒާހަރާ ކުރުމުން ދޭހަވަނީ ދިވެހި ރައްޔިތުންގެ ސިއްހަތާމެދު ވަހީދުގެ އެއްވެސް ފަރުވާލެއްނެތުން ކަމަށެވެ. އަދި ވިދާޅުވީ ސިއްހީ ނިޒާމަށް ގެއްލުންވާނޭ ގޮތަކަށް އަމަލުތައް ބެހެއްޓުމުން ދޭހަވަނީ އެމަނިކުފާނުގެ ގައުމީ ވަންތަކަން ނެތް ކަމަށާއި ރައްޔިތުންނާމެދު ނުވިސްނަވާކަން ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ ބައްޔަށް ރައްޔިތުން ހުށަހެޅޭ ގޮތަށް އަމަލުތައް ކުރެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މި ސަރުކާރަށް ފާޑު ވިދާޅުވުމުން ހިތާމަކުރައްވާ ކަމަށެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެފަދަ އަމަލެއް ހިންގުމަކީ ވަރަށްވެސް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް